Roadha Mihaaru
ގަތަރު މައްސަލަ އުފެއްދީ އެ ގައުމުން އަމިއްލަ އަށް:ސައުދީ

ގަތަރު މައްސަލަ އުފެއްދީ އެ ގައުމުން އަމިއްލަ އަށް: ސައުދީ

10 ޖުލައި 2017

ރިޔާޒް (ޖުލައި 10) - ގަތަރާ ދެކޮޅަށް ފިޔަވަޅު އެޅީ އެ ގައުމުން ކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (ޖުލައި 10) - ގަތަރާ ދެކޮޅަށް ފިޔަވަޅު އެޅީ އެ ގައުމުން ކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.

ޖަރުމަނުގައި ނިމުނު ޖީ20 ސަމިޓަށް ފަހު އެ ގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ސައުދީގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވީ ގަތަރު މައްސަލަ އުފަންވީ އެ ގައުމުން ޓެރަރިޒަމަށް ތާއީދުކޮށް، ފަންޑުކޮށް، ޓެރަރިޒަމާ ގުޅުން ހުރި މީހުންނަށް ގަތަރުން ރައްކާތެރިކަން ދިނުމުން ކަމަށެވެ.

"މިއީ ގަތަރުން ސަރަހައްދުގެ ގައުމުތަކާ މެދު ނަފުރަތު އުފައްދާ އެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން އުޅުމުގެ ނަތީޖާ. މައްސަލަ ހައްލު ކުރަން ހުށަހެޅި ޝަރުތުތަކަކީ 2013 އަދި 2014 ވަނަ އަހަރު ގަތަރުން ސޮއިކުރި އެއްބަސްވުންތަކުގައިވާ ކަންކަން،" ޖުބައިރު ވިދާޅުވި އެވެ.

ޖީ20 ސަމިޓުގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަންއާ ބައްދަލު ކުރި ކަމަށް ޖުބައިރު ވިދާޅުވި އެވެ. ގަތަރާ މެދު ސައުދީ އަރަބިއާ އިން ގެންގުޅޭ ސިޔާސަތަށް އެމެރިކާ އިން ތާއީދުކުރޭތޯ ސުވާލު ކުރުމުން ޖުބައިރު ވިދާޅުވީ "އުސޫލެއްގެ ގޮތުން ހުރިހާ ގައުމެއް ވެސް ޓެރަރިޒަމާ ދެކޮޅު" ކަމަށެވެ.

"ދެކޮޅުވެރިކަން ފަތުރަން ހުރިހާ ގައުމެއް ވެސް ދެކޮޅު. އެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ހުރިހާ ގައުމެއް ވެސް ދެކޮޅު. ޓެރަރިޒަމާ ގުޅުން ހުންނަ މީހުންނަށް ހިމާޔަތް ދިނުމަށް ހުރިހާ ގައުމެއް ވެސް ދެކޮޅު،" ސައުދީގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ޓިލަސަންއާ އެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި ގަތަރު މައްސަލައިގެ އިތުރުން މެދުއިރުމަތީގައި އީރާނުގެ ނުފޫޒާއި ޓެރަރިޒަމާ ދެކޮޅު ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށް ވިދާޅުވި އެވެ.