Roadha Mihaaru
މާލޭގައި 46 ވަގު، 4،000 ފަހަރު ހުއްޓުވައިފި

މާލޭގައި 46 ވަގު، 4،000 ފަހަރު ހުއްޓުވައިފި

25 ޖޫން 2024

މާލޭގައި ތަކުރާރުކޮށް ވައްކަން ކުރާ 46 މީހުން އުޅޭ ކަމަށާއި 4،000 އަށް ވުރެ ގިނަ ފަހަރު ފުލުހުން އެ މީހުން ހުއްޓުވާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ތަކުރާރުކޮށް ވައްކަން ކުރާ 46 މީހުން އުޅޭ ކަމަށާއި 4،000 އަށް ވުރެ ގިނަ ފަހަރު ފުލުހުން އެ މީހުން ހުއްޓުވާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި އިހުސާން ވިދާޅުވީ މާލޭގައި ވައްކަންކުރާ މީހުންގެ ތެރޭގައި އުޅެނީ ތަކުރާރުކޮށް އެކަން ކުރަމުންދާ 46 މީހުން ކަމަށެވެ. އަދި ފާއިތުވި ހަ މަސްދުވަސްގެ ތެރޭގައި އެ 46 މީހުންނާއި ފުލުހުން 4،000 ފަހަރު އިންޓަރެކްޓުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބައެއް ފަހަރު އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އަނެއްބައި ފަހަރު ނަސޭހަތްދީ ދޫކޮށްލާފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

ބައެއް ފަހަރު ކޯޓުތަކަށް ގެންދިޔާމަ ކޯޓުތަކުގެ އިހުތިސާސް ނެތޭ ކިޔާފައި އެމީހާ އެބަ ދޫކުރެވޭ. -- މިނިސްޓަރު
މަޖިލީހުގެ ކޮމިޓީގައި އިހްސާން ވާހަކަ ދައްކަވަނީ. -- ފޮޓޯ | މަޖިލިސް

މަޖިލީހުގެ ކޮމިޓީގައި އިހްސާން ވާހަކަ ދައްކަވަނީ. -- ފޮޓޯ | މަޖިލިސް

ނަމަވެސް، އިހުސާން ވިދާޅުވި ގޮތުގައި، އެ މީހުން ހައްޔަރުކުރިޔަސް، ގާނޫނުގައި ހުރި މައްސަލަތަކެއްގެ ސަބަބުން މާ ބޮޑު ފިޔަވަޅެއް ނޭޅި އަނެއްކާވެސް މުޖުތަމައަށް ދޫވަނީ އެވެ.

"މީގެ މައްސަލައަކީ އަޅުގަނޑުމެން އޭނާ ހައްޔަރުކޮށްގެން، އޭނާގެ ޔޫރިން ޕޮޒިޓިވްވެގެން އެއް ކޯޓަށް ގެންދިޔާމަ ބުނާނެ ނޫނެކޭ ތީކީ ޑްރަގް މައްސަލައެއް ނޫނޭ، ކްރިމިނަލް މައްސަލައެކޭ. ކްރިމިނަލް ކޯޓަށް ގެންދިޔާމަ ބުނެފާނެ މިއީ ޑްރަގްގެ މައްސަލައެކޭ. އެހެންވީމާ ގާނޫނުގައި ސާފުކޮށް ބަޔާންކުރަން އެބަޖެހޭ މި ކަހަލަ ހާލަތުގައި މީނަ ގެންދަން ޖެހޭނީ ވަކި ކޯޓަކަށޭ،" އިހުސާން ވިދާޅުވި އެވެ.

"ބައެއް ފަހަރު ކޯޓުތަކަށް ގެންދިޔާމަ ކޯޓުތަކުގެ އިހުތިސާސް ނެތޭ ކިޔާފައި އެމީހާ އެބަ ދޫކުރެވޭ."

ފުލުހުންނަށް ލިބޭ ބާރުގެ ދަށުން އެމީހުން ބަންދުގައި ބެހެއްޓެނީ ހައްޔަރުކުރާއިރުން ފެށިގެން 24 ގަޑިއިރަށެވެ.

"މި ޗެލެންޖާ ހެދި މި ދެންނެވި މީހުން މިއޮއްހާ ދުވަހު ހަމަ 4،000 ފަހަރު އިންޓަރެކްޝަނަށް ފަހު އަދިވެސް އެމީހުން ތިބީ ދޫވެފައި،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އެންމެ ކްރިޓިކަލް 21 މީހުންނަށް ޓާގެޓްކޮށްގެން މިދިޔަ ހަފުތާއިން ފެށިގެން އޮޕަރޭޝަނެއް އަންނަނީ ހިންގަމުންނެވެ. އެ އޮޕަރޭޝަންގައި އޭގެ ތެރެއިން 10 މީހަކު އެންޑީއޭގެ ފަރުވާ އަށް ނަގާފައިވާ ކަމަށާއި އަނެއް ހަތަރު މީހުން އެކި މައްސަލަތަކުގައި ބަންދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބާކީ ތިބި ހަތް މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގެ އެކި ތަންތަނުން ވައްކަން ކުރާ މައްސަލަ މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ. އެންމެ ގިނައިން ވައްކަން ކޮށްފައި ވަނީ މިސްކިތްތަކުންނެވެ. މިސްކިތްތަކުގައި ހުންނަ ފަންކާތައް ވަގަށް ގެންގޮސް، އެ ވިއްކާ މައްސަލަ މިހާރު ވަރަށް ބޮޑެވެ. އެ މައްސަލަތަކުގައި ވެސް މިހާތަނަށް ދެމީހަކު ހައްޔަރުކޮށްފައިވެ އެވެ.