Roadha Mihaaru
މަރުގެ އަދަބަށް ގޮތް ނިންމަން ޖެހޭނީ ސަރުކާރުން: ޕީޖީ

ޝައިފަންގެ މަރުގެ އަދަބު ތަންފީޒު ކުރުމާ މެދު ގޮތް ނިންމަން ޖެހޭނީ ސަރުކާރުން: ޕީޖީ

30 ނޮވެމްބަރ 2023

ވެސްޓްޕާކް ކައިރީގައި އަލީ ޝިފާން (ތޮޅިޕެލޭ) މަރާލި މައްސަލާގައި އޭނާގެ ގާތިލް މުހައްމަދު ޝައިފަން މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓާފައިވާއިރު، މަރުގެ އަދަބު ތަންފީޒު ކުރުމާ މެދު ގޮތް ނިންމަން ޖެހޭނީ ސަރުކާރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވެސްޓްޕާކް ކައިރީގައި އަލީ ޝިފާން (ތޮޅިޕެލޭ) މަރާލި މައްސަލާގައި އޭނާގެ ގާތިލް މުހައްމަދު ޝައިފަން މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓާފައިވާއިރު، މަރުގެ އަދަބު ތަންފީޒު ކުރުމާ މެދު ގޮތް ނިންމަން ޖެހޭނީ ސަރުކާރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭޕްރީލް، 2012 ގައި ގްރޫޕަކުން ގޮސް މއ. ފެއަރީކޯނާ ޝިފާނަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ހަ މީހުންގެ ތެރެއިން ކުށް ސާބިތުވި މުހައްމަދު ޝައިފަން މެރުމަށް ހައި ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރު އެވެ. އެ ހުކުމް އޭގެ ހަތް އަހަރު ފަހުން ސުޕްރީމް ކޯޓުން މިއަދު ވަނީ ދަމަހައްޓައިފަ އެވެ.

މިއީ 2016 ވަނަ އަހަރުގެ ފަހުން ސުޕްރީމް ކޯޓުން މަރުގެ އަދަބެއް ދެމެހެއްޓި ފުރަތަމަ މައްސަލަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ޕީޖީ ޝަމީމް ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމުގައި ޕީޖީ އޮފީހުގެ ދައުރެއް ނެތުމުން އެކަމާ މެދު އެއްޗެއް ދެންނެވެން ނެތް ކަމަށެވެ. އަދި އެކަމަށް ގޮތް ނިންމަން ޖެހޭނީ ސަރުކާރުން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ ތަންފީޒު ކުރުމާ ބެހޭގޮތުން ސަރުކާރުން ގޮތެއް ނިންމަވަން ޖެހޭނެ ކަމަށް. އެކަމާ ބެހޭގޮތުން ހުރި ގާނޫނުތަކުގައި އަޅުގަނޑުމެންގެ ދައުރެއް ނެތް." ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ 2015 ވަނަ އަހަރު ހޯމް މިނިސްޓްރީން ހެދި ގަވާއިދެއްގައި، މަރުގެ އަދަބު ތަންފީޒު ކުރާއިރު ޕީޖީ އޮފީހުގެ ފަރާތުން މީހަކު ހާޒިރުވެ ހުންނަންޖެހޭ ގޮތަށް ބަޔާންކޮށްފައި އޮތް ކަމަށެވެ. ނަމަވެސް އެގޮތަށް ކަނޑައެޅޭނީ ގާނޫނެއްގައި އެކަން ބަޔާން ކޮށްފައި އޮވެގެން ކަމަށް ޝަމީމް ވިދާޅުވި އެވެ.

މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ ހުކުމެއް ދެމެހެއްޓުމުންނެވެ. މިހާރު ރާއްޖޭގައި ސުޕްރީމް ކޯޓުން މަރުގެ އަދަބު ދަމަހައްޓާފައިވާތީ ހަތަރު މީހަކު އެބަތިއްބެވެ. ނަމަވެސް 1953 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒު ކޮށްފައެއް ނުވެ އެވެ.