Roadha Mihaaru

ގަޓު ހުރި ހޯމް މިނިސްޓަރެއް، ބިރުގަންނާނެ ނިންމުންތައް އަދި ހުރީ!

01 އޯގަސްޓް 2024

ސަރުކާރުތަކަށް އަތްލާން ނުކުރިގެން ބޮއްސުންލާފައި ކިތަންމެ ކަމެއް އެބަހުއްޓެވެ. ގާނޫނު ތަންފީޒު ކުރަން ފަސްޖެހޭތީ އެވެ؛ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރަން ބަލާއިރު، ރާއްޖޭގައި އޮތީ ގާނޫނާއި ގަވާއިދަށް ތަބާނުވުމުގެ ސަގާފަތެއްކަން ހޯމް މިނިސްޓަރު އަލީ އިހުސާނަށް އެނގިވަޑައިގަންނަވަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުތަކަށް އަތްލާން ނުކުރިގެން ބޮއްސުންލާފައި ކިތަންމެ ކަމެއް އެބަހުއްޓެވެ. ގާނޫނު ތަންފީޒު ކުރަން ފަސްޖެހޭތީ އެވެ؛ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރަން ބަލާއިރު، ރާއްޖޭގައި އޮތީ ގާނޫނާއި ގަވާއިދަށް ތަބާނުވުމުގެ ސަގާފަތެއްކަން ހޯމް މިނިސްޓަރު އަލީ އިހުސާނަށް އެނގިވަޑައިގަންނަވަ އެވެ.

ކުދި ކުށްތަކުން ފެށިގެން އެންމެ ބޮޑެތި އަދަބު ކަނޑައަޅާފައިވާ ކުށްތަކަށް ބިރެއް، ޖެހިލުމެއް ނެތި އަރައިގަންނަނީ ގާނޫނުތަކަށް ވުރެން އެ މީހުންގެ ބާރު ގަދަވީމަ އެވެ. މި ގައުމުގެ ހޯމް މިނިސްޓްރީއާ ހަވާލުވެވަޑައިގަތް މިނިސްޓަރުން ވަރަށް ގަދަ ބަސް ވިދާޅުވެފައި އެބަހުއްޓެވެ. އެކަމަކު، ހައްލެއް ނުހޯއްދެވެ އެވެ. އަބަދުވެސް ފެންނަނީ ކޮންމެވެސް ހިސާބަކުން ދޫދެއްވާފައި ވަޑައިގަތްތަނެވެ.

މިނިސްޓަރު އިހްސާން ވިދާޅުވާ ގޮތުގައި އޭނާއަކީ މި ތަޖުރިބާ ރައްޔިތުން އަނެއްކާވެސް ކުރަން ޖާގަ ދެއްވާނެ ބޭފުޅެއް ނޫނެވެ. މި ވެރިކަމުގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ތަންފީޒުކުރައްވަން ފެއްޓެވި ކަންކަމުން އެކަން ގެންދަވަނީ ސާބިތު ވެސް ކޮށްދެއްވަމުންނެވެ. ގަދަބަސް ވިދާޅުވެ އޭނާ ހުއްޓައެއް ނުލައްވާނެ އެވެ.

"މަގާމާ ހަވާލުވިއިރު ރައީސް ޔަގީންކަން ދެއްވި، މި ސެކްޓާއަށް އަޅުގަނޑުމެންނާ މެންޑޭޓް ކުރެވިފައި ހުރި ކަންކަން ކުރުމުގައި އެއްވެސް މީހެއްގެ ނުފޫޒަށް ބަލައިގެން ނުވާނެ ކަމަށް. ހުދު ރައީސް ވެސް އިންޓަވިން ނުކުރައްވާނެ ކަމަށް. ގަވާއިދާ ހިލާފަށް ދާ ކަންކަމުގައި ހައްލު ހޯދަން ޖެހޭނެ ކަމަށް، ގާނޫނީ ފިޔަވަޅު އެޅެންޖެހޭނެ ކަމަށް." އިހުސާން ވިދާޅުވި އެވެ.

