Roadha Mihaaru
ގަތަރަށް ޝަރުތުތަކެއް، އަލް ޖަޒީރާ ހުއްޓާލުން ހިމެނޭ!

ގަތަރަށް ވަރުގަދަ ޝަރުތުތަކެއް، އަލް ޖަޒީރާ ހުއްޓާލުން ވެސް ހިމެނޭ

23 ޖޫން 2017

ބާރު ގަދަ އަރަބި ގައުމުތަކުން އެކަހެރިކޮށްފައިވާ ކުޑަކުޑަ ގަތަރާ އެކު އަލުން ގުޅުންތައް ގާއިމްކުރަން ވަރުގަދަ ޝަރުތުތަކެއް ކުރިމަތިކޮށްފި އެވެ. އޭގެ ތެރޭގައި އަރަބި ދުނިޔޭގެ އެންމެ މަޝްހޫރު ޓީވީ ޗެނެލް އަލް ޖަޒީރާ ހުއްޓާލުން ވެސް ހިމެނެ އެވެ.

ބާރު ގަދަ އަރަބި ގައުމުތަކުން އެކަހެރިކޮށްފައިވާ ކުޑަކުޑަ ގަތަރާ އެކު އަލުން ގުޅުންތައް ގާއިމްކުރަން ވަރުގަދަ ޝަރުތުތަކެއް ކުރިމަތިކޮށްފި އެވެ. އޭގެ ތެރޭގައި އަރަބި ދުނިޔޭގެ އެންމެ މަޝްހޫރު ޓީވީ ޗެނެލް އަލް ޖަޒީރާ ހުއްޓާލުން ވެސް ހިމެނެ އެވެ.

ސައުދީ އަރަބިއްޔާ އާއި މިސްރާއި ޔޫއޭއީ އަދި ބަހުރެއިން އިން ގަތަރަށް ޖުމްލަ 13 ކަމެއްގެ ލިސްޓެއް ވަނީ ފޮނުވައިފަ އެވެ. އެ ލިސްޓްގައި ހިމެނޭ ކަންކަން ފުރިހަމަކޮށްގެން ނޫނީ، ގަތަރުގެ އެކަހެރިކަމަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އެ ގައުމުތަކުން ބުނެ އެވެ.

އަލް ޖަޒީރާ ހުއްޓާލުމުގެ އިތުރުން އީރާނާ ގުޅުން ކަނޑާލުމާއި ތުރުކީގެ އަސްކަރީ ބޭސް ބަންދުކުރުން ވެސް ހިމެނެ އެވެ. މި ހުރިހާ ކަމެއް އެންމެ 10 ދުވަހުގެ ތެރޭގައި ކޮށް ނިންމަން ޖެހެ އެވެ.

ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގަތަރާ ދެކޮޅަށް ގަލްފުގެ ހަތަރު ގައުމަކުން ފިޔަވަޅުތައް އެޅީ ޓެރަރިޒަމް އަށް ހޭދަކުރުމާއި އަރަބި ގައުމުތަކުގެ ތެރޭގައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ބުނެ އެވެ.

ގަތަރުން ކުރަން ޖެހޭނެ ކަމަށް ބުނެ މިހާ ބޮޑެތި ކަންތައްތަކުގެ ލިސްޓެއް މި ފޮނުވީ، ކުރެވިދާނެ ވަރުގެ ކަންކަމަށް އެދުމަށް އެމެރިކާ އިން، އަރަބި ގައުމުތަކަށް ގޮވާލާފައި ވަނިކޮށެވެ.

އަލް ޖަޒީރާ: އަރަބި ގައުމުތަކުން މި ޗެނެލްއާ މެދު ހިތްހަމައެއް ނުޖެހޭ

އަލް ޖަޒީރާ: އަރަބި ގައުމުތަކުން މި ޗެނެލްއާ މެދު ހިތްހަމައެއް ނުޖެހޭ

ގަތަރަށް ކުރިމަތިކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން

- މުސްލިމް ބްރަދަހުޑާ އެކު އޮތް ހުރިހާ ގުޅުމެއް ކަނޑާލުން

- ހަތަރު ގައުމުގެ ރައްޔިތުންނަށް ހިމާޔަތް ނުދިނުން

- ޓެރަރިޒަމްގެ ކުށުގައި ހޯދަމުން އަންނަ އެ ހަތަރު ގައުމުގެ އެންމެން ހަވާލުކުރުން

- އެމެރިކާ އިން ޓެރަރިސްޓުން ކަމަށް ކަނޑައަޅާފައިވާ ގްރޫޕްތަކަށް އެހީތެރިވުން ހުއްޓާލުން

