Roadha Mihaaru
ލުކާކޫ ގަންނަން ޗެލްސީން ވެސް ބޮޑު ބިޑެއް!

ލުކާކޫ ގަންނަން ޗެލްސީން ވެސް ބޮޑު ބިޑެއް!

08 ޖުލައި 2017

ލަންޑަން (ޖުލައި 8) - އެވަޓަން އަށް ކުޅޭ ބެލްޖިއަމް ފޯވާޑް ލުކާކޫ އަށް މެންޗެސްޓާ ޔުނައިޓެޑުން 75 މިލިއަން ޕައުންޑުގެ ބިޑެއް ކޮށްފައިވަނިކޮށް ޗެލްސީން ވެސް ހަމަ އެ ވަރުގެ ބިޑެއް ހުށަހަޅައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 8) - އެވަޓަން އަށް ކުޅޭ ބެލްޖިއަމް ފޯވާޑް ލުކާކޫ އަށް މެންޗެސްޓާ ޔުނައިޓެޑުން 75 މިލިއަން ޕައުންޑުގެ ބިޑެއް ކޮށްފައިވަނިކޮށް ޗެލްސީން ވެސް ހަމަ އެ ވަރުގެ ބިޑެއް ހުށަހަޅައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލުކާކޫ ހޯދަން ޗެލްސީން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް ޔުނައިޓެޑުން ވަނީ ކުއްލިއަކަށް ބޮޑު ބިޑެއްކޮށް އެވަޓަންއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެހެން ނަމަވެސް ލުކާކޫއާ އެކު ޔުނައިޓެޑުން މަޝްވަރާ ކުރުމުގެ ކުރިން ޗެލްސީން ވަނީ ޔުނައިޓެޑުން ހުށަހެޅި އަގާ އެއްވަރުގެ ބިޑެއް ކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ލުކާކޫ އަށް ބިޑްކުރީ އެ ޓީމުން ރެއާލް މެޑްރިޑްގެ ފޯވާޑް އަލްވާރޯ މޮރާޓާ ގަންނަން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވާނެ ކަމުގެ ޔަގީންކަމެއް ނެތުމުންނެވެ. މޮރާޓާ ގަންނަން ކުރަން ޖެހޭނެ ހޭދައަށް ވުރެ ކުޑަ އަގެއްގައި ލުކާކޫ ލިބޭނެ އެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ އެ ޓީމުގެ ޓްރާންސްފާ ކަންތައްތައް ކުރިއަށްދާ ދުވެލި ލަސްކަމުން ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި އެ ޓީމުގެ ޓެކްނިކަލް ޑިރެކްޓަރު މައިކަލް އެމެނާލޯއާ ބައްދަލުކޮށް ޕްރީ ސީޒަންގެ ކުރިން ކޮންޓޭ ބޭނުންވާ ކުޅުންތެރިންގެ ކަންތައްތައް ކޮންމެވެސް ގޮތަކަށް ހަމަޖެއްސުމަށް ވަނީ އަންގައިފަ އެވެ.

ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ޗެލްސީ އަށް ވުރެ ލުކާކޫ ލިބުމުގެ ފުރުސަތު ބޮޑީ ޔުނައިޓެޑަށެވެ. އެއީ ކުރިން ޗެލްސީ އަށް ކުޅުނު ނަމަވެސް މިހާރު އޭނާގެ ވިސްނުން ހުރީ ޕައުލް ޕޮގްބާއާ އެއް ޓީމަކަށް ކުޅުމަށް ކަމަށާއި ލުކާކޫގެ އޭޖެންޓަކީ ޕޮގްބާގެ ވެސް އޭޖެންޓް ކަމަށްވާ މިނޯ ރައިއޯލާ ކަމަށް ވުމުންނެވެ.

މީގެ އިތުރުން އެވަޓަން އިން ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ އަލުން އެ ޓީމަށް ގެންނަން މަސައްކަތް ކުރަމުން އަންނައިރު، ޔުނައިޓެޑުން ވަނީ ލުކާކޫ އެ ޓީމަށް ވިއްކައިފިނަމަ އެއްވެސް ޓްރާންސްފާ ފީއަކާ ނުލައި ރޫނީ އެވަޓަން އަށް ދޫކޮށްލަން ނިންމައިފަ އެވެ.

ލުކާކޫގެ އިތުރުން ޗެލްސީން ގެންނަން ބޭނުންވާ ކުޅުންތެރިންނަކީ ޔުވެންޓަސްގެ އަލެކްސް ސަންޑްރޯ، ރޯމާގެ އެންޓޯނިއޯ ރުޑީގާ، މޮނާކޯގެ ޓިއެމް ބަކަޔޯކޯ އެވެ. ލުކާކޫ ނުލިބިއްޖެނަމަ ޗެލްސީގެ ވިސްނުން ހުރީ ސްވަންސީ އަށް ކުޅޭ ސްޕެއިނުގެ ފެނާންޑޯ ލޮރެންޓޭ ނޫނީ ޓޮރިނޯގެ ފޯވާޑް އަންޑްރެއަ ބެލޮއްޓީ ގެނައުމަށެވެ.