Roadha Mihaaru
ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތައް ދަމަހައްޓާނެ: ސައުދީ

ގަތަރާ ދެކޮޅަށް އެޅި ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް ސައުދީން ބުނެފި

06 ޖުލައި 2017

ގާހިރާ (ޖުލައި 6) - ގަތަރުން ތަބާވުމަށް ހުށަހެޅި ޝަރުތުތަކަށް އެ ގައުމުން އެއްބަސްވެފައި ނުވާތީ ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކުރިއަށް ގެންދާނެ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (ޖުލައި 6) - ގަތަރުން ތަބާވުމަށް ހުށަހެޅި ޝަރުތުތަކަށް އެ ގައުމުން އެއްބަސްވެފައި ނުވާތީ ގަތަރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކުރިއަށް ގެންދާނެ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ގަތަރުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސައުދީ އަރަބިއާ އާއި ޔޫއޭއީ، ބަހުރޭން އަދި މިސްރުގެ ޚާރިޖީ ވަޒީރުން އިއްޔެ ވަނީ ގާހިރާގައި ބައްދަލުކޮށްފަ އެވެ. ހަތަރު ގައުމުން ބުނެފައި ވަނީ އެ މީހުންގެ ހުށަހެޅުންތަކަށް ގަތަރުން އެއްބަސްވެފައި ނުވާތީ ހިތާމަ ކުރާ ކަމަށެވެ. އަދި މައްސަލައިގެ ސީރިއަސްކަން ގަތަރަށް ނުވިސްނޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު އާދިލް ބިން އަހުމަދު އަލް ޖުބައިރު ވިދާޅުވީ އެކަށީގެންވާ ވަގުތުގައި ގަތަރާ ދެކޮޅަށް އިތުރު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ ފިޔަވަޅުތައް އަޅާނީ ބައިނަލްއަގުވާމީ ގާނޫނުގެ ތެރޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަތަރު ގައުމުގެ ޚާރިޖީ ވަޒީރުން ބައްދަލުކޮށްފައި ވަނީ ޝަރުތުތަކަށް އެއްބަސްވުމަށް ގަތަރަށް ދިން މުހުލަތު ހަމަވުމުންނެވެ. ގަތަރަށް ހުށަހެޅި 13 ޝަރުތުގެ ތެރޭގައި އަލް ޖަޒީރާ ނެޓްވޯކް ބަންދުކުރުމާއި އީރާނާ ގުޅުން ކަނޑާލުމާއި ތުރުކީގެ އަސްކަރީ މަރުކަޒު ބަންދު ކުރުން ހިމެނެ އެވެ. ގަތަރުން ބުނެފައި ވަނީ މިއީ ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

ހަތަރު ގައުމުގެ ޚާރިޖީ ވަޒީރުންގެ ބަޔާނުގެ ކުރިން ލަންޑަނުގައި ވާހަކަ ދައްކަވަމުން ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު އަބްދުއްރަހުމާން އަލް ސާނީ ވިދާޅުވީ ގަތަރާ ގުޅުން ކަނޑާލުމަކީ އެ ގައުމުގެ ހިސާރުކޮށް އަރައިގަތުން ކަމަށެވެ. އަދި ގަތަރުން ދެބަސްވުމުގެ ޖަވާބަކަށް ވާން ޖެހޭނީ އިތުރަށް ދަތި ކުރުން ނޫން ކަމަށާއި އެއީ މަޝްވަރާގެ އުސޫލުން ދާން ޖެހޭނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ތެލާއި ގޭހުގެ މުއްސަނދިކަން ލިބިފައިވާ މެދުއިރުމަތީގެ ކުޑަ ގައުމުގެ 2.7 މިލިއަން މީހުންގެ އަސާސީ ގިނަ ތަކެއްޗަކީ އިމްޕޯޓް ކުރާ އެއްޗިއްސެވެ. ގަލްފުގެ ބައެއް ގައުމުތަކުން ގުޅުން ކަނޑާލުމުން ގަތަރަށް ގިނަ ތަކެތި މިހާރު އެތެރެ ކުރަނީ އީރާާނާއި ތުރުކީންނެވެ.