އެއް ކަމަކީ، ބިދޭސީންގެ މައްސަލަ އެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުން ދިޔަ ބިދޭސީންގެ ނެޓްވޯކްތަކެއް ހުއްޓުވައިފި އެވެ. އެ މީހުން އަތްގަދަކޮށްގެން ތިބި ވިޔަފާރިތައް ހުއްޓާލައި ތަޅު އަޅުވަން މަޖުބޫރުކޮށްފި އެވެ.

ދަރުބާރުގޭގައި މިދިޔަ ހަފުތާގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް ޑރ. މުއިއްޒު "ނާރެސް" ޕޯޓަލް ލޯންޗުކޮށްދެއްވާއިރު، އެ މަނިކުފާނުގެ އަރިހުގައި ހޯމް މިނިސްޓަރު އިހުސާން، ރައީސް މަޑުކޮށްލައްވައިގެން.-- ފޮޓޯ: ރައީސް އޮފީސް

ދަރުބާރުގޭގައި މިދިޔަ ހަފުތާގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް ޑރ. މުއިއްޒު "ނާރެސް" ޕޯޓަލް ލޯންޗުކޮށްދެއްވާއިރު، އެ މަނިކުފާނުގެ އަރިހުގައި ހޯމް މިނިސްޓަރު އިހުސާން، ރައީސް މަޑުކޮށްލައްވައިގެން.-- ފޮޓޯ: ރައީސް އޮފީސް

އަނެއް ޖެހިލުން ކުޑަ ނިންމެވުމަކީ މިލިއަނުން، ދައުލަތަށް ދައްކަން ޖެހޭ ބިދޭސީންގެ ފީތައް ނުދައްކައި ވިޔަފާރިކުރަމުންދާ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ލިސްޓް އާއްމުކުރުމެވެ. އެ ލިސްޓުގައި ރާއްޖޭގެ ވަރަށް މަޝްހޫރު ބޮޑެތި ވިޔަފާރި ކުންފުނިތައް ހިމެނޭއިރު، ނުފޫޒާއި ބާރުން ސަރުކާރަށް ޕްރެޝަރު ކުރެވޭނެ ވަރުގެ ކުންފުނިތައް ހުއްޓެވެ.

އެ ލިސްޓަކީ ވަކި މީހަކަށް ނުބަލައި ގާނޫނު ތަންފީޒުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު ތަކުރާރު ކުރައްވާ ވާހަކައިން އާއްމުންނަށް ލިބުނު ޔަގީންކަމެކެވެ. ކުރީ ސަރުކާރުތަކުން ނަމަ ވިޔަފާރިވެރިން ހިމެނޭހެން ދައުލަތަށް ޕްރެޝަރުވެދާނެ ފަދަ ކަމެއްގައި އަތްލާން ބިރުން ފަހަތަށް ޖެހުނު ކިތަންމެ ކަމެއް ރައްޔިތުންނަށް ހުރީ ފެނިފަ އެވެ.

މިކަން އެކަންޏެއް ނޫނެވެ. މިނިސްޓަރު އިހްސާން ގެންދަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާއާ ހަވާލުކުރެއްވި މެންޑޭޓުގެ ތެރެއިން ދައުލަތުގެ ތެރޭގައި ފުނި ޖެހިފައި ހުރި މައްސަލަތައް ހައްލުކުރައްވަމުންނެވެ.

ކުށްކުރުން ހުއްޓުވައި އަމާންކަމާއި ސަލާމަތްތެރިކަން ގާއިމުކުރުމުގެ ޒިންމާ ހަވާލުވެފައި އޮތް ހޯމް މިނިސްޓްރީން ފެށިގެން ކަސްޓަމްސް އާއި އިމިގްރޭޝަނާއި ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ހިދުމަތްތަކާ މެދު ޝައްކުގެ ނަޒަރުން ބަލާ މީހުން މަދެއް ނޫނެވެ. އެކަމަކު، ހޯމް މިނިސްޓަރަށް ވިޔަސް ޕޮލިސް ކޮމިޝަނަރަށް ވިޔަސް މިހާތަނަށް ގަޓު ހުރެގެން، އެކަންކަމާ މެދު ކުރިމަތިލާނެ މީހަކު ނެތީ އެވެ. ނަތީޖާއަކީ، މޫ ލާފައިވާ އެ މައްސަލަތަކުން އެ އިދާރާތައް ސާފުކުރަން އެތައް ގޮންޖެހުންތަކާ ކުރިމަތިވުމެވެ. މިނިސްޓަރު އިހްސާނަށް ރާއްޖޭގެ ކުށުގެ ވެށި އަލެއް ނޫނެވެ. ސިފައިން ގޭގައި އޭނާ އަކީ އިސް މަގާމެއް އަދާކުރެއްވި ޚިދުމަތްތެރި ބޭފުޅެކެވެ. ވަކި ހިސާބަކުން ދުރުގައި، އާއިލީ ވިޔަފާރީގައި ހުންނެވުމަށް ފަހު އަލުން ސަރުކާރުގެ ހިދުމަތަށް ނުކުންނެވީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ހެޔޮ ބަދަލެއް ގެނެވޭނެ ކަމުގެ އުއްމީދު އޮތުމުންނެވެ.

