Roadha Mihaaru
ތަފާތުތަކާއެކު މެރިން އެކްސްޕޯ ހޮނިހިރު ދުވަހު ފަށަނީ

މުޅިން އާ ކަންތައްތަކާ އެކު މެރިން އެކްސްޕޯ ހޮނިހިރު ދުވަހު ފަށަނީ

07 ސެޕްޓެމްބަރ 2017

ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބާއްވާ މި އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ މުޅިން އާ ކަންތައްތަކަކާ އެކު އަންނަ ހޮނިހިރު ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބާއްވާ މި އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ މުޅިން އާ ކަންތައްތަކަކާ އެކު އަންނަ ހޮނިހިރު ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

މެރިން އެކްސްޕޯ އިންތިޒާމުކުރާ ބްލަކް އިން ބުނީ ހޮނިހިރު ދުވަހުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް އޮންނަ އެކްސްޕޯގައި ކުރީ އަހަރުތަކެކޭ އެއްފަދައިން ގިނަ ކުންފުނިތަކަކުން ބައިވެރިވާނެ ކަމަށެވެ.

މި ފަހަރުގެ އެކްސްޕޯގައި މުޅިން އަލަށް ފެންނާނެ ކަންތައްތަކުގެ ތެރޭގައި، ކޮންމެ ގަޑިއަކު އެއް ފަހަރު ނަގާ ލަކީޑްރޯ އާއި ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުންގެ ކީނޯޓް ސްޕީޗް ހިމެނެ އެވެ. އަދި ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އާ ގުޅިގެން މި އެކްސްޕޯގައި ކުރެހުމުގެ މުބާރާތެއް ބާއްވާނެ އެވެ.

"އަވާލީ ލަކީޑްރޯތަކުގެ އިތުރުން ކޮންމެ ދުވަހަކު ބޮޑު އިނާމެއް ވެސް ލިބޭނެ. ނަސީބުވެރިންނަށް ހޮވޭ ފަރާތްތަކަށް ވައުޗާގެ އިތުރުން އަގުހުރި އިނާމުތަކެއް ލިބޭނެ،" ބްލަކްގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު އަލީ ޖިނާހް މުހައްމަދު ވިދާޅުވި އެވެ.

ފެނު އަޑީގައި ތަޖުރިބާ ކުރެވޭ ގޮތަށް ވާޗުއަލް ރިއަލިޓީ ޒޯނެއް ވެސް އެކްސްޕޯގައި ކުރިއަށް ގެންދާނެ އެވެ. ބްލަކް އިން ބުނީ މިއީ ރާއްޖޭގައި މިކަން ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

އޮންލައިން މީޑިއާ ޕާޓްނަރުކަން "މިހާރު"ން ނަގާފައިވާ މެރިން އެކްސްޕޯގެ މި އަހަރުގެ މެއިން ސްޕޮންސަރަކީ ގަލްފް ކްރާފްޓާއި އެމްޓީސީސީ އެވެ. ކޯސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ފިއުލް ސަޕްލައި މޯލްޑިވްސް އެވެ.

މި އަހަރުގެ އެކްސްޕޯގައި ފިޝަމެންސް އެސޯސިއޭޝަނާއި މެރިން ރިސާޗް ސެންޓަރާއި މެރިން ޕޮލިހާއި އޯޝަންހޯލިކާއި އެންވަޔަރުމެންޓް މިނިސްޓްރީ އަދި ސޭވް ދަ ބީޗާއި ވިލާ ކޮލެޖްގެ އިތުރުން ބްލޫ މެރިން ފައުންޑޭޝަނުން ބައިވެރިވެ އެވެ. އަދި ބޭރުގެ މަޝްހޫރު އަންޑަވޯޓާ ފޮޓޯގްރާފަރުން ކަމަށްވާ ޓާރާ ޖެއިން އާއި ބުޝާން ބަގަޑިއާގެ އިތުރުން ރާއްޖޭގެ އެންމެ ފުރަތަމަ ޕަޑީ ކޯސް ޑައިރެކްޓްރޭޓް އަދި މަޝްހޫރު ޑައިވަރު ހުސައިން ރަޝީދު (ސޭންޑީ) ބައިވެރިވާނެ އެވެ.