14 ޖުލައި 2024
ތޫނު އެއްޗެހިން މީހަކަށް ހަމަލާދިން މައްސަލައެއްގައި ބައިވެރިވި ކުޑަކުއްޖެއްގެ މައްސަލާގައި ލިބުނު ވީޑިއޯ ފުޓޭޖްތަކަކަށް ބާރު ދީ، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ތޫނު އެއްޗެހިން މީހަކަށް ހަމަލާދިން މައްސަލައެއްގައި ބައިވެރިވި ކުޑަކުއްޖެއްގެ މައްސަލާގައި ލިބުނު ވީޑިއޯ ފުޓޭޖްތަކަކަށް ބާރު ދީ، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޖެނުއަރީ 2018 ގައި މާލޭގައި މީހަކަށް ތޫނު އެއްޗެހިން ހަމަލާދިން މައްސަލާގައި ދައުލަތުން ކުޑަކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައި ދައުވާކުރީ ހަމަލާދިން މީހާ ގޮވައިގެން އެ ސަރަހައްދުން ސައިކަލެއްގައި ގޮސްފައިވާތީ އެވެ. އެ ކުއްޖާއާ ދެކޮޅަށް ހެކިބަސް ދިނީ އެންމެ ހެކިވެރިއެއް ނަމަވެސް، ވީޑިއޯ ފުޓޭޖްތަކެއް އެ ކުއްޖާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި އެވެ. އެކަމަކު، ޖުވެނައިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމީ ވީޑިއޯތަކާއި އޭގެ އެނަލިސިސް ރިޕޯޓަކީ ގަރީނާއެއް ކަމަށް ވާތީ އޭގެ މައްޗަށް ބިނާކޮށް ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހަމަލާދިން މީހާ ގޮވައިގެން ސައިކަލުގައި ދިޔައީ އެ ކުއްޖާ ކަމަށް ސިއްރު ހެކިވެރިޔާ ބުނާއިރު، ވީޑިއޯ ފުޓޭޖްތަކުން ފެންނަ މީހާއާ އެ ކުއްޖާގެ ސިފަތައް ދިމާވާ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓްގައި ބުނާ ކަމަށެވެ. ވީޑިއޯތަކަކީ ގަރީނާއެއް ކަމަށް ވާތީ އޭގެ މައްޗަށް އެކަނި ބިނާކޮށް ކުށް ސާބިތު ނުވާނެ ކަމަށް ހައި ކޯޓުން ބުނެފައިވީ ނަމަވެސް އޭގެ އެއްވެސް އަސާސެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
"ހަމައެކަނި ގަރީނާއިން ޖިނާއީ މައްސަލައެއް ސާބިތު ނުވާނެ ކަމުގައި ބަޔާން ކޮށްފައި ވާއިރު، އެއީ ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް އެއްވެސް އަސާސެއް އޮތް ވާހަކައެއް ނޫނެވެ،" ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ސިއްރު ހެކިވެރިޔާގެ ބަހުން، އެކަމުގައި އެ ކުއްޖާ ބައިވެރިވިކަން ކަށަވަރު ނުވާ ކަމަށް ޖުވެނައިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ ރަނގަޅަކަށް ނޫނެވެ. އެ ހެކިވެރިޔާ ކޯޓުގައި ދިން ހެކިބަހަށް ބަލާއިރު، އެ ކުއްޖާއާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. އެގޮތުން ވީޑިއޯ ފުޓޭޖްތަކާއި އޭގެ އެނަލިސިސް ރިޕޯޓަށް ބެލުމުން ސިއްރު ހެކިވެރިޔާގެ ބަހަކީ އާދަޔާ ހިލާފު ތެދެއް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެ ހުރިހާ ހެކިތައް ހުރީ ދައުވާ ލިބޭ ކުއްޖާއާ ދެކޮޅަށް ކަމަށް ވެސް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެންމެ ހެކިވެރިއަކު ހުންނަ ހާލަތުގައި އޭނާގެ ބަހުގައި އެތެރެފުށާއި ބޭރުފުށް އެއްގޮތްވާ ނަމަ ކުށް ސާބިތުވާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ އެ އުސޫލަކީ ހަމައެކަނި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި އެކަނި ބޭނުން ކުރެވޭނެ އުސޫލެއް ނޫނެވެ. ގުޅުވާލެވޭ ގަރީނާ ހުންނަ އެ ނޫން މައްސަލަތަކުގައި ވެސް އެ އުސޫލު ބޭނުން ކުރެވޭނެ ކަމަށާއި އެގޮތުން މި މައްސަލާގައި ސިއްރު ހެކިވެރިޔާގެ ބަހުގެ ތެދުކަން ދެން ހުރި ގަރީނާތަކުން ކަށަވަރުވާ ކަމަށް ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް އަދި އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އެ ކުއްޖާގެ މައްޗަށް ކަނޑައަޅާނެ އަދަބާ މެދު ގޮތެއް ނިންމުމަށް ޖުވެނައިލް ކޯޓަށް އެ މައްސަލަ ތަހުވީލްކުރީ ކަަމަށް ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު މަހާޒެވެ.
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
މަރުގެ ދައުވާލިބޭ ކުއްޖާ ގޭގައި ހުރުމުގައި ގޯހެއް ނެތް
ކުޑަކުދިންގެ އަދުލުގެ ގަވާއިދެއް އެކުލަވާލައިފި
15 އަހަރުނުވާ ކުދިންގެ ފޯނު ފުލުހުންނަކަށް ނުބެލޭނެ
މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ
އަނަސް މަރާލި ކުޑަކުއްޖާ 18 އަހަރަށް ޖަލަށް
އަނަސްގެ މަރު: ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
"ކުޑަކުއްޖަކު" މަރަން ކުރި ހުކުމް ސުޕްރީމް ކޯޓަށް
އުދައްޔުގެ މަރު:ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
ޖަލުގައި އޮންނަތާ 9އަހަރު ފަހުން 4އަހަރުގެ ހުކުމެއް!