އެކަމަކު ގޮންޖެހުން ބޮޑުކަމާއި ކުރިމަތިވެވަޑައިގަންނަވާނެ އުނދަގޫތައް ވެސް މިނިސްޓަރަށް އެނގިވަޑައިގަންނަވަ އެވެ.

އިހުސާން ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ހާއްސަ އިރުޝާދާއެކު މައްސަލަތައް ހައްލުކުރަން ފަށާފައިވާ އިރު ލިސްޓުގައި އިސްކަންދޭނެ ހަތަރު، ފަސް ކަމެއް އެބައޮތެވެ. އެއީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހަމައަކަށް އެޅުވުމާއި ޑްރަގްސް އާއި ގޭންގު ކުށްތައް ހުއްޓުވުމުގެ އިތުރަށް ކުޑަކުދިން ކުށްތަކަށް ރެކްރޫޓްކޮށް އެ ކުދިން ލައްވައި ކުށަށް އަރައިގަތުން ހުއްޓުވުމެވެ.

"ނުފޫޒަކަށް އަޅުގަނޑު ނުގުޑާނެ"!

ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނާއި ބޮޑެތި ވިޔަފާރިވެރިން ހިމެނޭހެން ބިދޭސީންގެ ފީ ދައުލަތަށް ނުދައްކާ ލިސްޓް އާއްމުކުރުމާ ގުޅޭ ގޮތުން ސުވާލުކުރުމުން މިނިސްޓަރުގެ ޖަވާބު ކުރުވެފައި ސާފެވެ.

މިނިސްޓަރު ވިދާޅުވީ އޭނާގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށެވެ. މަސައްކަތްތައް ފެއްޓެވުމުގެ ކުރިން ރައީސްގެ އިރުޝާދު އޭނާއަށް ލިބިވަޑައިގަތީ ވެސް ނުފޫޒެއްގައި ނުޖެހި، ކެރިގެން ގާނޫނު ތަންފީޒުކުރަން ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރަށް ޕްރެޝަރު ކުރިމަތިވިއަސް، އެއްވެސް މީހެއްގެ ނުފޫޒަކަށް ބެލުމެއް ނެތި މަސައްކަތް ކުރަންޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ހޯމް ސެކްޓާއިން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު އިހުސާނާއި (ކ-2) އިމިގްރޭޝަން ކޮންޓްރޯލް ޝަމްއާން އަދި ފުލުހުންގެ އިސްވެރިންތަކެއް ބައިވެރިވެވަޑައިގަންނަވަނީ.-- ފަޔާޒު މޫސާ/ މިހާރު

ހޯމް ސެކްޓާއިން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު އިހުސާނާއި (ކ-2) އިމިގްރޭޝަން ކޮންޓްރޯލް ޝަމްއާން އަދި ފުލުހުންގެ އިސްވެރިންތަކެއް ބައިވެރިވެވަޑައިގަންނަވަނީ.-- ފަޔާޒު މޫސާ/ މިހާރު

"މަގާމާ ހަވާލުވިއިރު ރައީސް ޔަގީންކަން ދެއްވި، މި ސެކްޓާއަށް އަޅުގަނޑުމެންނަށް މެންޑޭޓް ކުރެވިފައި ހުރި ކަންކަން ކުރުމުގައި އެއްވެސް މީހެއްގެ ނުފޫޒަށް ބަލައިގެން ނުވާނެ ކަމަށް. ހުދު ރައީސް ވެސް އިންޓަވިން ނުކުރައްވާނެ ކަމަށް، ގަވާއިދާ ހިލާފަށް ދާ ކަންކަމުގައި ހައްލު ހޯދަން ޖެހޭނެ ކަމަށް، ގާނޫނީ ފިޔަވަޅު އެޅެންޖެހޭނެ ކަމަށް." އިހުސާން ވިދާޅުވި އެވެ.

