Roadha Mihaaru
ވަކިވާން މަޖުބޫރު އެކަމަކު ވަކިވާކަށް ބޭނުމެއްނޫން

ގުޅިފައިވާ ދެބެއިން، ވަކިވާން މަޖުބޫރު އެކަމަކު ވަކިވާކަށް ބޭނުމެއްނޫން

26 އެޕްރީލް 2017

އުފަންވާއިރު ގުޅިފައި ތިބޭ ގިނަ ކުދިން ވިހާތާ މާ ގިނަ ދުވަހެއް ނުވެ މަރުވެ އެވެ. ނަމަވެސް ކާމަން އާއި ލުޕީޓާ ވަނީ ދިމާވި ހުރިހާ ސިއްހީ މައްސަލަތަކެއް ގިރާކޮށްފަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އުފަންވާއިރު ގުޅިފައި ތިބޭ ގިނަ ކުދިން ވިހާތާ މާ ގިނަ ދުވަހެއް ނުވެ މަރުވެ އެވެ. ނަމަވެސް ކާމަން އާއި ލުޕީޓާ ވަނީ ދިމާވި ހުރިހާ ސިއްހީ މައްސަލަތަކެއް ގިރާކޮށްފަ އެވެ.

މޭމަތިން ގުޅިފައިވާ އެއްމާބަނޑު ދެބެއިން ކަމަށްވާ ލުޕީޓާ އާއި ކާމެން އެންޑްރޭޑް އުފަންވުމާ އެކު ޑޮކްޓަރުން ބުނީ އެކުދިން އެންމެ ގިނަ ވެގެން ވެސް ދުނިޔޭގައި ތިބޭނީ ތިން ދުވަހު ކަމަށެވެ. ނަމަވެސް ކުދިންގެ އުމުރުން މިހާރު ވަނީ 16 އަހަރު ފުރިފަ އެވެ. އެ ކުދިން ހަމައެކަނި، ސިއްހީ ގޮތުން ދިމާވި ގޮންޖެހުންތައް ފަހަނައަޅައި ދިޔައީކީ ނޫނެވެ. ހަޔާތުގެ މުހިއްމު ހުރިހާ ކަމެއްގެ ހިއްސާދާރުންގެ ގޮތުގައި އުފަލުގައި ދިރިވެސް އުޅެނީ އެވެ.

މެކްސިކޯ އަށް އުފަން މި ކުދިން ވަރަށް ތުއްތު އިރުއްސުރެ މައިންބަފައިންނާ އެކު ދިރިއުޅެނީ އެމެރިކާގެ ކޮނެކްޓިކަޓްގަ އެވެ.

މި އުމުރުގެ އެހެން ކުދިން ފަދައިން މި ކުދިން ވެސް ސްކޫލަށްދެ އެވެ. ރައްޓެހިންނާއެކު މަޖާކުރަން ތަންތަނަށް ގޮސް ވެސް އުޅެ އެވެ. ނަމަވެސް ހަޔާތުގެ މި ހިސާބުން ދެ ކުދިން ސާޖަރީ ހަދައި ވަކިވާން މަޖުބޫރު ކަމަށް ޑޮކްޓަރުން މިހާރު ވަނީ އެކުދިންނަށް އަންގާފަ އެވެ. ނޫންނަމަ ކައިރި މުސްތަގްބަލެއްގައި މިކުދިންގެ ފުރާނައަށް ނުރައްކާވުން ވަރަށް ގާތެވެ. ނަމަވެސް އެ ކުދިންނަށް މި ޚަބަރަކީ ހިތް ކުދިކުދިވާ ވަރުގެ ޚަބަރެކެވެ. އެ ކުދިން ދެކޭ ގޮތުގައި އެކުދިން ވަކިކޮށްލުމަކީ ދެ ކުދިން ހަމަޔަށް ދެބައިކޮށްލުން ފަދަ ކަމެކެވެ. އެއްވެސް ހާލެއްގައި އެކަން ކުރާކަށް އެކުދިން ބޭނުމެއް ނޫނެވެ.

ގުޅިފައިވާ އެއްމާބަނޑު ދެބެއިން ކަމަށްވާ ކާމަން އާއި ލުޕިޓާ އެކުވެރިން ތަކަކާއެކު

ގުޅިފައިވާ އެއްމާބަނޑު ދެބެއިން ކަމަށްވާ ކާމަން އާއި ލުޕިޓާ އެކުވެރިން ތަކަކާއެކު

މި ދެބެއިން ގުޅިފައިވަނީ މޭމަތިން ގޮސް އުނަގަނޑާ ހަމައަށެވެ. ކޮންމެ ކުއްޖެއްގެ ވެސް ދެ އަތް ހުރި ނަމަވެސް ދެ ކުދިން ހިއްސާކުރަނީ ދެ ފަޔެވެ. ކާމަން ކަނާތުފައި ކޮންޓްރޯލް ކުރާއިރު ލުޕިޓާ ކޮންޓްރޯލް ކުރަނީ ވާތު ފަޔެވެ. ކޮންމެ ކުއްޖެއްގެ ވެސް ވަކި ހިތެއް އެބައޮތެވެ. އަދި ފުއްޕާމެ އާއި ބަނޑުވެސް ކޮންމެ ކުއްޖެއްގެ ވަކިން އެބަހުއްޓެވެ. މިއީ މިގޮތަށް ގުޅިފައިވާ ކުދިންގެ ވަރަށް މަދުން ނޫނީ ނުހުންނަ ގޮތެކެވެ.

