Roadha Mihaaru
ރާއްޖޭގައި މަރުގެ އަދަބު އުވައެއް ނުލެވޭނެ: އިހުސާން

ރާއްޖޭގައި މަރުގެ އަދަބު އުވައެއް ނުލެވޭނެ: އިހުސާން

11 ޖުލައި 2024

ރާއްޖޭގައި މަރުގެ އަދަބު އުވާލުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނު އަސާސީއާ ހިލާފް ކަމަށާއި އެހެންވެ، ރާއްޖޭގައި މަރުގެ އަދަބު އުވާނުލެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި މަރުގެ އަދަބު އުވާލުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނު އަސާސީއާ ހިލާފް ކަމަށާއި އެހެންވެ، ރާއްޖޭގައި މަރުގެ އަދަބު އުވާނުލެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވިދާޅުވެއްޖެ އެވެ.

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި، އިންސާނީ ހައްގުތަކާބެހޭ ޔުނިވާސަލް ޕީރިއަޑިކް ރިވިއު ހާމަކުރުމަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ރާއްޖޭގެ މަރުގެ ހުކުމް އިއްވަނީ ގާނޫނުތަކުގެ ދަށުން ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރަކީ އިސްލާމީ ޝަރީއަތް ކަމަށްވާތީ، ރާއްޖޭގައި މަރުގެ އަދަބު އުވާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިހްސާން ވިދާޅުވި އެވެ.

"ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ބިނާވަނީ އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް. ރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުން މީހަކަށް މަރުގެ ހުކުމް އިއްވޭނީ ވެސް ވަރަށް މަދު ހާލަތެއްގައި. މިއީ ރައްޔިތުން ބޭނުންވާ ގޮތަށް ހެދިފައި ހުރި ގާނޫނުތަކެއް. އެހެންވެ، މަރުގެ އަދަބު ދިނުން އުވާލުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް،" އޭނާ ވިދާޅުވި އެވެ.

އިހްސާން ވިދާޅުވި ގޮތުގައި ރާއްޖޭގެ މަރުގެ ހުކުމް އިއްވަނީ ވަރަށް މަދު ކުށްތަކެއްގައި އަދި އެއްވެސް ޝައްކެތް ނެތް މިންވަރަށް އެ ކުށް ސާބިތުވުމުންނެވެ. އަދި ހުކުމް ތަންފީޒު ކުރާނީ ވެސް ސުޕްރީމް ކޯޓާ ހިސާބުން އިސްތިއުނާފްގެ ހުރިހާ މަރުހަލާތައް ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ 1954 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި އަދި މިހާތަނަށް މަރުގެ ހުކުމް ތަންފީޒުކޮށްފައި ނުވާ ކަމަށެވެ. އަދި މަރުގެ ހުކުމް އިއްވާފައިވާ 16 މި ވަގުތު ރާއްޖޭގައި އެބަތިބި ކަމަށާއި އޭގެ ތެރެއިން ހަތަރު މީހެއްގެ އިސްތިއުނާފް މަރުހަލާ ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މަރުގެ އަދަބު ތަންފީޒުކުރަން މާފުށީ ޖަލުގައި ފެސިލިޓީއެއް ހެދި އެވެ. ގާނޫނުގައި ބުނާ ކަންކަން އެ ފެސިލިޓީގައި ފުރިހަމަ ވިޔަސް، މިހާތަނަށް އެ ފެސިލިޓީ ބޭނުންކޮށްފައި ނުވެ އެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ދިނީ 1954 ވަނަ އަހަރު ރައީސް މުހައްމަދު އަމީންގެ ވެރިކަމުގަ އެވެ. އެއީ އޭރުގެ ގއ. އަތޮޅުގެ އަތޮޅުވެރިޔާއަށް ވިހައެއް ދީގެން މަރާލި މައްސަލާގައި ކުށް ސާބިތުވި މީހެއްގެ މައްޗަށެވެ. އޭނާއަށް މަރުގެ އަދަބު ދިނީ ބޮލަށް ބަޑި ޖަހައިގެންނެވެ.

އޭގެފަހުން މަރުގެ އަދަބު ތަންފީޒު ނުކުރިޔަސް، މަރުގެ މައްސަލަތަކުގައި މަރުގެ ހުކުމްތައް އިއްވަ އެވެ.