"އެހެންވެ، އެ ކޮންފިޑެންސް އޮވޭ ވަރަށް ބޮޑަށް އަޅުގަނޑަށް. ޕާސަނަލީ، މި މަގާމާ ހަވާލުވިއިރު ވެސް އެނގޭ މި މަގާމުގައި ހުރި، މި ގޮނޑީގައި ހުރި ހޫނުކަން ވެސް އެނގޭ. އަޅުގަނޑު ވެސް މި ނުކުތީ ގައުމީ ހިދުމަތެއް ކުރަން. ގައުމުގައި ބޮޑެތި މައްސަލަތައް ހުރިކަން ގަބޫލުކުރާ ހާލު، މި މަގާމުގެ ކާމިޔާބީއަކަށް ވާނީ މި މައްސަލަތަކަށް ކާމިޔާބީއެއް ލިބުން." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުއައްސަސާތައް ސާފުކުރުމުގައި އެއްވެސް މުއައްސަސާއެއް އިސްތިސްނާއެއް ނުވާނެ އެވެ. ކޮންމެ ޝަކުވާއެއް ނުވަތަ ތުހުމަތެއް މިނިސްޓްރީން ތަހުގީގުކުރާނެ ކަމަށާއި އެކަން ކުރިއަށް ދާއިރު އެއްވެސް ވަރަކަށް ގަބޫލުކުރެވޭ ކަމެއް ނަމަ އިންޓެލިޖެންސް އަދި ތަހުގީގު މެދުވެރިކޮށް ނަގާ މައުލޫމާތުގެ އަލީގައި ވަރަށް އަވަހަށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފާޑުކިއުން ބޮޑުވި ބިދޭސީންގެ ކޯޓާ މައްސަލާގައި ވެސް ސަރުކާރުން ހައްލުތަކެއް ގެންގުޅެ އެވެ.

އިހުސާން ވިދާޅުވީ ކޯޓާ މައްސަލައިގައި ކުރިން ދިމާވި ފަދަ އެއްވެސް ކަމެއް މިހާރު ނުހިނގާނެ ކަމަށެވެ. އެކަމަކު، ހިނގާފައި ހުރި ކަންކަން ވެސް ދުލެއް ނުކުރާނެ ކަމަށާއި މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރުނު ލިސްޓުގައި ތިބި މީހުންނަށް ވެސް ގާނޫނާ ހިލާފު އެ ކަންކަން ކުރެވިފައި ހުންނާނީ އިދާރާގެ ތެރެއިން ބައެއްގެ އެހީތެރިކަން ލިބިގެން ކަމަށް ގަބޫލުކުރެވޭތީ، އެ މައްސަލަތައް ވެސް ބަލާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

"އަކުރުން އަކުރަށް ގާނޫނު ތަންފީޒުކުރާނެ"

ވިސާ ނަގައިގެން ވިއަސް ރާއްޖޭގައި ބިދޭސީންނަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ގާނޫނުގައި ސާފު އަކުރުން ބަޔާންކުރެ އެވެ. ހަމަ އެ އުސޫލުން ދިވެހިން ވެސް ގާނޫނާއި ގަވާއިދަށް އަމަލުކުރަން ޖެހޭކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ގާނޫނަށް ތަބާނުވުމުގެ ސިފަ އަށަގެންފަ އެވެ. އެހެން ގޮތަކަށް ބުނާނަމަ އެ މީހަކާ އެ މީހެކެވެ.

