Roadha Mihaaru
މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ

ގާތިލަށް މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ

11 ޖުލައި 2024

މީގެ 11 އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ހުސައިން ވަހީދުގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ކުއްޖާއަށް ހުސައިންގެ މަންމަ މައާފް ދިނުމުން އެ ކުއްޖާ މަރުގެ އަދަބުން ސަލާމަތްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ 11 އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ހުސައިން ވަހީދުގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ ކުއްޖާއަށް ހުސައިންގެ މަންމަ މައާފް ދިނުމުން އެ ކުއްޖާ މަރުގެ އަދަބުން ސަލާމަތްވެއްޖެ އެވެ.

ޑިސެމްބަރު، 2013 ގައި މ. އައިޝާ ހުސައިން ވަހީދަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު ހުކުމްކުރި އެވެ. އެ ދެ މީހުންގެ މަރުގެ ހުކުމް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އޭގެ ތެރެއިން އެކަކު ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ. އެ ދެ މީހުންނަށް މިހާރު 18 އަހަރު ފުރިފައި ވިޔަސް، އެ މީހުން ކުށްކުރީ ކުޑަކުދިންގެ ގޮތުގައި ތިބެ ކަމަށްވާތީ އެ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލަ އެ ކޯޓުގައި އޮއްވާ އެ ކުއްޖާއަށް މައާފް ދޭން ބޭނުންވާ ކަމަށް ހުސައިން ވަހީދުގެ މަންމަ 2022 ވަނަ އަހަރު ސުޕްރީމް ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެއީ، އެ ކުއްޖާ އޭނާގެ ކިބައިން މައާފަށް އެދުމުން ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންކަމުން އިސްލާމީ ޝަރީއަތުގެ ދަށުން އެ ހާލަތުގައި މަރުގެ އަދަބު ނުދެވޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ހުކުމުގައިވާ ގޮތުން އިސްލާމީ ޝަރީއަތުގެ ދަށުން އެންމެ ވާރިސަކު މައާފް ދިން ނަމަވެސް ގާތިލަށް މަރުގެ އަދަބެއް ނުދެވޭނެ އެވެ. އެހެންވެ، އެ ކުއްޖާގެ މައްޗަށް ކަނޑައެޅި މަރުގެ އަދަބު ބާތިލްކުރީ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ކުއްޖާގެ މައްޗަށް ގާނޫނީ ގޮތުން ދެން ކަނޑައެޅޭނެ ގާނޫނީ އަދަބަކާ މެދު ގޮތެއް ނިންމުމަށް ޖުވެނައިލް ކޯޓަށް އެ މައްސަލަ ތަހުވީލްކުރީ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނު މިހާރު އޮންނަ ގޮތުން 18 އަހަރުން ދަށުގެ ކުއްޖަކު ކުރި ކުށަކާ ގުޅިގެން މަރުގެ އަދަބެއް ނުދެވޭނެ އެވެ. ނަމަވެސް އެ ކުއްޖާގެ މައްޗަށް ހުކުމް ކުރިއިރު އެ ގާނޫނަށް އަމަލު ކުރަން ފަށާފައެއް ނުވެ އެވެ.

މިއީ ސުޕްރީމް ކޯޓުގައި މަރުގެ ހުކުމަކަށް ވާރިސުން މައާފް ދިން ދެވަނަ މައްސަލަ އެވެ. މީގެކުރިން 2011 ވަނަ އަހަރު ވިލިމާލޭގައި ޒުވާނަކު މަރާލި މައްސަލާގައި މަރަން ހުކުމްކުރި މީހަކަށް، މަރުވި މީހާގެ ބައްޕަ ސުޕްރީމް ކޯޓުގައި މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވި އެވެ.

މަރުގެ އަދަބުން ސަލާމަތްވި ނަމަވެސް ގާނޫނީ އަދަބެއް ދިނުމުގެ ފުރުސަތު ގާނޫނުގެ ދަށުން އޮވެ އެވެ.