Roadha Mihaaru
ގަތަރާ ދެކޮޅަށް އިތުރު ފިޔަވަޅު އަޅަންޖެހިދާނެ

ގަތަރާ ދެކޮޅަށް އިތުރު ފިޔަވަޅު އަޅަންޖެހިދާނެ: އެމިރޭޓްސް

28 ޖޫން 2017

ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ގަތަރާ ގުޅުން ކަނޑާލާފައިވާ ގައުމުތަކުން، ގަތަރާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް އެކުވެރި އަރަބި އިމާރާތުން (އެމިރޭޓްސް) އިއްޔެ ބުނެފި އެވެ.

ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ގަތަރާ ގުޅުން ކަނޑާލާފައިވާ ގައުމުތަކުން، ގަތަރާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް އެކުވެރި އަރަބި އިމާރާތުން (އެމިރޭޓްސް) އިއްޔެ ބުނެފި އެވެ.

ރަޝިޔާގައި ހުންނަވާ އެމިރޭޓްސްގެ ސަފީރު އުމަރު ޣުބާޝް އިނގިރޭސި ވިލާތުގެ ގާޑިއަން ދުވަހު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ގަތަރާ އެކު އަލުން ގުޅުން ގާއިމު ކުރުމަށްޓަކައި ގަތަރުން ފުރިހަމަ ކުރަންޖެހޭ 13 ކަމެއް މިހާރު ވާނީ ގަތަރަށް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުންތަކަށް ގަތަރުން އިޖާބަ ނުދީފި ނަމަ އިގްތިސާދީ ގޮތުން ގަތަރަށް ދަތި ކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިދާނެ ކަމަށެވެ.

"ދެން އޮތް އެއް ގޮތަކީ އަހަރެމެންގެ ވިޔަފާރީގެ ބައިވެރިންނަށް ޝަރުތުތަކެއް ކުރިމަތި ކުރުން. އެއީ އަހަރެމެންނާ އެކު އެ ގައުމުތަކުން މަސައްކަތް ކުރަން ބޭނުމިއްޔާ ދެ ގޮތުން ކުރެ އެއް ގޮތެއް އިޚްތިޔާރު ކުރަން އެންގުން. އެއީ އެ ބައިވެރިން ކުރިއަށް ދާނީ އަހަރެމެންނާ އެކީގައިތޯ ނުވަތަ ގަތަރާ އެކީގައިތޯ ކަނޑައެޅުން،" އެމިރޭޓްސްގެ ސަފީރު އުމަރު ޣުބާޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަތަރާ ދެކޮޅަށް އެޅެން އޮތް ހަމައެކަނި ފިޔަވަޅަކީ ގަލްފު ކޯޕަރޭޝަން އިން ގަތަރު ވަކި ކުރުން އެކަނި ނޫން ކަމަށެވެ. ގަތަރަށް ހުށަހެޅި ކަންތަކާ މެދު ގަތަރުން އީޖާބީ ގޮތެއްގައި އަމަލު ނުކުރާ ކަމަށާއި އެކަމުގެ އެންމެ ފަހު ނަތީޖާއަކަށް ވާނީ ގަތަރާ އެކު އޮތް ހުރިހާ ގުޅުމެއް ކަނޑައިލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަތަރާ އެކު އަލުން ގުޅުން ގާއިމު ކުރުމަށްޓަކައި މިސްރު، ސައޫދީ، އެމިރޭޓްސް އަދި ބަހްރައިނުން މިހާރު ވަނީ 13 ކަމެއް ފުރިހަމަ ކުރުމަށް ގަތަރަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ގަތަރުގެ ޚާރިޖީ ސިޔާސަތު، ގަލްފުގެ އެހެން ގައުމުތަކުގެ ޚާރިޖީ ސިޔާސަތާ އެއްގޮތަށް ބަދަލު ކުރުމާއި، ގަތަރުގެ ޝާހީ އާއިލާގެ އެހީގައި ހިންގާ ޓީވީ ޗެނަލް އަލް ޖަޒީރާ ބަންދު ކުރުމާއި، ގަތަރުން ހިމާޔަތް ދީގެން ގެންގުޅޭ ޓެރަރިސްޓުން ކަމަށް އެ ގައުމުތަކުން ބުނާ މީހުން ސައޫދީއާ ނުވަތަ މިސްރާ ހަވާލު ކުރުން ހިމެނެ އެވެ. އަދި އީރާނާ އެކު އޮންނަ ގުޅުން ކުޑަ ކުރުމާއި އިޚްވާނުލް މުސްލިމީން ޖަމާއަތާ އެކު އޮންނަ ގުޅުން ކަނޑައިލުން ވެސް ހިމެނެ އެވެ.

އެ ކަންކަމަށް 10 ދުވަހުގެ ތެރޭގައި ގަތަރު ސަރުކާރުން އިޖާބަ ނުދީފި ނަމަ، ނުރަނގަޅު ނަތީޖާތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެ ހަތަރު ގައުމުން ވަނީ ގަތަރަށް އިންޒާރު ކޮށްފަ އެވެ. މި ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި ގަތަރުގެ ޝާހީ އާއިލާ އިން ޓެރަރިޒަމަށް ހޭދަ ކުރުމުގެ އިތުރުން، ޓެރަރިސްޓުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެ އެވެ.

ގަތަރާއި އަރަބި ގައުމުތަކާ ދެމެދު އުފެދިފައިވާ އަރައިރުން ސުލްހަވެރި ގޮތަކަށް ހައްލު ކުރެވޭތޯ، އަރަބި ގައުމުތަކުގެ ތެރެއިން ކުވައިތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެމެރިކާ އާއި ތުރުކީ ވިލާތުން ވެސް މި މައްސަލަ ހައްލު ކުރެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.