ކުޑަ މިސާލެއްގެ ގޮތުން، ދުންފަތުގެ އިސްތިއުމާލުކުރާ މީހާ، އެކަން ކުރުމަށް ހުއްދަ ދީފައިވާ ޒޯނުން ބޭރުގައި އަދި ވެހިކަލް ޕާކްކުރާއިރު ވެސް ޒޯނުން ބޭރުގައި ކުރާއިރު، އެ ކުރަނީ ގަވާއިދާ ހިލާފު ކަމެއް ކަމުގެ ވިސްނުމެއް ނޯންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ގޭގައި ކިތަންމެ ކުޑަ ކަމެއް ކޮށްލަން ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެނައުމުން ފެށިގެން ހުރިހާ ކަމެކެވެ. އެކަންކަން ބަދަލުކުރަން ރައީސް ބޭނުންފުޅުވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން، މިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން، މިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"މި މިނިސްޓްރީން ކުރާ އެންމެ ބޮޑު އެއް މަސައްކަތަކީ ގާނޫނުތަކުގައި އަކުރުން އަކުރަށް އިރާދަކުރެއްވިއްޔާ ހަމަ ގާނޫނުތައް ތަންފީޒުކުރެވޭތޯ މަސައްކަތް މި ކުރަނީ." އޭނާ ވިދާޅުވި އެވެ.

ގޭންގުތަކުގައި އުޅޭ މީހުންގެ ވަނަވަރު ހާމަކުރާނެ

ގޭންގު ކުށްތައް ހުއްޓުވަން މީގެ 14 އަހަރު ކުރިން ހެދި ގާނޫނާ ހިލާފަށް، ފާޅުގައި އެތައް ކަމެއް އެބަ ހިނގަ އެވެ. ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް، ގޭންގުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ވިޔަފާރި ފަށައިފި އެވެ. އެ ވިޔަފާރީގެ ދަށުން އެހެނިހެން ވިޔަފާރިއެއް ފުޅާކުރަމުންދާއިރު ވެސް އަޅާލާ ތަނެއް ނުފެނެ އެވެ. ފައިސާ ހޯދި ގޮތެއް ވަރިހަމަ ކޮށްލައިގެން ތިބީ އެވެ.

ސެޕްޓެމްބަރު 5، 2010 ގައި އަމަލުކުރަން ފެށި ގާނޫނުގައި ވާގޮތުން ގާނޫނެއްގެ ދަށުން ރަޖިސްޓްރީ ކުރާ ޖަމިއްޔާއަކަށް، ފިހާރައަކަށް ނުވަތަ އެނޫން ވެސް ތަނަކަށް، ގޭންގަކަށް ނިސްބަތްވާ ނަމެއް ނުވަތަ ގޭންގަކަށް ނިސްބަތްވާ ލޯގޯއެއް ރަޖިސްޓަރީ ކޮށްގެން ނުވާނެ އެވެ.

އޭގެ އިތުރުން ނިވާފަތްގަނޑެއްގެ ގޮތުގައި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާއެއް ނުވަތަ ކުޅިވަރު ކުޅޭ ކްލަބެއް ބޭނުންކޮށްގެން ގާނޫނުގައި މަނާކޮށްފައިވާ އަމަލެއް ހިންގާކަމަށް ޝަރީއަތަށް ސާބިތުވެއްޖެނަމަ، އެ ފަރާތެއްގެ ކުޅިވަރުކުޅޭ ކްލަބްގެ ރަޖިސްޓަރީ ބާތިލުކުރުމުގެ ބާރު ކަމާބެހޭ އިދާރާއަށް ލިބިގެންވެ އެވެ.

އެކަމަކު، މާލޭގައި ސަރުކާރުގެ ބިންތަކުގައި ހަދާފައިވާ ޓާފް ދަނޑުތައް ހިންގަނީ ގޭންގްތަކުންނެވެ. އެތަންތަނުގައި އޮތީ އެ މީހުން ބާރާއި ނުފޫޒެވެ.

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން، މިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން، މިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިހުސާން ވިދާޅުވީ ރާއްޖޭގައި ގޭންގު ހަދައިގެން ކުށްކުރަމުން ނޫޅެވޭނެ ކަމަށެވެ. އެކަން ހުއްޓުވާނެ ކަމަށާއި އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް ބަދަލުތައް ގެނެވުމުން އެ ފަރާތްތަކާ ދެކޮޅަށް ނަގާ ފިޔަވަޅުތައް ފެންނާނެ އެވެ.

