Roadha Mihaaru
މަރުގެ އަދަބު ތަންފީޒު ކުރާތީ ބޭރުގެ ކަންބޮޑުވުން!

މަރުގެ އަދަބު ތަންފީޒު ކުރަން މި ސަރުކާރުން ނިންމުމުން ބޭރުގެ ފިއްތުންތައް!

22 ޑިސެމްބަރ 2023

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް މި ސަރުކާރުން ބުނުމާ ގުޅިގެން ހިއުމަން ރައިޓްސް ވޮޗް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް މި ސަރުކާރުން ބުނުމާ ގުޅިގެން ހިއުމަން ރައިޓްސް ވޮޗް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި އެކަން ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެ ތެރޭގައި އަޅުގަނޑުމެން ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް އޭޝިއާ ޑިރެކްޓަރު ޕެޓްރިޝިއާ ގޮސްމަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރަން މި ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންދަން ޖެހޭ ކަމަށެވެ.

"މި އަނިޔާވެރި އަދި ލާއިންސާނީ އަމަލު އުވާލުމަށް ދުނިޔޭގައި ކުރާ މަސައްކަތާ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އެއްގޮތް ވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ގާނޫނުލްއުގޫބާތުގައި ގަސްދު މަރުގެ އަދަބަކަށް މަރުގެ ހުކުމް ކަނޑައަޅާފައިވީ ނަމަވެސް، އެ އަދަބު ތަންފީޒު ކުރާނެ ކަމަށް ދިވެހި ސަރުކާރުން އިއުލާން ކުރާ ކޮންމެ ފަހަރަކު ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ރާއްޖެ އަށް ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތި ކުރެ އެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން އެންމެ ބޮޑަށް މަސައްކަތްތަކެއް ކޮށް، އަދި ބައެއް ކަންކަން ފުރިހަމަކުރި ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެ ފަހަރު ވެސް ބޮޑެތި ފިއްތުންތައް ކުރިމަތިވި އެވެ. އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތަކަށް ވެފައި އޮތީ މަރުގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒު ކޮށްފައިވަނީ 1953 ވަނަ އަހަރު އެވެ.