Roadha Mihaaru
"ޖިނާއީ މައްސަލައެއް ޣައިރު ހާޒިރުގައި ނިންމުން ގޯސް"

ހައި ކޯޓުން ޖިނާއީ މައްސަލައެއް ޣައިރު ހާޒިރުގައި ނިންމީ ގޯސްކޮށް: ދައުލަތް

26 އޮކްޓޯބަރ 2020

ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ހައި ކޯޓުން ޖިނާއީ މައްސަލައެއް ކުރިއަށް ގެންދިޔައީ ގާނޫނާ ޚިލާފަށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ހައި ކޯޓުން ޖިނާއީ މައްސަލައެއް ކުރިއަށް ގެންދިޔައީ ގާނޫނާ ޚިލާފަށް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރި ކަމަށް ބުނެ ޅ. ކުރެންދޫ މީހެއްގެ މައްޗަށް ބ. އޭދަފުށީ ކޯޓުގައި ދައުލަތުން ދައުވާކުރި މައްސަލައެއް މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމުމުން ދައުލަތުން 2018 ވަނަ އަހަރު ވަނީ އެ މައްސަލަ ހައި ކޯޓުގެ އުތުރު ގޮފީގައި އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލަ ދަށު ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން އޮކްޓޫބަރު، 2018 ގައި އަމުރުކުރީ ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގަ އެވެ.

ޣައިރު ހާޒިރުގައި މައްސަލަ ނިންމާފައި ވާތީ އެކަން އެ މީހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވެސް ބުނީ އެ މައްސަލަ އިތުރަށް ދިރާސާކޮށް ބެލި ބެލުމުން ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ހައި ކޯޓުން މައްސަލަ ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ދެކޭ ކަމަށެވެ. ދައުލަތުން ކުރިން ގަބޫލު ކުރީ ހައި ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ވިޔަސް، އިއްޔެ އެ ވިސްނުން ބަދަލު ވެފައިވާ ކަމަށާއި އެހެންވެ، ހައި ކޯޓުގެ ހުކުމް ބަދަލު ކުރަންޖެހޭ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި ހައި ކޯޓުގެ ނިންމުން ބާތިލް ކުރިޔަސް، އެ މައްސަލައަކީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާ މަރުހަލާ އިން ފެށިގެން ދަށު ކޯޓުން ކުރިއަށް ގެންދަންޖެހޭ މައްސަލަ އެކެވެ.

ހައި ކޯޓަށް މައްސަލަ ހުށަހެޅީ ދައުވާ ލިބޭ މީހަކު ނެތް، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި ތޯ އާއި ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ގެންދިޔައިރު ހައި ކޯޓުގައި އެކަން ފާހަގަ ކުރިންތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ހައި ކޯޓަށް މައްސަލަ ހުށަހެޅީ ދައުވާ ލިބޭ މީހާ ހިމަނައިގެން ކަމަށާއި އޭނާގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަން ނިންމީ ހައި ކޯޓުން އަމިއްލަ އަށް ކަމަށެވެ. އެކަމަކު ހައި ކޯޓުގައި ދައުލަތުން އެކަމަށް ދެކޮޅު ހަދާފައި ނުވާނެ ކަމަށް ދައުލަތުން އެއްބަސްވި އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ އެއްކޮށް ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ވެސް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއް ސުއޫދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިންނެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މަހާޒް އެވެ.

ޣައިރު ހާޒިރުގައި ޖިނާއީ މައްސަލައެއް ހައި ކޯޓުން ނިންމި މައްސަލައެއް ސުޕްރީމް ކޯޓުގައި ހިނގާއިރު، ކްރިމިނަލް ކޯޓުން ޣައިރު ހާޒިރުގައި ކުރި ހުކުމެއް ހައި ކޯޓުން ވެސް ބާތިލްކުރި އެވެ. އެއީ ރިޝްވަތުގެ ކުށުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިިމް ތިން އަހަރަށް ޖަލަށްލާން 2017 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރި ހުކުމެވެ. އެ ހުކުމް އިއްވީ ގާސިމް ހޮސްޕިޓަލްގައި އެޑްމިޓް ކުރައްވާފައި އޮންނަވަނިކޮށެވެ.