Roadha Mihaaru
އެއްކިލޯގެ ޑްރަގާ ހަވާލުވާން ދިޔަ މީހާ ހައްޔަރުކޮށްފި

ދިރުވާލައިގެން އެއް ކިލޯގެ ޑްރަގް އެތެރެކުރި މީހަކު އަތުލައިގަނެ، ހަވާލުވާން ދިޔަ މީހާ ހައްޔަރުކޮށްފި

23 ޑިސެމްބަރ 2024

ހަށިގަނޑުގައި ރައްކާ ކޮށްގެން އެއް ކިލޯގެ މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރަން މަސައްކަތް ކުރި ބްރެޒިލްގެ މީހަކާއި އެ ތަކެއްޗާ ހަވާލުވާން ދިޔަ ދިވެހި މީހާ ހައްޔަރުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ހަށިގަނޑުގައި ރައްކާ ކޮށްގެން އެއް ކިލޯގެ މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރަން މަސައްކަތް ކުރި ބްރެޒިލްގެ މީހަކާއި އެ ތަކެއްޗާ ހަވާލުވާން ދިޔަ ދިވެހި މީހާ ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކުރީ ބްރެޒިލްގެ އުމުރުން 44 އަހަރުގެ ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ އޭނާގެ ބަންދު އަމުރުގައިވާ ގޮތުން، ހަށިގަނޑު ތެރޭގައި ރައްކާ ކޮށްގެން އުޅުނު 107 ބުލެޓު ފެނިފައިވެ އެވެ.

ފުލުހުންނާ ހަވާލާދީ، ކޯޓު އަމުރުގައިވާ ގޮތުން އެ މީހާގެ ހަށިގަނޑު ތެރެއިން ފެނުނު ޑްރަގްގެ ވަގުތީ ބަރުދަން އެއް ކިލޯ އަށް ވުރެ މައްޗެވެ.

ފުލުހުން ވަނީ މަސްތުވާތަކެއްޗާ ހަވާލުވާން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ މީހާ ވެސް ހައްޔަރު ކޮށްފަ އެވެ. އެއާ ހަވާލުވާން ދިޔަ ކަމަށް ތުހުމަތުކޮށް، ހައްޔަރު ކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މައްސަލަ ވަކީލެއްގެ އެހީގައި ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބުނެފައިވާތީ، ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ދިނީ ފަސް ދުވަހެވެ.

އެ ދެ މީހުންގެ މައްޗަށް ވެސް ކުރަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ބޭނުންކޮށް، ގެންގުޅެ ވިޔަފާރި ކުރުމުގެ ތުހުމަތެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބޮޑު ކުށެކެވެ.