Roadha Mihaaru
ދަތިކުރުމުގެ ފިޔަވަޅު އެޅިނަމަވެސް ގަތަރު މާ މުއްސަނދި

ދަތިކުރުމުގެ ފިޔަވަޅުތަކުން ގެއްލުން ލިބޭ ވަރަށް ވުރެ ގަތަރު މުއްސަނދި

08 ޖުލައި 2017

ދޯހާ (ޖުލައި 8) - ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ގެއްލުންތައް ދޭން އުޅުނު ނަމަވެސް އެއަށް ވުރެ ގަތަރުގެ ފުދުންތެރިކަން މާބޮޑު ކަމަށް އެ ގައުމުގެ މާލީ ވަޒީރު އަލީ ޝަރީފް އަލް އިމާދީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދޯހާ (ޖުލައި 8) - ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ގެއްލުންތައް ދޭން އުޅުނު ނަމަވެސް އެއަށް ވުރެ ގަތަރުގެ ފުދުންތެރިކަން މާބޮޑު ކަމަށް އެ ގައުމުގެ މާލީ ވަޒީރު އަލީ ޝަރީފް އަލް އިމާދީ ވިދާޅުވެއްޖެ އެވެ.

ގަތަރުން ޓެރަރިޒަމަށް ފަންޑު ކުރުމާ ކަމަށް ބުނެ އެ ގައުމާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އިގްތިސާދީ ގޮތުން ދަތިކޮށްފައި ވަނީ ސައުދީ އަރަބިއާ، ޔުނައިޓެޑް އަރަބި އެމިރޭޓްސް، ބަހުރޭން އަދި މިސްރުންނެވެ. މި ތުހުމަތުތައް ދޮގު ކުރުމަށް ފަހު ގަތަރުން ވަނީ އެ ގައުމަށް ކުރި ޝަރުތުތަކަށް ވެސް ދެކޮޅު ހަދައިފަ އެވެ.

ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި މާލީ ވަޒީރު އަލް އިމާދީ ވިދާޅުވީ އެތަައް ޒަމާނެއް ވަންދެން ގަތަރުން ގޭސް ވިއްކައިގެން ހޯދި ފައިސާ އިން އެ ގައުމުގެ މާލީ ރިޒާވް ވަރަށް ބޮޑު ކަމަށެވެ.

"ގަތަރުގެ ޖީޑީޕީގެ 250 ޕަސެންޓަށް ސޮވެރިން ވެލްތު ފަންޑު އަރާ. ގަތަރުގެ ސެންޓްރަލް ބޭންކުގެ ރިޒާވް އެހާ ބޮޑު. އޭގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ސްޓްރެޓެޖިކް ރިޒާވް ވެސް ބޮޑު،" އަލް އިމާދީ ވިދާޅުވި އެވެ.

އިމާދީ ވިދާޅުވީ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅަކުން އަރައިގަނެވޭނެ މިންވަރަށް ގަތަރުގެ އަމިއްލަ ތަނަވަސްކަން އެބަހުރި ކަމަށެވެ. ގަތަރަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތަކަށް އިޝާރާތް ކުރައްވާ އިމާދީ ވިދާޅުވީ ބަހުރޭނާއި މިސްރުން އުޅެނީ އިގްތިސާދަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތެއް ނެތިގެން ކަމަށެވެ. ސައުދީ އަރަބިއާ އަށް ބަލާއިރު އެ ގައުމު ވަނީ މާލީ ގޮތުން ހަގީގީ މައްސަލަތަކެއްގެ ތެރޭގައި ކަމަށް ވެސް ވިދާޅުވި އެވެ. ގަތަރަށް ދެން ދަތިކުރި އަނެއް ގައުމު ކަމަށްވާ ޔޫއޭއީ އަށް ވުރެ ގަތަރުގެ އިގްތިސާދީ ދުވެލި 40 ޕަސެންޓް ހަލުވި ކަމަށް ވެސް އިމާދީ ވިދާޅުވި އެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހުމާން އަލް ސާނީ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތަކުން ގަތަރުގެ ރައްޔިތުން ސަލާމަތް ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ގަތަރަށް ކުރިމަތިކުރި ޝަރުތުތައް ގަބޫލް ނުކުރުމުން ހަތަރު ގައުމުން ވަނީ އިގްތިސާދީ ގޮތުން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ގަތަރަށް އިންޒާރު ދީފަ އެވެ.