Roadha Mihaaru
މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނަން: އިހުސާން

މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާނަން: މިނިސްޓަރު

20 ޑިސެމްބަރ 2023

މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުގެ އެންމެ އިސްވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރަން މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި އެކަން ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެ ތެރޭގައި އަޅުގަނޑުމެން ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

މި ފަހުން ސުޕްރީމް ކޯޓުން ވަނީ ވެސްޓްޕާކް ކައިރީގައި އަލީ ޝިފާން (ތޮޅިޕެލޭ) މަރާލި މައްސަލާގައި އޭނާގެ ގާތިލް މުހައްމަދު ޝައިފަން މަރަން ކުރި ހުކުމް ސުޕްރީމް ކޯޓަށް ތާއިދުކޮށްފަ އެވެ. މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ، ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުން ހުކުމް ދަމަހައްޓައިފި ނަމަ އެވެ.

އެ ހުކުމާ ގުޅިގެން ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ މަރުގެ އަދަބު ތަންފީޒު ކުރުމާ މެދު ގޮތް ނިންމަން ޖެހޭނީ ސަރުކާރުން ކަމަށެވެ. އޭނާ ވިދާޅުވީ، މަރުގެ އަދަބު ތަންފީޒު ކުރުމުގައި ޕީޖީ އޮފީހުގެ ދައުރެއް ނެތުމުން އެކަމާ މެދު އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.

ޝައިފަންގެ މަރުގެ ހުކުމްގެ އިތުރުން މިހާތަނަށް ސުޕްރީމް ކޯޓުން ވަނީ އެހެން ތިން މީހެއްގެ މަރުގެ ހުކުމް ވެސް ދަމަހައްޓައިފަ އެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިއްވި މި ތިން ހުކުމް ތަންފީޒު ކުރުމަށް އެ ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަމެއް ތަންފީޒެއް ނުކުރެވުނެވެ.

އެކަމަށް އުސޫލެއް ހަދައި، ދަންޖެއްސުމުގެ ބަދަލުގައި އިންޖެކްޝަން ދީގެން މަރުގެ ހުކުމް ދޭން ވެސް އެ ސަރުކާރުން މަސައްކަތް ކުރި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރަން މަސައްކަތް ކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ. ރާއްޖޭގައި ގާނޫނުލްއުގޫބާތުގައި ގަސްތު މަރުގެ އަދަބަކަށް މަރުގެ ހުކުމް ކަނޑައަޅާފައިވީ ނަމަވެސް، އެ އަދަބާ ގުޅިގެން ބޭރުގެ ޕްރެޝަރުތައް ވަރަށް ބޮޑަށް ފޯރަ އެވެ.