Roadha Mihaaru
ކުށްކުރާ ކުދިންގެ އިސްތިއުނާފް ފީ ނުނަގާ ބަލައިގަންނަނީ

ކުށްކުރާ ކުދިންގެ އިސްތިއުނާފް މައްސަލަތައް ފީއަކާ ނުލައި ބަލައިގަންނީ

09 ފެބުރުއަރީ 2022

ކުށްކުރާ ކުޑަކުދިންގެ ފަރާތުން އިސްތިއުނާފްކުރާ މައްސަލަތައް އެއްވެސް ފީއަކާ ނުލައި ހައި ކޯޓާއި ސުޕްރީމް ކޯޓުން ބަލައިގަންނަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުށްކުރާ ކުޑަކުދިންގެ ފަރާތުން އިސްތިއުނާފްކުރާ މައްސަލަތައް އެއްވެސް ފީއަކާ ނުލައި ހައި ކޯޓާއި ސުޕްރީމް ކޯޓުން ބަލައިގަންނަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

މިހާތަނަށް ކޯޓުތަކުން މައްސަލަތައް ބަލައިގަންނަނީ ރަޖިސްޓްރޭޝަން ފީއެއް ދެއްކުމުންނެވެ. އެގޮތުން ހައި ކޯޓުގައި އިސްތިއުނާފް ކުރާ ނަމަ، 300ރ. ފީއެއް ދައްކަން ޖެހޭއިރު ސުޕްރީމް ކޯޓުގައި ނަމަ، 500ރ. ފީއެއް ދައްކަން ޖެހެ އެވެ. އަދި ދައުލަތުން އިސްތިއުނާފް ކުރިޔަސް، އެ ފީ ދައްކަން ޖެހެ އެވެ.

ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް އިސްތިއުނާފް މަރުހަލާގައި ބެލުމާބެހޭ ގޮތުން ސުޕްރީމް ކޯޓުން އިއްޔެ އާންމުކުރި ގަވާއިދުގައިވާ ގޮތުން ކުށްކުރާ ކުޑަކުއްޖެއްގެ މައްސަލަ އިސްތިއުނާފްކުރީ އެ ކުއްޖާގެ ފަރާތުން ކަމަށްވާ ނަމަ، އިސްތިއުނާފް މައްސަލަ އެއްވެސް ފީއަކާ ނުލައި ހައި ކޯޓާއި ސުޕްރީމް ކޯޓުން ބަލައިގަންނަން ޖެހޭނެ އެވެ. އެކަމަކު ދައުލަތުން އިސްތިއުނާފްކުރާ އެފަދަ މައްސަލަތަކުގައި ފީ ނުނެގޭނެ ކަމަކަށް އެ ގަވާއިދުގައި ނެތެވެ.

މީގެ އިތުރުން މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ވެސް އެއްވެސް ފީއަކާ ނުލައި ކުއްޖާއަށް ދޫކުރަން އެ ގަވާއިދު ލާޒިމް ކުރެ އެވެ. އެކަމަކު އެގޮތަށް ފީއަކާ ނުލައި ދޫކުރެވެނީ އެންމެ ކޮޕީއެއް ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން އެފަދަ މައްސަލަތަކުގެ އިސްތިއުނާފް ކޮންމެ މަރުހަލާއެއް ވެސް ހަ މަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. އަދި އެ މުއްދަތުގައި މައްސަލަ ނުނިމިއްޖެ ނަމަ، ލަސްވި ސަބަބެއް ކުއްޖާގެ ބެލެނިވެރިޔާ އާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އެންގުމަށްފަހު އިތުރު ހަ މަސް ތެރޭގައި އެ މައްސަލަ ނިންމަން އެ ގަވާއިދު ލާޒިމްކުރެ އެވެ. އެކަމަކު ކޯޓު އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ އިސްތިއުނާފް ހަތް ދުވަސް ތެރޭގައި ނިންމަން އެ ގަވާއިދު ލާޒިމްކުރެ އެވެ.

މީގެ ކުރިން ކުށްކުރާ ކުޑަކުދިންގެ މައްސަލަތަކުގެ އިސްތިއުނާފް ޝަރީއަތްތައް ތާވަލް ކުރަން ޖެހޭނީ ސްކޫލަށް ދާ ކުއްޖެއް ނަމަ، ސްކޫލަށް ދާ ވަގުތުތަކަށް ދަތިނުވާނެ ގޮތަކަށް ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެފަދަ މައްސަލަަތަކުގެ އިސްތިއުނާފް ޝަރީއަތް ތާވަލް ކުރުމާއި އިސްތިއުނާފް ޝަރީއަތް ކުރިއަށް ގެންދިއުމާއި ހުކުމް ކުރުމަށް ފަހު ވެސް އެފަދަ ކުދިންގެ މައުލޫމާތު އާންމު ނުވާނެ ގޮތަށް ކަންކަން ހަމަޖައްސަން ވެސް އެ ގަވާއިދު ލާޒިމްކުރެ އެވެ.

އެ ގަވާއިދަށް އަމަލުކުރަން ފަށާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.