Roadha Mihaaru
މޯލްޑިވްސް މެރިން އެކްސްޕޯ ހުޅުމާލޭގައި ފަށައިފި

މުޅިން އާ ހަރަކާތްތަކަކާއެކު މެރިން އެކްސްޕޯ ހުޅުމާލޭގައި ފަށައިފި

27 ސެޕްޓެމްބަރ 2016

މި އަހަރުގެ "މޯލްޑިވްސް މެރިން އެކްސްޕޯ 2016" ހުޅުމާލޭގައި މިއަދު ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި އަހަރުގެ "މޯލްޑިވްސް މެރިން އެކްސްޕޯ 2016" ހުޅުމާލޭގައި މިއަދު ފަށައިފި އެވެ.

ހުޅުމާލޭ ފެރީ ޓާމިނަލްގެ އުތުރުން އޮންނަ އަތިރިމަތީގައި މުޅިން އާ ހަރަކާތްތަކާއެކު ކުރިއަށްދާ ތިން ވަނަ އެކްސްޕޯގައި 32 ފަރާތަކުން ބައިވެރިވާއިރު، ބޭރުގެ ބައެއް ފަރާތްތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ހަތަރު ދުވަހަށް ކުރިއަށްދާ އެކްސްޕޯގައި މެރިން ދާއިރާއާ ގުޅުން ހުރި ވަސީލަތްތަކާއި، މެޝިނަރީސް، ޓޫލްސް، ބޯޓު ފަހަރާއި ލޯންޗުފަހަރާއި ޑައިވިން އާއި މޫދު ކުޅިވަރަށް ބޭނުންވާ މަޝްހޫރު ބްރޭންޑްތަކުގެ އެކި ސާމާނު ހުންނާނެ އެވެ. އަދި އަގުހެޔޮ ކަމާއެކު ބައެއް އެއްޗެހި އެތަނުން ގަންނަން ލިބެ އެވެ.

މެރިން އެކްސްޕޯ އިންތިޒާމުކުރާ ބްލަކްއިން ބުނީ އެހެން އަހަރުތަކާ ހިލާފަށް އެކްސްޕޯ އަށް ޒިޔާރަތް ކުރާ މީހުންގެ ތެރެއިން މެރިން ޓޯކްސްގައި ބައިވެރިވެ، އާޓް ގެލެރީ އަށް ޒިޔާރަތްކޮށްގެން މޫދު ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހު އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންނަށް މޫދު ކުޅިވަރުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވި ގޮތުގައި މީގެ ކުރިއާ ހިލާފަށް މިފަހަރުގެ އެކްސްޕޯގައި ގިނަ ބަޔަކު ބައިވެރިވުމަކީ ލިބޭ ކުރިއެރުމެކެވެ. އަދި މެރިން އެކްސްޕޯ ބައިނަލްއަގުވާމީ އެކްސްޕޯއަކަށް ވުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.

މެރިން އެކްސްޕޯގެ ސްޓޯލެއް. މި އެކްސްޕޯގައި ބޭރުގެ ބައެއް ފަރާތްތަކުން ބައިވެރިވޭ. - ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

މެރިން އެކްސްޕޯގެ ސްޓޯލެއް. މި އެކްސްޕޯގައި ބޭރުގެ ބައެއް ފަރާތްތަކުން ބައިވެރިވޭ. - ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

"މެރިން އެކްސްޕޯ އިތުރަށް ފުޅާ ކުރާނަމަ، ބައިނަލްއަގުވާމީ އެކްސްޕޯއަކަށް ކައިރި މުސްތަގުބަލުގައި އެކްސްޕޯ ވެގެން ދާނެ. ރާއްޖެއަކީ މިކަހަލަ އެކްސްޕޯތައް ބާއްވަން އެންމެ ރަނގަޅު ތަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިފަދަ އެކްސްޕޯތައް ބޭއްވުމަށް ސަރުކާރަށް ވެވެން އޮތް އެހީތެރިކަމެއް ވެދޭނެ ކަމަށެވެ. އަދި އެކްސްޕޯތަކުގައި ގިނަ ޒުވާނުންނަށް ފުރުސަތު ދީ، އެމީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ ގޮތަކަށް އޮތުމަކީ މުހިންމު ކަމެއް ކަމަށް ތޯރިގް ވިދާޅުވި އެވެ.

މެރިން އެކްސްޕޯއާ ބެހޭ ކުރު ތައާރަފެއް

- އެކްސްޕޯގައި އިންޑިއާ، ޗައިނާ، ރަޝިއާ، އެމެރިކާއިން ބައިވެރިވޭ

- އެކްސްޕޯ ކުރިއަށްދާނީ މެންދުރު ތިނަކުން ރޭގަނޑު 10 އަށް

- އެކްސްޕޯގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ބައިވެރިވޭ

- މުޅިން އާ ޕްރޮޑަކްޓްތަކެއް ތައާރަފްކޮށް މައުލޫމާތު ދިނުން އޮންނާނެ

- އާޓް ގެލެރީގައި ކުޅަދާނެ ކުރެހުންތައް ފެނިގެންދާނެ

މެރިން އެކްސްޕޯގައި ޔަމަހާގެ ސްޓޯލްގައި ބަހައްޓާފައި ހުރި ޖެޓްސްކީ. - ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

މެރިން އެކްސްޕޯގައި ޔަމަހާގެ ސްޓޯލްގައި ބަހައްޓާފައި ހުރި ޖެޓްސްކީ. - ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެކްސްޕޯއާ ބެހޭ ގޮތުން މި ހަރަކާތް ބާއްވާ ލިވަބޯޑް އެސޯސިއޭޝަންގެ ރައީސް ހަސަން ހަލީމް ވިދާޅުވީ އެކްސްޕޯތަކުގެ ސަބަބުން ރާއްޖޭގެ މެރިން އިންޑަސްޓްރީ މީހުން ބަލައިގެނެ، އިތުބާރު ބޮޑުވެފައިވާ ކަމަށެވެ.

މި އެކްސްޕޯގެ ސަބަބުން މުޅިން އާ ދިވެހި ވިޔަފާރިތައް އިތުރުވެ، ރާއްޖޭގެ އިގްތިސާދަށް އެތަކެއް ފައިދާތަކެއް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެރިން އެކްސްޕޯގައި އެޗްޑީސީގެ ސްޓޯލް. މި އެކްސްޕޯ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ. - ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

މެރިން އެކްސްޕޯގައި އެޗްޑީސީގެ ސްޓޯލް. މި އެކްސްޕޯ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ. - ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

"ކުންފުނިތަކުގެ ގިނަ ޕްރޮޑަކްޓްސްތަކާއެކު ބައިވެރިވުމުން އެކްސްޕޯގެ މަގްސަދު ވަރަށް ރަނގަޅަށް ހާސިލްވެފައިވާކަން ގަބޫލު ކުރެވޭ،" ހަލީމް ވިދާޅުވި އެވެ.

މި އެކްސްޕޯގައި ބައެއް ކުންފުނިތަކުން ވަނީ އަލަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ ބައެއް އެއްޗެހި ދައްކާލައިފަ އެވެ. އޭގެ ތެރޭގައި ލޯންޗުފަހަރާއި، އިންޖީނާއި، ޖެޓް ސްކީ ފަދަ މޫދުގައި ބޭނުން ކުރެވިދާނެ ތަފާތު އުޅަނދުތައް ވަނީ ދައްކާލައިފަ އެވެ. އަދި ބައެއް ސްޓޯލްތަކުގައި ވިއްކާ ތަކެތިން ބޮޑެތި ޑިސްކައުންޓަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.