31 މެއި 2023
ވިލިމާލޭގައި މީގެ 12 އަހަރު ކުރިން ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި އަހުމަދު މިރުޒާ އިބްރާހިމްގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މީހަކަށް ވާރިސުން މާފު ދިނުމުން ސުޕްރީމް ކޯޓުގައި އޭނާ މަރުގެ އަދަބުން ސަލާމަތްވެ، އެކަމަކު ގާނޫނީ އަދަބާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ވިލިމާލޭގައި މީގެ 12 އަހަރު ކުރިން ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި އަހުމަދު މިރުޒާ އިބްރާހިމްގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މީހަކަށް ވާރިސުން މާފު ދިނުމުން ސުޕްރީމް ކޯޓުގައި އޭނާ މަރުގެ އަދަބުން ސަލާމަތްވެ، އެކަމަކު ގާނޫނީ އަދަބާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
އޭޕްރީލް، 2011 ގައި ވިލިމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ނ. މާޅެންދޫ ވައިޓްހައުސް، މިރުޒާ މަރާލި މައްސަލާގައި ވ. ފަޒީލާ މަންޒިލް މުހައްމަދު ޝިފާއު އާއި ޏ. ފުވައްމުލަކު ޒާވިއާ އަބްދުالله ނަޒީފް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ނަޒީފް މަރަން ހުކުމްކުރި ހުކުމަށް ހައި ކޯޓުން އޮތީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ ނަޒީފްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ ގަސްދުގައި މީހަކު މެރުމުގެ ކުށް ނަޒީފްގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެކަމަކު، މިރުޒާގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ފަހުން ބުނެފައިވާތީ މިހާރު ދޭން ޖެހޭނީ ގާނޫނީ އަދަބެއް ކަމަށް ހުކުމުގައި ވެ އެވެ.
އެހެންވެ، ނަޒީފަށް ދޭންޖެހޭ ގާނޫނީ އަދަބާ މެދު ގޮތެއް ނިންމަން އެ މައްސަލަ ކްރިމިިނަލް ކޯޓަށް ފޮނުވުމަށް އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައި އަދި އިތުރު ތިން ފަނޑިޔާރުން ތާއީދު ކުރެއްވި ހުކުމުގައި ވަނީ މިރުޒާ އަށް ހަމަލާދިން މީހުންގެ ތެރޭގައި ނަޒީފް ހިމެނޭ ކަން ހެކިންގެ ބުނެފައިވާ ކަމަށާއި އަދި މިރުޒާ މަރުވީ ބޮލުގައި އެއްޗަކުން ޖެހުމުން ކަމަށް ހެކިން ބުނެފައިވާ ކަމަށެވެ.
ހުކުމުގައިވާ ގޮތުން މިރުޒާގެ ބޮލުގައި އެއްޗަކުން ޖެހީ ކާކުކަން އެނގެން ނެތަސް، ކުށް ސާބިތުވާނެ އެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައި ބުނީ، ގިނަ ބަޔަކު ބައިވެރިވެގެން މީހަކު މަރާލައިފި ނަމަ އެންމެންގެ މައްޗަށް ގިސާސްގެ އަދަބު ދެވޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި ބަލަމުން އަންނަ ކަމަށެވެ.
އޭގެ ދަލީލެއްގެ ގޮތުން ހުކުމުގައި ފާހަގަ ކުރެއްވީ އުމަރުގެފާނާއި އަލީގެފާނުގެ ޒަމާނުގައި ހިނގައިދިޔަ ހާދިސާތަކެކެވެ. އޭގެ ތެރެއިން އެއް ހާދިސާއަކީ އުމަރުގެފާނުގެ ޒަމާނުގައި ކުޑަކުއްޖަކު މަރާލުމުގައި ގިނަ ބަޔަކު ބައިވެރިވުމުން އެ އެންމެންގެ މައްޗަށް ގިސާސް ހިފުމަށް އުމަރުގެފާނު އެންގެވި ހާދިސާ އެވެ.
އެހެންވެ، ހުކުމުގައިވާ ގޮތުން މަރުވުމަށް ސީދާ މެދުވެރިވި އެތިފަހަރު ޖެހީ ކާކުކަން އެނގެން ނެތަސް، އެކަމުގައި ބައިވެރިވި އެންމެން ގަސްދުގައި މީހަކު މެރީ ކަމަށް ބަލަން ޖެހޭނެ އެވެ. އެއީ އިސްލާމީ ބައެއް ފިގްހު އިލްމުވެރިންގެ ރައުޔު ކަމަށް ވެސް ހުކުމުގައިވެ އެވެ.
