Roadha Mihaaru
މަރުގެ އަދަބުގެކުރިން ނިޒާމަށް އިތުބާރު ކަށަވަރުކުރާނަން

މަރުގެ އަދަބު ތަންފީޒުކުރަން ފަށާނީ ނިޒާމަށް އިތުބާރު އޮތްކަން ކަށަވަރުކުރުމަށް ފަހު: އިހްސާން

13 ފެބުރުއަރީ 2024

މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނީ މުޅި އަދުލުގެ ނިޒާމަށް ފުރިހަމަ އިތުބާރު އޮތް ކަން ކަށަވަރުކުރުމަށް ފަހު ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނީ މުޅި އަދުލުގެ ނިޒާމަށް ފުރިހަމަ އިތުބާރު އޮތް ކަން ކަށަވަރުކުރުމަށް ފަހު ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ސްޓޭންޑަކީ މަރުގެ އަދަބު ތަންފީޒުކުރުމެވެ. އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެ ތެރެއިން އެކަން ކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ރާއްޖެ އާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ހުކުމް ކުރެވޭ މީހާއަށް މުޅި އަދުލުގެ ނިޒާމުގެ ތެރެއިން ދޭން ޖެހޭ ހުރިހާ ހައްގެއް ދެވިފައިވޭތޯ ކަށަވަރުކުރުން ކަމަށެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުގައި، އެއްކޮށް މަސައްކަތް ކުރާ ޖަމިއްޔާތަކާ ގުޅިގެން އެ ކަން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މުޅި ނިޒާމުގައި ހުންނަން ޖެހޭ ފުރިހަމަކަން ޔަގީން ކުރެވިފައި އެބަ އޮތްތޯ. އަދި އެ ނިޒާމަށް ހުރިހާ އެންމެން ފުރިހަމައަށް އިތުބާރު އޮތްތޯ. އެކަން ޔަގީން ކުރުމަކީ އަޅުގަނޑުމެން ފުރަތަމަ ކުރާނެ ކަމަކީ،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ކަމުގެ އިތުރު މަރުހަލާތައް ކުރިއަށް ދާނީ ވެސް އެކަން ކަށަވަރުކުރެވުމުންނެވެ.

ސުޕްރީމް ކޯޓުން ވަނީ ހަތަރު މީހެއްގެ މަރުގެ ހުކުމް ދަމަހައްޓައިފަ އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިއްވި މި ތިން ހުކުމް ތަންފީޒު ކުރުމަށް އެ ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަމެއް ތަންފީޒެއް ނުކުރެވުނެވެ. އެކަމަށް އުސޫލެއް ހަދައި، ދަންޖެއްސުމުގެ ބަދަލުގައި އިންޖެކްޝަން ދީގެން މަރުގެ ހުކުމް ދޭން ވެސް އެ ސަރުކާރުން މަސައްކަތް ކުރި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރަން މަސައްކަތް ކޮށްފައެއް ނުވެ އެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ. ރާއްޖޭގައި ގާނޫނުލްއުގޫބާތުގައި ގަސްތު މަރުގެ އަދަބަކަށް މަރުގެ ހުކުމް ކަނޑައަޅާފައިވީ ނަމަވެސް، އެ އަދަބާ ގުޅިގެން ބޭރުގެ ޕްރެޝަރުތައް ވަރަށް ބޮޑަށް ފޯރަ އެވެ.