Roadha Mihaaru
ސިކުނޑި މަރުވި އަންހެނަކަށް އެއްމާބަނޑު ދެ ކުދިން

ސިކުނޑި މަރުވެފައިވާ އަންހެނަކަށް އެއްމާބަނޑު ދެ ކުދިން

17 ޖުލައި 2017

ސިކުނޑި މަރުވެފައިވާ އަންހެނެއްގެ ބަނޑުގައި އޮތް އެއްމާބަނޑު ދެބެއިން ސަލާމަތްކުރަން 123 ދުވަސް ވަންދެން އަންހެންމީހާ ވެންޓިލޭޓަރުގައި ބާއްވައިގެން ޑޮކްޓަރުން ކާމިޔާބު ހޯދައިފި އެވެ. މިއީ މެޑިކަލް ހިސްޓްރީގައި ވެސް މިފަދަ ގޮތަކަށް މިހާ ގިނަ ދުވަހު މީހަކު ބާއްވައިގެން ދަރިން ސަލާމަތްކުރި ފުރަތަމަ ފަހަރެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ސިކުނޑި މަރުވެފައިވާ އަންހެނެއްގެ ބަނޑުގައި އޮތް އެއްމާބަނޑު ދެބެއިން ސަލާމަތްކުރަން 123 ދުވަސް ވަންދެން އަންހެންމީހާ ވެންޓިލޭޓަރުގައި ބާއްވައިގެން ޑޮކްޓަރުން ކާމިޔާބު ހޯދައިފި އެވެ. މިއީ މެޑިކަލް ހިސްޓްރީގައި ވެސް މިފަދަ ގޮތަކަށް މިހާ ގިނަ ދުވަހު މީހަކު ބާއްވައިގެން ދަރިން ސަލާމަތްކުރި ފުރަތަމަ ފަހަރެވެ.

ފްރޭންކީލެން ދާ ސިލްވާ ޒަމްޕޯލީ ޕަދިލްހާ، 21، ސްްޓްރޯކެއް ޖެހި ކޯމާއަކަށް ދިޔައީ މިދިޔަ އޮކްޓޯބަރު މަހު އެވެ. ބްރެޒިލްގެ ހޮސްޕިޓަލެއްގައި މި މީހާ އެޑްމިޓް ކުރުމާ އެކު ޑޮކްޓަރުން ނިންމީ މެޑިކަލް ހިސްޓްރީގައި ދުވަހަކު ވެސް ޑޮކްޓަރުން ނިންމާފައި ނުވާ ފަދަ ނިންމުމެކެވެ. އެއީ މައިމީހާ މަރުވި ނަމަވެސް ބަނޑުގައިވާ އެންމެ ނުވަ ހަފުތާ ވީ އެއްމާބަނޑު ދެބެއިންގެ ހިތުގެ ހިނގުން ނުހުއްޓި ހުރުމާއެކު އެ ދެބެއިން ސަލާމަތްކުރުމަށް މަސައްކަތް ކުރުމެވެ. އެގޮތުން، ސިކުނޑި މަރުވެފައިވާ މަންމަ ލައިފް ސަޕޯޓްގެ އެހީގައި 123 ދުވަސް ވަންދެން ބާއްވަން ޑޮކްޓަރުން ކުރި މަސައްކަތް ވަނީ ކާމިޔާބުވެފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު، އެއްމާބަނޑު އަންހެން ކުއްޖާ އާއި ފިރިހެން ކުއްޖާ، ބަނޑަށް ހަތް މަހުގައި ވަނީ ވިއްސާފަ އެވެ. އަދި މިހާރު މި ދެބެން ވަނީ ރަނގަޅުވުމުން ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ދެބެއިންގެ ބައްޕަ މައުރިއަލް ޕަޑިލްހާ، 24، އޭނާގެ ދެ ދަރިން ކަމަށްވާ އަސަފް އާއި އެނާ ވިޓޯރިއާ އުފަންވުން ދެކެނީ އާދަޔާ ހިލާފް ކަމެއްގެ ގޮތުގަ އެވެ.

އާދަޔާޚިލާފު މި ކޭހުގައި ޑޮކްޓަރުންނަށް ވަރަށް ދަތި އުނދަގޫތައް ކުރިމަތިވި އެވެ. ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެ ސިކުނޑި މަރުވެފައިވާ މަންމަގެ ހަށިގަނޑުގެ ދިރުން ދަމަހައްޓަން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނެވެ. ވެންޓިލޭޓަރު ނިއްވާލުމާ އެކު އޭނާގެ ހިތާއި އެތެރެހަށީގެ އެހެން ގުނަވަންތައް ވެސް ނަގައި އޭގެ ބޭނުން ޖެހިފައިވާ އެތައް ބަޔަކަށް ވަނީ ހަދިޔާ ކޮށްފަ އެވެ.

ސިކުނޑި މަރުވި މަންމަ ބްރެޒީލް ފްރެންކީލެން ވިހޭ އެއްމާބަނޑު ދެބެން

ސިކުނޑި މަރުވި މަންމަ ބްރެޒީލް ފްރެންކީލެން ވިހޭ އެއްމާބަނޑު ދެބެން

ފްރޭންކީލެންގެ ސިކުނޑި މަރުވިޔަސް އެހެން ހުރިހާ ގުނަވަނެއް ބަރާބަރަށް މަސައްކަތް ކުރެ އެވެ. އެހެންވެ އޭނާގެ ބަނޑުގައި އޮތް ދެ ކުދިން ސަލާމަތްކުރުމަށް ކުރެވުނުހާ ކަމެއް ކުރަން ޑޮކްޓަރުންގެ ޓީމުން ނިންމީ އެވެ.