Roadha Mihaaru
ބަނޑުގައި އޮންނަ ދަރިފުޅަށް ހަކުރަކީ ނުރައްކަލެއް

މާބަނޑު ދުވަސްވަރު ހަކުރު ބޭނުންކުރުމުން ދަރިފުޅަށް އެލާޖީ އާއި ނޭވާހިއްލުމުގެ މައްސަލަ ކުރިމަތިވެދާނެ

09 ޖުލައި 2017

މާބަނޑު މީހުން ހަކުރު ބޭނުންކުރުން ގިނަ ނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް އެލާޖީ އާއި ނޭވާހިއްލުމުގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ބްރިސްޓަލް އިން ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.

މާބަނޑު މީހުން ހަކުރު ބޭނުންކުރުން ގިނަ ނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް އެލާޖީ އާއި ނޭވާހިއްލުމުގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ބްރިސްޓަލް އިން ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.

މި ދިރާސާގައި ބައިވެރިކުރި މާބަނޑު މީހުންގެ ތެރެއިން ގިނައިން ހަކުރު ބޭނުންކުރި ކެޓަގަރީގައި ހިމެނޭ 20 ޕަސެންޓް މީހުންނަށް އެލާޖީސްގެ މައްސަލަ ކުރިމަތިވި ނިސްބަތް 38 ޕަސެންޓުގައި ހުރި އިރު މަދުން ހަކުރު ބޭނުންކުރި މީހުންގެ މެދުގައި މި ނިސްބަތް ހުރީ 20 ޕަސެންޓުގަ އެވެ.

މީގެ އިތުރުން އެންމެ ގިނައިން ހަކުރު ބޭނުންކުރި މައިންނަށް ލިބުނު ކުދިންނަށް އެލާޖީސް އާއި ނޭވާހިއްލުމުގެ މައްސަލަ ކުރިމަތިވުމަށް އޮތް ފުރުސަތު 101 ޕަސެންޓަށް އިތުރުވާ ކަމަށް ވެސް މި ދިރާސާއިން ވަނީ ހާމަވެފަ އެވެ.

ދިރާސާ ޓީމުން ބުނީ އެލާޖީ އާއި ނޭވާހިއްލުމާ ހަކުރު މިހާ ބޮޑަށް ގުޅެނީ ހަކުރުގައި ހުންނަ ފުރުކްޓޯސްގެ ސަބަބުން ފުއްޕާމޭގައި އިންފްލެމޭޝަން އުފެދި އެލާޖިކް ވާތީ ކަމަށެވެ.

ޕްރޮފެސަރު ސެއިފް ޝާހީން ވިދާޅުވީ މިއީ ކިހިނެއް ދިމާވާ ކަމެއްކަން ސީދާ ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް މިކަން މިގޮތަށް ދިމާވާކަން އެނގޭ ކަމަށާއި އެހެންވެ މިއީ އިތުރަށް، ވަރަށް ސީރިއަސްކަމާ އެކު ދިރާސާކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ދިރާސާއިން މިގޮތަށް ދެއްކި ނަމަވެސް، މާބަނޑު އަންހެނުން ހަކުރު ބޭނުންކުރަންވީ މިންވަރަކާ މެދު މި ދިރާސާގެ މައްޗަށް ބިނާކޮށް އެއްޗެއް ނުބުނެވޭނެ ކަމަށެވެ. އެހެންވެ މިކަން ދެނެގަންނަން ދިރާސާކުރަންޖެހޭ ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.