"މި ވަގުތު ގާނޫނުތައް ހުރި ގޮތުން [ގޭންގުތަކާ ގުޅޭގޮތުން] އަވަސް ފިޔަވަޅު އެޅެން ނެތް. ނަމަވެސް، އެ ގާނޫނު ޑްރާފްޓުކޮށްފައި ފައިނަލްކުރާނަން މިހާރު ހުރި ހުރިހާ ޗެލެންޖަކަށް އެޑްރެސްކޮށްފައި. މާނައަކީ ގޭންގުތަކުން ކުށް ކުރާ މީހުންނާއި ގޭންގުތަކުން ވިޔަފާރީގެ ތެރޭގައި އުޅުމާއި ހުރިހާ ކަމަކަށް ދާއިމީ ހައްލެއް ގެނެވޭނެ ގާނޫނީ ބަދަލު އަޅުގަނޑުމެން ގެންނާނަން. ގެނެސްފައި އެއާ އެއްގޮތަށް އަމަލުކުރަން ފަށާނަން."

އިހުސާން ވިދާޅުވި ގޮތުގައި މީގެ ކުރިން އަމަލުކުރަން ފެށި ގާނޫނުގައި ވެސް، ގޭންގު ބަޔާންކޮށްފައި އޮންނަ ގޮތުން އުނދަގޫތަކެއް އެބަހުއްޓެވެ. އެހެންވެ، އެއަށް ބަދަލުތައް ގެނައުމަށް ފަހު، ގޭންގުތަކަކީ ކޮބައިކަމާއި އެ ތަންތަނުގައި އުޅޭ މީހުންގެ ނަންތައް އާއްމުކުރާނެ ކަމަށެވެ.

ނަމަވެސް، ނުރައްކާތެރި ކުށްވެރިންނާ ދެކޮޅަށް މަސައްކަތްކުރުމަކީ އުނދަގޫކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި ފަސޭހަކަމެއް ކުރަން ބޭނުންވާނަމަ އުޅޭނީ، އިހުސާން ވިދާޅުވި ގޮތުގައި އައިސްކްރީމް ވިއްކާށެވެ.

"ޕްރެޝަރު އަންނާނެ. އެކަމަށް ތައްޔާރު،" މިނިސްޓަރު ވިދާޅުވި އެވެ.

"ދޫ ދިނުމެއް ނޯންނާނެ. އެއީ އަޅުގަނޑަކަށް ޗޮއިސް އެއް ނޫނެއް ނޫންތޯ."

އެ ހުރިހާ ކަމަކީ މޫލާފައި ހުރި ބޮޑެތި މައްސަލަތަކަށް ވުމުން އެކަންކަން ދެނެގަންނަން ވަގުތު ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާރު ކުރިއަށް ދަނީ އެކަން ކަމަށާއި އަހަރެއްގެ ތެރޭގައި ރައްޔިތުންނަށް ފެންނަ ވަރުގެ ނަތީޖާއެއް ނެރެދޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯއާ އިނގިލީގެ ނިޝާން ނަގަން ފަށައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ކ. ހިންމަފުށީގައި މިދިޔަ މެއި މަހު ބޭއްވި ރަސްމިއްޔާތުަގައި ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯއާ އިނގިލީގެ ނިޝާން ނަގަން ފަށައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ކ. ހިންމަފުށީގައި މިދިޔަ މެއި މަހު ބޭއްވި ރަސްމިއްޔާތުަގައި ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ގޭންގާއި ޑްރަގްސްގެ މައްސަލައިގައި، ބިދޭސީންގެ މައްސަލައިގައި. ޖަލުތަކުގެ ކަންތަކުގައި ތިން އަހަރުގެ ތެރޭގައި ބޮޑު ޖަލު ނިމުނީމަ އެކަން ހައްލުވާނެ. ކުޑަކުދިންގެ މައްސަލައިގައި ތިން އަހަރުގެ ތެރޭގައި ހޯޕް އައިލެންޑު ނިމުނީމަ ދާއިމީ ހައްލު އަންނާނެ. ތިން އަހަރުގެ ވިންޑޯއެއްގައި މޭޖަ މި ހުރިހާ މައްސަލައެއް ހައްލުކުރާނަން." އޭނާ ވިދާޅުވި އެވެ.

