Roadha Mihaaru

މަރުގެ އަދަބު ތަންފީޒު ކުރުމުގެ އިޖުރައާތު ގާނޫނުގައި ހިމަނައި، މި ދައުރުގައި އަމަލުކުރަން ފަށާނަން: އިހުސާން

މަރުގެ އަދަބު ތަންފީޒުކުރުމުގެ އިޖުރައާތު މިހާރު އޮތީ ގަވާއިދެއްގައި ކަމަށް ވާތީ އެކަމާ ބެހޭ އުސޫލުތައް ގާނޫނެއްގައި ހިމެނުމަށް ފަހު، އަމަލުކުރަން ފަށާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މަރުގެއަދަބު ތަންފީޒުކުރާ އިޖްރައާތު ގާނޫނުގައި ހިމަނަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

31 ޖުލައި 2025

މަރުގެ އަދަބު ތަންފީޒުކުރުމުގެ އިޖުރައާތު މިހާރު އޮތީ ގަވާއިދެއްގައި ކަމަށް ވާތީ އެކަމާ ބެހޭ އުސޫލުތައް ގާނޫނެއްގައި ހިމެނުމަށް ފަހު، އަމަލުކުރަން ފަށާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކުރާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އިއުލާން ކުރައްވައިފަ އެވެ.

އެއާއެކު، ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވީ، މިހާރު ވެސް މަރުގެ މައްސަލަތަކުގައި މަރަން ހުކުމް ކުރިޔަސް، އެ އަދަބު ތަންފީޒު ނުވާތީ އެވެ. އެހެންވެ، ޑްރަގުގެ ވިޔަފާރީގެ މައްސަލަ ހައްލުވާނެތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އިހުސާން "މިހާރު" އަށް ވިދާޅުވީ މަރުގެ އަދަބު ދިނުމުގެ އިޖުރައާތު މިހާރު ކަނޑައަޅާފައި އޮތީ ގަވާއިދެއްގެ ދަށުން ކަމަށެވެ. ނަމަވެސް، ގަވައިދެއްގެ ދަށުން މަރުގެ އަދަބު ތަންފީޒުކުރަން ސަރުކާރުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މަރުގެ އަދަބު ދޭނެ ގޮތުގެ އިޖުރާއަތްތައް ކަނޑައަޅައި، ޖިނާއީ އިޖުރައާތުގެ ގާނޫނަށް އިސްލާހެއް ގެނެސް، މަރުގެ އަދަބު ތަންފީޒު ކުރާނެ ގޮތްތައް އެ ގާނޫނުގައި ހިމަނާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެއީ [މި ދައުރުގެ ތެރޭގައި މަރުގެ އަދަބު ތަންފީޒުކުރުން] އަޅުގަނޑުމެންގެ ޓާގެޓަކީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން މިހާރު ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މިހާރު ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން މަރުގެ އަދަބު ކަނޑައެޅެނީ ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައި އެކަންޏެވެ. މަރުގެ މައްސަލަތަކުގައި، ސުޕްރީމް ކޯޓުން މަރުގެ އަދަބު ދަމަހައްޓާފައި ތިބި ހަތަރު މީހަކު މިހާރު ވެސް އެބަތިއްބެވެ. އެކަމަކު 1953 ވަނަ އަހަރު ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒު ކޮށްފައެއް ނުވެ އެވެ.

އިހުސާން ވިދާޅުވީ ޑްރަގް އެތެރެކުރުމުގެ މައްސަލަ ހައްލުކުރަން ޖޮއިންޓު ޓާސްކު ފޯހުން މަސައްކަތްކުރާ ކަމަށެވެ. އަދި މިހާރު ވެސް މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުންނަށް މަރުގެ އަދަބު ދީގެން ތިން ގައުމެއްގައި އެކަން ހައްލުކޮށްފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ސަޕްލައި ކުރާ މީހުންނަށް ހަރުކަށި އަދަބު ދީގެން ނޫނީ ނުހުއްޓޭނެ،" އިހުސާން ވިދާޅުވި އެވެ.

"ސަޕްލައި ސައިޑުން ހިންގާ އޮޕަރޭޝަންތަކުން ނެގޭ މީހުންނަށް މަރުގެ އަދަބު ދިނުމަކީ ދާއިމީ ހައްލު އަންނާނެ ކަމަށް."

މީހުން މެރުމުގެ މައްސަލަތަކުގައި ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގަވައިދެއް ހަދައި އެކަމުގެ މަސައްކަތްތައް ކުރި އެވެ. ނަމަވެސް، އެ ސަރުކާރު ނިމުނުއިރު ވެސް އެއްވެސް މީހެއްގެ މަރުގެ އަދަބެއް ތަންފީޒެއް ނުކުރެ އެވެ.