- ގަތަރުން އެހީ ދޭ ސައުދީ އާއި އެހެން ގައުމުތަކުގެ އިދިކޮޅު ފަރާތްތަކުގެ ތަފްސީލު ދިނުން

- އިގުތިސާދީ އަދި ސިޔާސީ ގޮތުން ވެސް އަރަބި އެހެން ގައުމުތަކާ އެއް ސިޔާސަތެއް ގެންގުޅުން

- އަލް ޖަޒީރާގެ އިތުރުން އަރަބި21، މިޑްލް އީސްޓް އައި އަށް، މާލީ އެހީ ދިނުން ހުއްޓާލުން

- މާލީ ގޮތުން ބަދަލު ދިނުން (ވަކި އަދަދެއް ބުނެފައެއް ނުވޭ)

އަރަބި ގައުމުތަކުން މަޖުބޫރުކުރާ ކަންކަމާ ބެހޭ ގޮތުން ގަތަރުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ. އެކަމަކު ގަތަރުގެ ފޮރިން މިނިސްޓަރު ޝެއިހު މުހައްމަދު ބިން އަބްދުލްރަހުމާން އަލް ތާނީ ކުރިން ވިދާޅުވެފައި ވަނީ އެއްވެސް ކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކޭނީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ނެގުމުން ކަމަށެވެ.

އެސޯސިއޭޓް ޕްރެސް އަށް ލިބިފައިވާ ލިއުންތަކުން އެނގޭ ގޮތުގައި އީރާނުގައި ހުންނަ ގަތަރުގެ އޮފީސްތައް ބަންދުކުރަން ވެސް ވަނީ އަންގައިފަ އެވެ. އޭގެ އިތުރުން އީރާނުގެ ރިވޮލިޝަނަރީ ގާޑުގެ އެއްވެސް މީހަކު ގަތަރުގައި ހުރި ނަމަ ފޮނުވާލަން ޖެހެ އެވެ. އަދި އީރާނާ އެކު ބާއްވަން ޖެހޭނީ އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެއް ހަމައިން ބެލެވޭ ވިޔަފާރީގެ ގުޅުންތައް ކަމަށް ވެސް، ހަތަރު ގައުމުން ގަތަރަށް އަންގަ އެވެ.

މިހާ ވަރުގަދަ ކަންތައްތަކެއް ގަތަރަށް ހުށަހެޅި އިރު އެމެރިކާގެ ހިތްހަމަނުޖެހުންތަކެއް ވެސް އެބަ ހުއްޓެވެ. އެންމެ ފުރަތަމަ ކަމަކީ ގަތަރުގެ މައްސަލައަށް ހައްލެއް ހޯދަން އެމެރިކާ އިން ބޭނުންވާ އަވަސް މިނުގައި އެ ހަތަރު ގައުމުން މަސައްކަތް ނުކުރުމެވެ.

އަލް ޖަޒީރާގެ އަރަބި ޗެނެލް އަކީ އަރަބި ގައުމުތަކުގައި އެންމެ ގިނައިން ބަލާ ޓީވީ އެވެ. އެކަމަކު އަލް ޖަޒީރާ އިން އެހެން ގައުމުތަކުގެ އެތެރޭގެ ހަމަނުޖެހުންތަކަށް މަގުފަހިކޮށްދޭ ކަމަށް، މިސްރާއި ސައުދީ އަރަބިއްޔާ އިން ކުރިންސުރެ އަންނަނީ ބުނަމުންނެވެ.

އެއްގަމު މަގުން ގަތަރާ ގުޅިފައި އޮންނަނީ ހަމައެކަނި ސައުދީ އަރަބިއްޔާ އެވެ. އެކަމަކު އެއްގަމާއި ވައިގެ މަގު ވެސް ގަތަރަށް، އެ ހަތަރު ގައުމުން ވަނީ ބަންދުކޮށްފަ އެވެ. އޭގެ ސަބަބުން ގަތަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެ، ކާނާގެ ބާވަތްތައް އެތެރެކުރަން ވެސް ވަނީ އުނދަގޫވެފަ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ގަތަރަށް ބޭނުންވާ ކާނާގެ 40 ޕަސެންޓް އެތެރެކުރަނީ ސައުދީ އެއްގަމު މަގުންނެވެ.