ދެ ކުދިން ހިއްސާކުރާ ބައިތަކުގެ ތެރޭގައި ލިވަ އާއި ސާކިއުލޭޓަރީ ސިސްޓަމް އަދި ހަޖަމުކުރުމުގެ ނިޒާމާއި ދަރިމައިވުމުގެ ނިޒާމު ހިމެނެ އެވެ. ކުޑައިރު މި ކުދިން ވަނީ ތެރަޕީ ހޯދައިގެން އެކުގައި ހިނގާބިނގާވެ ކޮޅަށް ހުރެ އަދި އެއްޗެހި ދަސްކުރާނެ ގޮތް އުނގެނިފަ އެވެ. މި ކުދިން އުޅެނީ އެހެނިހެން ވެސް ޓީންއޭޖް ކުދިން އުޅޭ ގޮތަށެވެ.

ދެ ކުދިންގެ ޝަހްސިއްޔަތު އުޑާ ބިމާހާ ތަފާތެވެ. ކާމަން އަކީ ސްކޫލްގައި ރަނގަޅު ނަތީޖާ ހޯދާ ކިޔެވުމަށް ވަރަށް މޮޅު ކުއްޖެކެވެ. ނަމަވެސް ލުޕިޓާ އަކީ އެހެން ކުދިންނާ ނުގުޅޭ މިޒާޖެއް ހުންނަ، ކިޔެވުމާ ވެސް ބީރައްޓެހި ކުއްޖެކެވެ.

ނަމަވެސް އުފާވެރިކޮށް އުޅުނު މި ދެބެއިންނަށް މިހާރު ސިއްހީ މައްސަލަތައް ވަނީ ހުރަހަކަށް ވާން ފަށައިފަ އެވެ. ލުޕިޓާގެ މައިބަދަ އެއް ފަރާތަކަށް މާ ބޮޑަށް އަރިވަމުންދާތީ އޭނާގެ ފަޔަށް ވަރަށް ބޮޑަށް ތަދުވާން ވަނީ ފަށާފަ އެވެ. މިކަން ރަނގަޅުކުރަން އޭނާގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭއިރު ގުޅިފައިވާ ދެބެއިން ކަމަށްވާތީ މިއީ އެހާ ފަސޭހަ އޮޕަރޭޝަނެއް ނޫނެވެ. މިފަދަ ސާޖަރީއެއްގައި ސިކުނޑިއަށް ގެއްލުންވެ މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ލުޕިޓާގެ ފުއްޕާމޭ ވެސް ރަނގަޅަކަށް މަސައްކަތެއް ނުކުރެ އެވެ. އެހެންވެ އޭނާއަށް ނޭވާ ނުލެވިގެން އުޅޭ ވަގުތުތަކުގައި ކާމަން ވަރަށް ފުންކޮށް ބާރަށް ނޭވާ ލައިގެން ލުޕިޓާ އަށް ރަނގަޅުވޭތޯ މަސައްކަތް ކޮށްދެ އެވެ.

ހަޔާތުގެ މި ބޮޑު ގޮންޖެހުންތަކާ އެކުވެސް މި ދެބެން ދިރިއުޅުމުގެ އުންމީދު ކަނޑައެއް ނުލަ އެވެ. ދެބެންވެސް ބޮޑުވެގެން ވާން ބޭނުންވަނީ ޖަނަވާރުންގެ ޑޮކްޓަރުންނަށެވެ.

ކޮންމެ ހާލަތެއްގައި ވެސް ދެ ކުދިން ވަކިކުރަން ސާޖަރީ ހަދާކަށް މި ދެބެން ބޭނުމެއް ނޫނެވެ. ސަބަބަކީ އެކަކު އަނެކަކާ އެކު އުޅެން އާދަވެފައި ހުރިލެއް ބޮޑުކަމުންނެވެ. އަދި އޮޕަރޭޝަންކޮށް ވަކިކޮށްފި ނަމަ ކޮންމެ ކުއްޖެއްގެ އިންނާނީ އެންމެ ފައެކެވެ.

ސިއްހީ މައްސަލަތައް ދިމާވިޔަސް މި ގޮތުގައި ގިނަ ދުވަސްތަކަކު ދުނިޔޭގައި ތިބުމަކީ މި ކުދިންގެ އުންމީދެވެ.