Roadha Mihaaru
ގަތަރު މައްސަލައާ ގުޅޭ ގޮތުން ސައުދީން މަޝްވަރާ ކުރަނީ

ގަތަރު މައްސަލައާ ގުޅޭ ގޮތުން ސައުދީން މަޝްވަރާ ކުރަނީ

05 ޖުލައި 2017

ގާހިރާ (ޖުލައި 5) - ގަތަރު މައްސަލައާ ގުޅޭ ގޮތުން ސައުދީ އަރަބިއާ އާއި އެ ގައުމުގެ ބައިވެރިން ކަމަށްވާ ބަހުރޭނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި މިސްރުން މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (ޖުލައި 5) - ގަތަރު މައްސަލައާ ގުޅޭ ގޮތުން ސައުދީ އަރަބިއާ އާއި އެ ގައުމުގެ ބައިވެރިން ކަމަށްވާ ބަހުރޭނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި މިސްރުން މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ހަތަރު ގައުމުގެ ޚާރިޖީ ވަޒީރުން ގާހިރާގައި މިއަދު ބައްދަލުކުރާ އިރު ގަތަރާ އެ ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލިތާ ވަނީ މަހެއް ފުރިފަ އެވެ. އަދި މި ބައްދަލުވުން ބާއްވަނީ ގަތަރަށް ކުރި ޑިމާންޑްތައް ފުރިހަމަ ކުރަން އެންމެ ފަހުން ދިން 48 ގަޑިއިރުގެ މުހުލަތު ހަމަވެފައި ވަނިކޮށެވެ.

ގަތަރަށް ކުރި ޑިމާންޑްތަކަށް އެ ގައުމުން ވަނީ ޖަވާބު ދީފަ އެވެ. ނަމަވެސް ގަތަރުގެ ހުށަހެޅުންތަކުގެ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ. ގަތަރުން ބުނެފައި ވަނީ އެ ގައުމަށް ކޮށްފައި ވަނީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު ޝަރުތުތަކެއް ކަމަށެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދު އަބްދުއްރަހުމާން އަލް ސާނީ އިއްޔެ ވިދާޅުވީ ޑިމާންޑްތަކަކީ ފުރިހަމަ ކުރެވޭނެ ކަންތައް ނޫން ކަމަށެވެ.

"އެއީ ޓެރަރިޒަމާ ގުޅުން ހުރި ކަމެއް ނޫން. އެއީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ބަންދު ކުރުން،" ޝެއިޚް މުހައްމަދު ވިދާޅުވި އެވެ.

ޝެއިޚް މުހައްމަދު ވިދާޅުވީ ގަތަރުން އިސްކަން ދެނީ މަސް ދުވަސްވީ މައްސަލަ އަށް މަޝްވަރާގެ ތެރޭން ހައްލެއް ހޯދަން ކަމަށެވެ.

ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝެއިޚް އަބްދުﷲ ބިން ޒައިދު އަލް ނަހުޔާން އިއްޔެ ވިދާޅުވީ ގަތަރާ ދެކޮޅަށް ދެން އަޅާނެ ފިޔަވަޅަކާ ބެހޭ ގޮތުން ވާހަކަ ދެއްކުން އަދި މާއަވަސް ކަމަށެވެ. އަދި ކޮންމެ ފިޔަވަޅެއް އެޅިއަސް އެކަން ކުރާނީ ބައިނަލްއަގުވާމީ ގާނޫނުގެ ތެރޭން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަތަރު ގައުމު އިސްވެ ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. ގަތަރަށް އެޅި ފިޔަވަޅުތަކާ ގުޅިގެން އެ ގައުމަށް ކާބޯތަކެތީގެ ދަތިކަން ފޯރަފާނެތީ އީރާނާއި ތުރުކީން ވަނީ ގަތަރަށް ގިނަ އަދަދެއްގެ ތަކެތި ފޮނުވައިދޭން ފަށައިފަ އެވެ.