Roadha Mihaaru
ފޯރިގަދަ ފެޝަން ޝޯއަކާ އެކު މެރިން އެކްސްޕޯ ނިމިއްޖެ

ފޯރިގަދަ ފެޝަން ޝޯއަކާ އެކު މެރިން އެކްސްޕޯ ނިންމާލައިފި

12 ސެޕްޓެމްބަރ 2017

ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބްލަކްއާ ގުޅިގެން ކުރިއަށް ގެންދިޔަ މި އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ، ފޯރިގަދަ ފެޝަން ޝޯއަކާ އެކު ރޭ ނިންމާލައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބްލަކްއާ ގުޅިގެން ކުރިއަށް ގެންދިޔަ މި އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ، ފޯރިގަދަ ފެޝަން ޝޯއަކާ އެކު ރޭ ނިންމާލައިފި އެވެ.

"މެރިން ވޯކް"ގެ ނަމުގައި ކުރިއަށް ގެންދިޔަ ފެޝަން ޝޯއަކީ، މެރިން އެކްސްޕޯގައި މި އަހަރު މުޅިން އަލަށް ކުރި ކަމެކެވެ. އެ ހަރަކާތް ކުރިއަށް ގެންދިޔައީ އަލަށް އުފެއްދި ޓެލެންޓް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ދިވާސްއާ ގުޅިގެން ކަމަށް ބްލަކް އިން ބުންޏެވެ.

ތަފާތު ތިން ފިހާރައެއްގެ ކަލެކްޝަންތައް ދައްކާލި ފެޝަން ޝޯގައި، 15 މޮޑެލުން ބައިވެރިވި އެވެ. އެ ބައިވެރިން ދައްކާލާފައި ވަނީ ސީ ގިއާ، ރޮންބަސް އަދި ޓޮޑީން ނެވެ.

"މެރިން ވޯކް"ގެ މޮޑެލް އެއް.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

"މެރިން ވޯކް"ގެ މޮޑެލް އެއް.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

"މިއީ ހަމަ ފެށުމެއް. އިރާދަ ކުރެއްވިއްޔާ މި އަންނަ އަހަރު ވެސް ހަމަ އޮންނާނެ. ކޮންމެ އަހަރަކު ވެސް އަޅުގަނޑުމެން މި ދަނީ އާ ކަންކަން ތައާރަފް ކުރަމުން،" ބްލަކްގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު އަލީ ޖިނާހް މުހައްމަދު ވިދާޅުވި އެވެ.

ދަރުބާރުގޭގައި ތިން ދުވަހަށް ކުރިއަށް ގެންދިޔަ މެރިން އެކްސްޕޯ އަށް މި ފަހަރު ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ވެސް ޖިނާ ވިދާޅުވި އެވެ.

"މިއީ ބޮޑަށް ބީޓުބީ އެކްސްޕޯ އެއް. ހުރިހާ އެގްޒިބިޓަރުން ވެސް ބޭނުންވި ކަހަލަ ވިޒިޓަރުން ލިބިގެން ދިޔަ. އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ،" ޖިނާ ވިދާޅުވި އެވެ.

"މެރިން ވޯކް"ގެ މޮޑެލް އެއް.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

"މެރިން ވޯކް"ގެ މޮޑެލް އެއް.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު

މެރިން ވޯކްސްގެ އިތުރުން މޫދަށް ނޭރި، ކަނޑު އަޑި ތަަޖުރިބާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު "ވާޗުއަލް ރިއަލިޓީ ޒޯނެއް" މެދުވެރިކޮށް މެރިން އެކްސްޕޯ އިން ވަނީ ދީފަ އެވެ. އެއީ ވެސް ރާއްޖޭގައި އަލަށް ކުރި ކަމެއް ކަމަށް ޖިނާ ވިދާޅުވި އެވެ

އެކްސްޕޯ އަށް ޒިޔާރަތް ކުރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް ރޭ ވަނީ އިނާމުތައް ވެސް ހަވާލު ކޮށްފަ އެވެ. ޖިނާ ވިދާޅުވީ ގާތްގަނޑަކަށް 100،000ރ.ގެ އިނާމް އެކި ފަރާތްތަކަށް ދީފައިވާ ކަމަށެވެ.