"މެރުމުގައި އަމަލުގައި އަމަލީ ގޮތުން ބައިވެރިވެ، މަގްތޫލުގެ ގައިގައި ރުޅިވެރިކަމާ އެކު ޖެހި އެންމެންގެ މައްޗަށް ގަސްދު މަރުގެ ކުށް ސާބިތުވާނެ،" ހުކުމް އިއްވަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ހުކުމް އިއްވަނީ
ހުކުމުގައިވާ ގޮތުން ގިނަ ބަޔަކު އެކުވެގެން ކުށްކުރާ ހާލަތުގައި އެ އިން ކޮންމެ މީހަކު ކުރާ ވަކިވަކި އަމަލެއް ދެނެގަތުމަކީ ހޯދަން ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެފަދަ ހާލަތްތަކުގައި އެންމެން އެކުގައި ކުރި އަމަލެއް ސާބިތުކޮށް ދިނުމުން ފުދޭނެ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވީ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އޭނާގެ ރައުޔަކީ މި މައްސަލާގައި ހެކިންގެ ބަހުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި މިރުޒާގެ ބޮލުގައި ލަކުޑި ބުރިން ޖެހީ ކާކުކަން އެނގެން ނެތުމުން ގަސްދު މީހަކު މެރުމުގެ ކުށް ސާބިތުނުވާ ކަމަށެވެ.
ފަނޑިޔާރު ޝުޖޫން ވިދާޅުވީ ނަޒީފް އެ އަމަލު ހިންގީ މިރުޒާ މަރާލުމުގެ ނިޔަތުގައި ކަން އެނގެން ނެތް ކަމަށެވެ. ގާނޫނުލްއުގޫބާތު އޮތްގޮތުން މަރުގެ އަދަބު ދެވޭނީ އެންމެ މަތީ ދަރަޖައިގެ ގަސްދާއި ނިޔަތް އޮވެގެން ކުރާ ކުށްތަކުގައި އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ނަޒީފް ކުރި އަމަލަކީ އިންސާނެއްގެ ފުރާނައަށް ފަރުވާލެއް ނެތި ހިންގި އަމަލަކަށް ވާތީ ގާނޫނުލްއުގޫބާތުގެ ދަށުން އޭނާގެ މައްޗަށް އަލުން އަދަބު ކަނޑައަޅަން ކްރިމިނަލް ކޯޓަށް ފޮނުވަން ޖެހޭ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.
އެ މައްސަލާގައި ހެކިންގެ ތެރޭގައި އަންހެނަކު ހިމެނޭތީ، އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށެއް ސާބިތު ކުރުމުގައި އަންހެނެއްގެ ހެކިބަސް ބޭނުން ނުކުރެވޭނެ ކަމަށް ނަޒީފްގެ ފަރާތުން ފާހަގަ ކޮށްފައިވާތީ ހުކުމުގައިވަނީ އަންހެނެއްގެ ހެކިބަހަށް ބުރަދަން ނުދެވޭނެ ސަބަބެއް ނެތް ކަމަށެވެ.
ސަބަބެއްގެ ގޮތުގައި ހުކުމުގައި ވަނީ މަރުގެ މައްސަލަތަކުގައި އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް ކީރިތި ޤުރުއާނުގައި ތަފާތުކޮށްފައި ނުވާތީ މިފަދަ ކަންކަމުގައި ހެކިބަސް ހަމަހަމަވާނެ ކަމަށް ބަލަން ޖެހޭތީ އެވެ. މި މައްސަލާގައި އަންހެން މީހާގެ ހެކިބަސް ނޫން އިތުރު ހެކި ހުރިކަން ހުކުމުގައި ފާހަގަކުރި އެވެ.
ފަނޑިޔާރު ޝުޖޫން ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
އެ މައްސަލާގައި މަރަން ހުކުމްކުރި ޝިފާއުގެ މައްސަލަ ހައި ކޯޓުގައި އޮއްވާ އޭނާއަށް ވެސް މިރުޒާގެ އާއިލާއިން މައާފް ދީފައިވާތީ އޭނާ 17 އަހަރަށް ޖަލަަށްލާން ހައި ކޯޓުން މިދިޔަ އަހަރު ވަނީ ހުކުމްކޮށްފަ އެވެ.
މަރަން ހުކުމްކޮށްފައި ވަނިކޮށް ވާރިސުން މާފުދީފި
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ
މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ
ޝައިފަންގެ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
ސަމާހު ހިތްހަމަނުޖެހުމުން ވަކީލު މައްސަލައިން ވަކިކޮށްފި
"ކުޑަކުއްޖަކު" މަރަން ކުރި ހުކުމް ސުޕްރީމް ކޯޓަށް
މިރުޒާގެ މަރު: އެކަކު މަރުގެ އަދަބުން ސަލާމަތްވެއްޖެ
މިރުޒާގެ މަރު: ދެވަނަ މީހާއަށް ވެސް ބައްޕަ މާފުދީފި
ޝުހާދުގެ މަރުގެ މައްސަލަ ސުޕްރީމްކޯޓުން ހުކުމާ ހަމައަށް