Roadha Mihaaru

ޑްރަގުގެ ބޮޑުންނަށް ދެން ނުފިލޭނެ، މި އަހަރު ބޮޑު ހައްލެއް ލިބޭނެ: އިހުސާން

މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ލިބޭނީ އެކަމުގެ އަޑީގައި ފިލާ ތިބި މީހުންނާ ދެކޮޅަށް މަސައްކަތްކޮށްގެން ކަމަށާއި މި އަހަރުގެ ތެރޭގައި އެ މައްސަލަ ހައްލުކުރުމަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.

ޑްރަގުގެ ބޮޑުންނަށް ދެން ނުފިލޭނެ: އިހުސާން
އާސިމާ ނިޒާރު
އާސިމާ ނިޒާރު

13 މެއި 2025

މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ލިބޭނީ އެކަމުގެ އަޑީގައި ފިލާ ތިބި މީހުންނާ ދެކޮޅަށް މަސައްކަތްކޮށްގެން ކަމަށާއި މި އަހަރުގެ ތެރޭގައި އެ މައްސަލަ ހައްލުކުރުމަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއިން ބޭއްވި "އަހާ" ފޯރަމްގައި، އާއްމު މީހެއްގެ ސުވާލަކާ ގުޅިގެން އިހުސާން ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ އަދި ސަލާމަތީ ކަންކަމުގައި އެންމެ ބޮޑު ވެފައިވަނީ ޑްރަގްގެ މައްސަލަ ކަމަށެވެ. އެހެންވެ، މި ސަރުކާރުން ފުރަތަމަ ފަށައިގަތީ ވެސް މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ހުރިހާ ދާއިރާއެއް އެ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި 700 އަށްވުރެ ގިނަ ކިލޯގެ ޑްރަގްސް ނައްތާލާފައިވާ ކަމަށެވެ. އެއީ 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ. މާލެ އަދި މީހުން ދިރިއުޅޭ އެހެން ރަށްރަށަށް ޑްރަގްސް އެރުވުން ހުއްޓުވުމުގެ ތެރެއިން ވެސް 9،000 އަށްވުރެ ގިނަ ރާ ފުޅި އަތުލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރުންނާއި އެއާޕޯޓު މެދުވެރިކޮށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަންނަމުންދާ ކަމަށާއި މުދާ ގެންނަ ކޮންޓެއިނަރުތައް ބެލޭނެ ސްކޭނަރެއް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މި ފަހަރު މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރާނީ އެ އެތެރެކުރުން މަދުކޮށްގެން ކަމަށާއި އެކަން ކުރާއިރު މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އަތުލައިގަންނާނެ ކަމަށެވެ.

މުޅި ރާއްޖެއަށް ފުޅާކޮށްގެން ޑްރަގުގެ ތަހުގީގުތަކެއް ގެންދާ ކަމަށާއި މި ވަގުތު ވެސް މަނީ މަސްތުވާތަކެއްޗާ ގުޅުންހުރި ލޯންޑަރިންގެ މައްސަލަ ބަލާކަން އޭނާ ފާހަގަކުރެއްވި އެވެ.

މަސްތުވާތަކެތީގެ އަޑީގައި ތިބޭ މީހުން އެ ތަކެތި ވިއްކަނީ ދެތިން ލޭޔަރު އަޅައި އެ މީހުން ލައްވައި ކަމަށްވާތީ، ގިނަ ފަހަރަށް ޕޮލިސް އޮޕަރޭޝަންތަކުން ވެސް އަތުލައިގަނެފައިވަނީ އޭގެ މެދުތެރޭގައި ތިބޭ މިހުން ނުވަތަ ދަށުގައި ހުންނަ މީހާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންވެ، އޭގެ އަސްލާ ހަމައަށް ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފައިސާ ފޮލޯކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ގަބޫލުކުރެވޭ އަދި މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ އެންމެ ބޮޑެތި މީހުން މި ހޯދަނީ. ހޯދާފައި އެ މީހުންނާ ދޭތެރޭގައި އަޅުގަނޑުމެން ފިޔަވަޅު މި އަޅަނީ، އެކަން މި ހުއްޓުވަނީ. އެ މީހުންގެ ފައިސާ ހިފަހައްޓަނީ،" އޭނާ ވިދާޅުވި އެވެ.

"އެ މީހުންގެ ވިޔަފާރިތައް އަޅުގަނޑުމެން ހުއްޓުވާނީ. އެގޮތުން ވާނެ ޕައިލެޓު އޮޕަރޭޝަނެއް ގެންގޮސްފައި. މިކަމުގައި ގާނޫނީ ގޮތުން ވެސް އެޅޭ ފިޔަވަޅުތައް އަޅާފައި... ފުވައްމުލަކުގައި ގެންދެވުނު އޮޕަރޭޝަނުގައި ފުވައްމުލަކުގައި މަސްތުވާތަކެތީގެ ޗެނަލްގެ އެންމެ މަތީގައި ތިބި ދެ މީހުން އަޅުގަނޑުމެން ވާނީ ހައްޔަރުކޮށްފައި. އެ މީހުންނާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު އެޅިގެން، އެ މީހުންގެ މައްސަލަތައް ދަނީ މިހާރު ދަނީ ކޯޓުތަކުގައި ބަލަމުން."

މިދިޔަ ޑިސެމްބަރު މަހު ފުވައްމުލަކުގައި ހިންގި ހާއްސަ އޮޕަރޭޝަނުން ހައްޔަރުކުރީ ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު، 34 އަދި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 29، އެވެ. އެ މީހުންގެ މައްޗަށް މިދިޔަ މާޗު މަހު ވަނީ މަނީލޯންޑަރިންގެ ދައުވާ އުފުލައިފަ އެވެ. އިހުސާން ވިދާޅުވީ ޑްރަގުގެ އޮޕަރޭޝަން މިހާރު މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ ކަމަށެވެ. އޭގެ ދަށުން، އެކި ވިޔަފާރީގެ ނަންނަމުގައި ފިލާތިބެ މަސްތުވާތަކެތި ވިއްކާ މީހުންނަށް އެކަމެއް ދެން ނުކުރެވޭނެ ކަމަށާއި އެ މީހުންގެ ފަހަތުން ދުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަޕްލައި މަދުކުރުމުގެ އިތުރުން ޑްރަގްސް ބޭނުންކުރާ މީހުންނަށް ފަރުވާ ދޭނެ ތަންތަން ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ ދެ ކަންތައް އެއްފަހަރާ ކޮށްގެން ނޫނީ ހައްލު ނުލިބުނަސް، މި ސަރުކާރުން އިސްކަންދޭ ކަމަކީ، އިހުސާން ވިދާޅުވި ގޮތުގައި، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުމެވެ.

"މި އަހަރު ނިމޭއިރު ވެސް ބޮޑު ކާމިޔާބީއެއް ލިބޭނެ. މީގެ ޓްރާންސްފޮމޭޝަނަލް ޗޭންޖަސްތައް އަޅުގަނޑުމެން މި ގެންނަނީ ގާނޫނަށް." މިނިސްޓަރު ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުން ގެންނަ ބަދަލުތަކުގެ ތެރޭގައި، އޭގެ ވިޔަފާރިކޮށްގެން ހޯދާ މުދަލާއި ފައިސާ އަތުލުން ހިމެނެ އެވެ.