Roadha Mihaaru
އަހަންނާ ރޮނާލްޑޯއާ އަޅާނުކިޔޭނެ: ލުކާކޫ

އަހަންނާ ރޮނާލްޑޯއާ އަޅާނުކިޔޭނެ: ލުކާކޫ

05 ސެޕްޓެމްބަރ 2021

ބްރަސަލްސް (ސެޕްޓެމްބަރު 5) - އޭނާއާ ރޮނާލްޑޯއާ އަޅާ ނުކިޔުމަށް، ޗެލްސީގެ ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.

ބްރަސަލްސް (ސެޕްޓެމްބަރު 5) - އޭނާއާ ރޮނާލްޑޯއާ އަޅާ ނުކިޔުމަށް، ޗެލްސީގެ ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.

އިޓަލީގެ އިންޓަ މިލާން ދޫކޮށް، ލުކާކޫ ޗެލްސީ އަށް ބަދަލުވުމާއި ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުން، އެ ދެ ކުޅުންތެރިން އަޅާ ކިޔުމުގެ ބައެއް ޕޯސްޓްތައް ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ.

އެންމެ ފަހުން ނޫސްވެރިން ވެސް ވަނީ އެ ވާހަކަތައް ދައްކަން ފަށައިފަ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯ ވަނީ ދާދި ފަހުން މުގުރާލައިފަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ޗެކް ރިޕަބްލިކްއާ ދެކޮޅަށް ބެލްޖިއަމް ކުޅޭ މެޗު ވެގެންދާނީ ގައުމީ ޓީމަށް ލުކާކޫ ކުޅޭ 100 ވަނަ މެޗަށެވެ. ލުކާކޫ، 28، ވަނީ ގައުމީ ޓީމަށް 66 ލަނޑު ޖަހައިފަ އެވެ.

"ކްރިސްޓިއާނޯ ރޮނާލްޑޯއާ އަހަންނާ އަޅާ ނުކިޔާ. އަހަރެން ރޮނާލްޑޯއާ މެދު ދެކެނީ ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއްގެ ގޮތުގައި،" ޗެކް ރިޕަބްލިކް އާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ޕްރީ ޕްރެސް ކޮންފަރެންސްގައި ލުކާކޫ ބުންޏެވެ.

"ފުޓްބޯޅައިގައި އޭނާ ހާސިލުކޮށްފައިވާ ކަންތައްތަކީ އަހަރެންގެ ޖީލްގެ ކުޅުންތެރިންނަށް ހާސިލު ކުރަން އުނދަގޫ ކަންކަން. ރޮނާލްޑޯއާ ދެކޮޅަށް އިޓަލީގައި ކުޅެން ފުރުސަތު ލިބުމަކީ އަހަންނަށް ލިބުނު ނަސީބެއް. އަނެއްކާ މިހާރު އެ ފުރުސަތު މި ލިބޭނީ އިނގިރޭސި ފުޓްބޯޅައިގައި. އެކަމަކު އަހަންނާ ރޮނާލްޑޯ އަޅާ ކިޔުމުގެ ގޮތުން ތަފާސްހިސާބު ނެރުމަކީ ބޭކާރު ކަމެއް."

ރޮނާލްޑޯއާ އަޅާ ކިޔަން ލުކާކޫ ބޭނުން ނުވިއަސް، އެކަން މީޑިއާގައި ހިނގާނެ އެވެ. ހާއްސަކޮށް މި ސީޒަންގައި ޗެލްސީ އާއި ޔުނައިޓެޑް ކުޅޭ މެޗުތަކުގައ އެންމެ ބޮޑު ވާދަވެރިކަމެއް މީޑިއާ އިން އުފައްދާނީ ވެސް އެ ދެ ކުޅުންތެރިންގެ މެދުގަ އެވެ.