Roadha Mihaaru
ރާއްޖޭން ވެސް ގަތަރާ ގުޅުން ކަނޑާލައިފި

ރާއްޖޭން ވެސް ގަތަރާ ގުޅުން ކަނޑާލައިފި

05 ޖޫން 2017

ގަލްފް ސަރަހައްދުގައި އުފެދިފައިވާ ދެބަސްވުންތަކަށް ފަހު ރާއްޖެއިން ވެސް ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ގަލްފް ސަރަހައްދުގައި އުފެދިފައިވާ ދެބަސްވުންތަކަށް ފަހު ރާއްޖެއިން ވެސް ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފި އެވެ.

ސިޔާސީ ބޮޑު ހަމަނުޖެހުމަކަށް ފަހު ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރެއިން، ލީބިއާ އަދި މިސްރުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލައި އެ ގައުމުތަކުގައި ތިބި ގަތަރު މީހުން އެނބުރި ދިއުމަށް އަންގައިފަ އެވެ.

ދިވެހި ސަރުކާރުން ނެރުނު ކުރު ބަޔާނެއްގައި ބުނީ މެއި 26، 1984 ގައި ގަތަރާ އެކު ގާއިމުކުރި ސިޔާސީ ގުޅުން މިއަދުން ފެށިގެން ކަނޑާލަން ނިންމީ ޓެރަރިޒަމާއި ހައްދުފަހަނަޅާ ދިއުމާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ. ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅެނީ މެދުއިރުމަތީގައި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަށް ތާއީދުކުރާ ސިޔާސަތެއް ކަމަށާއި، ސުލްހަޔަށް މަސައްކަތްކުރާ ގައުމުތަކަށް އެއްބާރުލުން ދީ ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މެދުއިރުމަތީގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ ކަމަށް ބުނެ ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން ބުނަނީ ގަތަރުން ދަނީ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވަމުން ކަމަށެވެ. އޭގެ ތެރޭގައި މުސްލިމް ބްރަދަހުޑާއި އީރާނަށް އެހީވުން ވެސް ހިމެނޭ ކަމަށް އެ ގައުމުތަކުން ތުހުމަތުކުރެ އެވެ. މިގޮތަށް ތުހުމަތުކޮށްފައި ވަނީ ގަތަރުގެ ސަރުކާރުގެ ބްރޯޑްކާސްޓިން ކުންފުނީގެ ވެބްސައިޓުގައި، އީރާނަކީ ސަރަހައްދުގެ ހަމަޖެހުމަށް މަސައްކަތްކުރާ ގައުމެއް ކަމަށާއި ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ނޫން ކަމަށް ގަތަރުގެ ވެރިޔާ ޝައިޚް ތަމީމް ބިން ހަމަދާ ހަވާލާދީ ޖެހި ބަޔާނަކަށް ފަހުގަ އެވެ. ނަމަވެސް ގަތަރުން ބުނެފައި ވަނީ އެއީ ބައެއްގެ ބޮޑު ރޭވުމެއްގެ ތެރެއިން، ވެބްސައިޓް ހެކްކޮށްގެން ބަޔަކު އާންމުކޮށްފައިވާ ބަޔާނެއް ކަމަށެވެ.

ސައޫދީން ވަނީ އެ ގައުމުގެ އެއްގަމާއި ވައިގެ މަގުތައް ވެސް ގަތަރަށް ބަންދުކޮށްފަ އެވެ. ޔޫއޭއީން ވަނީ އެ ގައުމުގެ ގައުމީ އެއާލައިން، އިއްތިހާދުގެ ދަތުރުތައް މާދަމާ އިން ފެށިގެން ގަތަރަށް ހުއްޓާލާނެ ކަމަށް ބުނެފަ އެވެ. އަބޫ ދާބީން ތުހުމަތުކޮށްފައިވާ ގޮތުގައި ގަތަރުން ދަނީ ޓެރަރިޒަމަށް ސަޕޯޓްކޮށް ފައިސާ ޚަރަދު ކުރަމުންނެވެ.

ޔަމަނުގެ ހޫތީންނާ ދެކޮޅަށް ހަނގުރާމަކުރަން ސައުދީ އަރަބިއާ އިސްވެ އުފައްދާފައިވާ ކޯލީޝަނުން ވެސް ގަތަރު ވަނީ ބޭރުކޮށްފަ އެވެ.

ސީރިއަސް ތުހުމަތުތަކެއް ކޮށް ގަތަރު އެކަހެރި ކުރުމާ ގުޅިގެން ގަތަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގައުމުތަކުގެ މި ނިންމުންތަކާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށާއި ކޮށްފައި ވަނީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.