ޑްރަގްގެ މައްސަލަ ހައްލުކުރާނެ ކަމުގެ ޔަގީންކަން ދެން: އިހުސާން

ޑްރަގްގެ މައްސަލައިގައި ކަސްޓަމްސް އާއި ފުލުހުން ކުރިއަށްގެންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެ އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ޑްރަގް އެތެރެކުރާ ނެޓްވޯކްތައް ދެނެގަނެ، އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް އެއް މައްސަލަ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އަހަރެއް ތެރޭގައި ދާއިމީ ހައްލެއް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި މަސްތުވާތަކެތި އެތެރެކުރުމުގެ މުލުގައި ތިބި މީހުން މިހާރު ވަނީ ދެނެގަނެވިފަ އެވެ. މިހާތަނަށް ކުރި މަސައްކަތުން ގާތްގަނޑަކަށް ޑްރަގުގެ އަށް ނެޓްވޯކް ދެނެގަނެވި، އެ ފަރާތްތައް ފޮލޯކޮށް، އެ މީހުންނާ ދެކޮޅަށް ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަމާބެހޭ އިދާރާކަށް ލިބިފައިވާ މައުލޫމާތުތަކުން އަންދާޒާއަކީ، ޑްރަގް ބޭނުންކުރާ 10،000-15،000 މީހުން އުޅޭނެ ކަމަށެވެ. އޭގެ ތެރޭގައި ބައްޔެއްގެ ގޮތަށް ބޭނުންކުރާ ނުވަތަ ދެވި ހިފާފައި ތިބި މީހުން ވެސް ހިމެނޭ ކަމަށާއި އެންޑީއޭގެ މަސައްކަތް މިހާރު ފޯކަސްކޮށްފައިވަނީ އެ މީހުންނަށް ފަރުވާދޭން ކަމަށް ވިދާޅުވި އެވެ.

އެ މަސައްކަތްތަކާއި މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައަށް ގާނޫނީ ބަދަލުތަކުން ދާއިމީ ހައްލެއް ގެންނާނެ ކަމުގެ ޔަގީންކަން އިހުސާން ވަނީ ދެއްވައިފަ އެވެ. އެ މަގާމުގައި ދެމި ހުންނެވިހާ ދުވަހަކު، މަޑުޖެހުމެއް ނެތި، ހަލުވި ދުވެއްޔެއްގައި މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެ ހުރިހާ ކަމެއްގައި އިސްކުރާނީ ގާނޫނާއި ގަވައިދުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އަވަސް ހައްލަކަށް މިނިސްޓަރު ލިސްޓް ކުރައްވާފައި ހުރި މަސައްކަތްތައް ގިނަ އެވެ. ނަތީޖާ ނެރުއްވުމުގެ އަޒުމް ވެސް ވަރުގަދަ އެވެ. ގަޑިއެއްހާ އިރުގެ އިންޓަވިއުގައި، މިނިސްޓަރު ދެއްކެވީ އާދަޔާ ޚިލާފު ސާބިތުކަމެވެ. އަށް މަސް ތެރޭގައި، ޖެހިލުންކުޑަ ނިންމެވުންތަކެއްގެ ތެރެއަށް އޭނާ ވަންނަވައިފި އެވެ. ބިދޭސީންނާއި ޑްރަގާއި ކުށް ކުރުން ހުއްޓުވަން ގެންގުޅުއްވާގެ އެޖެންޑާގައި އޮތީ "ދޫ ނުދެއްވުމެ"ވެ. ހަމައެކަނި ގަދަބަސް ވިދާޅުވެ ނިންމަވާލައްވާނެ ހޯމް މިނިސްޓަރަކަށް އިހްސާން ނުވާނެ ކަމުގެ ޔަގީންކަން އާއްމުންނަށް ދެއްވި އެވެ.

ކުށްކުރުން ހުއްޓުވައި ގާނޫނާއި ގަވާއިދު ދެކެ ބިރުގަންނަ ސަގާފަތެއް އަށަގެންނެވުމުގެ ގަޓު މިނިސްޓަރުގެ އެބަހުއްޓެވެ.