Roadha Mihaaru
ޑްރަގް ނަގާ ކުދިންގެ ފަރުވާ އަންގާރަ ދުވަހު ފަށަނީ

ޑްރަގް ބޭނުންކުރާ ކުދިންގެ ފަރުވާ އަންގާރަ ދުވަހު ފަށަނީ

19 ޖޫން 2018

މަސްތުވާތަކެތި ބޭނުންކުރާ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ފަރުވާ ދޭ ހާއްސަ ކްލާސްތައް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މަސްތުވާތަކެތި ބޭނުންކުރާ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ފަރުވާ ދޭ ހާއްސަ ކްލާސްތައް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.

ހޯމް މިނިސްޓްރީ އާއި އެންޑީއޭ ގުޅިގެން އެ ކްލާސްތައް ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ އަންގާރަ ދުވަހު ފާހަގަ ކުރާ، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލް އަގްވާމީ ދުވަހު އެވެ.

މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނަށް ފަރުވާ ދިނުމަށް ވަކި މަރުކަޒެއް ގާއިމު ކުރުމަށް މަސްތުވާތަކެއްޗާ ބެހޭ ގަވައިދުގައި ލާޒިމްކުރި ނަމަވެސް މިހާތަނަށް އެ ފަދަ ތަނެއް ނެތެވެ. އެހެންވެ، އެ ފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ކުދިންނަށް ފަރުވާ ދިނުމަށް ނެރޭ އަމުރުތައް ވެސް ތަންފީޒެއް ނުކުރެވެ އެވެ.

އެންޑީއޭގެ ސީއީއޯ ހަސަން ޝަހީލް މިއަދު ވިދާޅުވީ އުމުރުން 18 އަހަރު ނުވާ ކުދިންނަށް އެ ކްލާސްތައް ހިންގާނީ، އެ ކުދިންގެ އާއިލާއާ އެކުގައި ތިބެވޭ ގޮތަށް ކަމަށެވެ. އެގޮތުން އެހެން ރިހިބިލިޓޭޝަން ޕްރޮގްރާމްތަކާ ހިލާފަށް، ކޮންމެ ދުވަހަކު އެންޑީއޭ އަށް ހާޒިރުވެ، ކްލާސްތަކުގައި ބައިވެރިވުމަށް ފަހު އެނބުރި ގެއަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންޑީއޭން ލަފާ ކުރާ ގޮތުން، ފަރުވާގެ ކްލާސްތައް ފަށާ އިރު ވިއްސަކަށް ކުދިން ބައިވެރިވާނެ އެވެ. އަދި ޕްރޮގްރާމް ކުރިއަށް ދާ ވަރަކަށް އެ އަދަދު އިތުރު ވާނެ ކަމަށް އެ ތަނުން ބުންޏެވެ.

ފަރުވާ ދިނުމަށް ޑްރަގް ކޯޓުން އަމުރު ކުރާ ކުދިންގެ އިތުރުން އަމިއްލަ އަށް ބޭނުން ވެގެން ވެސް ކުދިންނަށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެވެ.

"އަޅުގަނޑުމެން މި ކްލާސްތައް ހިންގަނީ ތިން މަސް ދުވަހަށް. އެކަމަކު އެކި ކުދިން ރިކަވާވުމަށް ނަގާނީ އެކި މުއްދަތު. އެހެންވީމަ، ސީދާ ކްލާސްތައް ކުރިއަށް ދާނެ މުއްދަތު، ނުވަތަ އެ މުއްދަތު އިތުރު ކުރަން ޖެހޭ ނަމަވެސް އެކަން އެނގޭނީ ކްލާސްތައް ފެށުނީމަ،" ޝަހީލް ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުންކުރާ ބޮޑެތި މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގެ ބައެއް ރަށްރަށުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގި ނަމަވެސް، ކުޑަކުދިންނަށް ފަރުވާ ދެވޭނެ ގޮތެއް މިހާތަނަކަށް ނެތެވެ.