Roadha Mihaaru
ޝައިފަންގެ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

ޝައިފަން މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

30 ނޮވެމްބަރ 2023

ވެސްޓްޕާކް ކައިރީގައި މީގެ 10 އަހަރު ކުރިން އަލީ ޝިފާން (ތޮޅި ޕެލޭ) މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ މުހައްމަދު ޝައިފަން މެރުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތުން މިއަދު ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވެސްޓްޕާކް ކައިރީގައި މީގެ 10 އަހަރު ކުރިން އަލީ ޝިފާން (ތޮޅި ޕެލޭ) މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ މުހައްމަދު ޝައިފަން މެރުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތުން މިއަދު ދަމަހައްޓައިފި އެވެ.

ވެސްޓްޕާކް ކައިރީގައި އޭޕްރީލް، 2012 ގައި ތޫނު އެއްޗެހިން ހަމަލާދީ މއ. ފެއަރީކޯނާ އަލީ ޝިފާން މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ހަ މީހުންގެ ތެރެއިން ޝައިފަން މަރަން ހައި ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރު އެވެ.

އެ މައްސަލަ ޝައިފަންގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ޝިފާނަށް ހަމަލާދިން މީހުންގެ ތެރޭގައި ޝައިފަން ހިމެނޭ ކަމަށް ބައެއް ހެކިން ބުނާއިރު އެ ސަރަހައްދުގައި އޭނާ ހަރަކާތްތެރިވި ކަމަށް އެހެން ބައެއް ހެކިން ބުނާ ކަމަށެވެ. އަދި އެ މައްސަލާގައި ލިބުނު ޑީއެންއޭ އާއި ޝައިފަންގެ ޑީއެންއޭ ދިމާވާއިރު، ޑީއެންއޭއަކީ މިފަދަ މައްްސަލަތަކުގައި ބޭނުން ކުރެވިދާނެ ހަރުދަނާ ގަރީނާއެއް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ޝިފާން މަރުގެ މައްސަލާގައި ކުށް ސާބިތުވެފައިވާ މުހައްމަދު ޝައިފަން މިއަދު ސުޕްރީމް ކޯޓުގައި ހުކުމް އަޑުއަހަނީ.

ޝިފާން މަރުގެ މައްސަލާގައި ކުށް ސާބިތުވެފައިވާ މުހައްމަދު ޝައިފަން މިއަދު ސުޕްރީމް ކޯޓުގައި ހުކުމް އަޑުއަހަނީ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އަގުލަބިއްޔަތުން ނިންމެވީ ހެކިންގެ ހެކިބަހާއި ޑީއެންއޭ އިން ކުށް ސާބިތުވާ ކަމަށެވެ. އެހެންކަމުން އޭނާގެ މަރުގެ ހުކުމް ދެމެހެއްޓީ ކަމަށް އެ ހުކުމުގައިވެ އެވެ.

މި މައްސަލާގައި ބައެއް ހެކިން ވަނީ ހަމަލާ ދިން ވަގުތު ޝައިފަން މަސް ކަނޑާ ވަޅިއެއް ހިފައިގެން އުޅުނު މަންޒަރު ދުށް ކަމަށް ބުނެފަ އެވެ. ޝިފާން މަރުވީ އެ ހަމަލާގައި ލިބުނު އަނިޔާތަކުގައި ގިނަ އަދަދެއްގެ ލޭ އޮހޮރި، ޖެހުނު ޝޮކަކުންނެވެ.

ޝިފާންގެ ގައިން ނެގި ޑީއެންއޭ ސާމްޕަލް އަކުން ޝައިފަންގެ ޑީއެންއޭއާ ދިމާވެފައިވެ އެވެ. މިއަދު އިއްވި ހުކުމްގައި ބުނީ އެއީ ވަރުގަދަ ގަރީނާއެއް ކަމަށާއި މަރުގެ މައްސަލަތަކުގައި ވެސް މިހާރު ވަރަށް ބޮޑަށް ކުރިއަރާފައިވާ ޑީއެންއޭ ހެކި ބަލައިގަނެވޭނެ ކަމަށެވެ.

މިއީ 2016 ވަނަ އަހަރު ފަހުން ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް ދެމެހެއްޓި ފުރަތަމަ މައްސަލަ އެވެ.

މި މައްސަލައިގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު ޑރ. މުއުތަސިމް އަދުނާނާއި ފަނޑިޔާރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު އެވެ. ހުކުމް ދެމެހެއްޓުމަށް އުއްތަމަ ފަނޑިޔާރު ދެއްވި ރައުޔުއާ ތަފާތުވީ ފަނޑިޔާރު ޝުޖޫންގެ ރަޔުއު އެވެ.