Roadha Mihaaru
"ވާނުވާ" ރިވިއު ކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް

"ވާނުވާ" ރިވިއުކުރުމުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް

22 ޑިސެމްބަރ 2020

ޝަރީއަތް ނިމެންދެން ކުރާ ބަންދު "ވާނުވާ" އަމުރު ރިވިއު ކުރުމުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމްތަކުގެ ތެރެއިން ތިން މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރީއަތް ނިމެންދެން ކުރާ ބަންދު "ވާނުވާ" އަމުރު ރިވިއު ކުރުމުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމްތަކުގެ ތެރެއިން ތިން މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާ ގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ކޮންމެ 30 ދުވަހަކުން އެ އަމުރެއް ރިވިއުކުރަން ޖެހޭނެ އެވެ. އެކަމަކު ރިވިއު ނުކޮށްފި ނަމަ، ދެން ވާނެ ގޮތެއް އެ ގާނޫނުގައި ބުނެފައެއް ނެތެވެ. އެފަދަ ހަތަރު މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުން އޭގެ ތެރެއިން ތިން މައްސަލައެއްގައި ދާދިފަހުން ހައި ކޯޓުން ނިންމާފައިވަނީ ބަންދު އަމުރު ރިވިއު ނުކުރިޔަސް، އެ ބަންދެއް ގާނޫނާ ޚިލާފް ނުވާނެ ކަމަށެވެ.

އެކަމަކު ދެން އޮތް މައްސަލާގައި ހައި ކޯޓުން ނިންމީ 30 ދުވަސް ހަމަވުމުގެ ކުރިން ބަންދު އަމުރު ރިވިއު ނުކޮށްފި ނަމަ، އެ ހިސާބުން ފެށިގެން ބަންދެއް ގާނޫނާ ޚިލާފްވާނެ ކަމަށެވެ. އެއް ބާވަތުގެ މައްސަލަތަކެއްގައި އެއް ދުވަހެއްގައި ހައި ކޯޓުން ކުރި ހުކުމްތަކުގައި އެއް ނިންމުމާ ދިމާ އިދިކޮޅަށް އަނެއް ނިންމުން އައުމުން ގާނޫނީ ބަހުސަކަށް ވަނީ ގޮސްފަ އެވެ.

އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހެޅީ ބަންދު އަމުރު ރިވިއު ނުކުރިޔަސް، އެ ބަންދެއް ގާނޫނާ ޚިލާފް ނުވާނެ ކަމަށް ހައި ކޯޓުން ހުކުމްކުރި ތިން މައްސަލަ އެވެ. އެ މައްސަލަތައް އިސްތިއުނާފަށް ހުށަހެޅީ އެ މައްސަލަ ހައި ކޯޓަށް ހުށަހެޅި ތިން މީހުންގެ ފަރާތުން ކަމަށް އެނގިފައިވެ އެވެ.

އެކަމަކު އޭގެ އަނެއްކޮޅަށް ހުކުމްކުރި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރިކަން ސާފެއް ނުވެ އެވެ.

އެއް ބާވަތުގެ މައްސަލަތަކެއްގައި ހައި ކޯޓުގެ ނިންމުން ތަފާތުވީ އެ މައްސަލަތައް ފަނޑިޔާރުންގެ އެކި ބެންޗްތަކުން ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވުމުންނެވެ. އެއް ބާވަތުގެ މައްސަލަތަކެއް އިސްތިއުނާފް މަރުހަލާގައި އެކި ބެންޗްތަކުން މައްސަލަ ބަލައިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމެއްގައި ބުނެފައިވެ އެވެ.