Roadha Mihaaru
މިރުޒާގެ މަރު: ދެވަނަ މީހާއަށް ވެސް ބައްޕަ މާފުދީފި

މިރުޒާގެ މަރު: ދެވަނަ މީހާ އަށް ވެސް ބައްޕަ މާފު ދީފި

03 ޖުލައި 2022

މީގެ 11 އަހަރު ކުރިން ވިލިމާލޭގައި މަރައިލި އަހުމަދު މިރުޒާ އިބްރާހިމްގެ މަރުގެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ ދެވަނަ މީހާ އަށް ވެސް މިރުޒާގެ ބައްޕަ މިއަދު ހައި ކޯޓުގައި މާފުދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ 11 އަހަރު ކުރިން ވިލިމާލޭގައި މަރައިލި އަހުމަދު މިރުޒާ އިބްރާހިމްގެ މަރުގެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ ދެވަނަ މީހާ އަށް ވެސް މިރުޒާގެ ބައްޕަ މިއަދު ހައި ކޯޓުގައި މާފުދީފި އެވެ.

އޭޕްރީލް، 2011 ގައި ވިލިމާލޭ ކުޑަކުދިން ޕާކް ކައިރީގައި ގްރޫޕަކުން ގޮސް ލަކުޑިބުރިން ހަމަލާދީ މަރައިލި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ދެ މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފަ އެވެ. އެއީ ޏ. ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޒީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ މައްޗަށެވެ.

އޭގެ ތެރެއިން ނަޒީފްގެ މަރުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް، މިރުޒާގެ ބައްޕަ ވަނީ ނަޒީފަށް މާފުދީފަ އެވެ. އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ގާތިލުގެ ކިބައިން މަރަށް މަރު ހިފުމާއި މާފު ދިނުމުގެ ދިނުމުގެ ބާރު އޮންނަނީ ވާރިސުންނަށެވެ.

އެހެންވެ، ޝިފާއުގެ އިސްތިއުނާފް މައްސަލައިގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަށް މިރުޒާގެ ބައްޕަ ހާޒިރުކޮށް، އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން މިރުޒާގެ ބައްޕަ އިބްރާހިމް ހަސަން ބުނީ އެ މީހުން މާފަށް އެދިފައިވާތީ މިހާރު ބޭނުންވަނީ ޝިފާއު އަށް ވެސް މާފު ދޭން ކަމަށެވެ.

"އެ މީހުން ދެއްކި ވާހަކައަށް އަޅުގަނޑު ވެސް ދެރަވެގެން ދެން މާފު ދިނީ އެ މީހުންނަށް،" މިރުޒާގެ ބައްޕަ އިބްރާހިމް ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި މިރުޒާގެ ބައްޕަގެ ނަމުގައި ސުޕްރީމް ކޯޓަށް ފޮނުވާފައިވާ ސިޓީގައި އޮތީ މަރަށް މަރު ހިފަން ބޭނުން ނުވިޔަސް، މަރުގެ ދިޔަ ބޭނުންވާ ކަމަށެވެ.

އެކަމަކު މިރުޒާގެ ބައްޕަ ހައި ކޯޓުގައި މިއަދު ބުނިގޮތުގައި މަރުގެ ދިޔަ ހޯދަން އެދިފައި ނުވާނެ ކަމަށެވެ.

"ފައިސާގެ އެއްވެސް ވާހަކައެއް އަޅުގަނޑު ނުބުނަން. މަރުގެ ދިޔައަކަށް އަޅުގަނޑު ނޭދެން،" އޭނާ ބުންޏެވެ.

މަރުގެ މައްސަލަތަކުގައި ވާރިސުން މާފު ދިނަސް، ތައުޒީރީ އަދަބެއް ދިނުމުގެ ފުރުސަތު އޮންނާތީ އެކަމާބެހޭ ގޮތުން ހައި ކޯޓުގައި މިއަދު ވާހަކަ ދެއްކި އެވެ. ދައުލަތުން އެދުނީ ގާނޫނުލްއުގޫބާތުގެ ދަށުން 17 އަހަރުގެ ޖަލު ހުކުމެއް ޝިފާއުގެ މައްޗަށް އިއްވައި ދިނުމަށެވެ. އެއީ މަރުގެ މައްސަލައަކަށް ވާތީ އާއި މީހެއްގެ ފުރާނަ ގެއްލިފައިވާތީ އަދަބުގެ ދަރަޖަތައް މަތި ކުރުމަށް ފަހު އެވެ.

ޝިފާއުގެ ވަކީލް އަހުމަދު ޝިފާއު ވިދާޅުވީ ޝިފާއުގެ މައްޗަށް ކުށް ސާބިތުވިޔަސް، އަދަބުގެ ދަރަޖަ މަތިކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެއީ މަރުގެ އެހެން މައްސަލަތަކާ ބަލާއިރު އުނި ކަންތައްތައް ގިނަ މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އަދި މި ހަފުތާގެ ތެރޭގައި ހުކުމް އިއްވަވާނެ ކަމަށެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޔާސަތު ބަލަހައްޓަވާ އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.