Roadha Mihaaru
ހަތަރު ގައުމަކުން ގަތަރާ ގުޅުން ކަނޑާލައިފި

ހަތަރު ގައުމަކުން ގަތަރާ ގުޅުން ކަނޑާލައިފި

05 ޖޫން 2017

ދޯހާ (ޖޫން 5) - ހަތަރު ގައުމަކުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދޯހާ (ޖޫން 5) - ހަތަރު ގައުމަކުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފި އެވެ.

މެދުއިރުމަތީގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރާ ކަމަށް ބުނެ ގަތަރާ ގުޅުން ކަނޑާލި ގައުމުތަކަކީ ސައުދީ އަރަބިއާ، މިސްރު، ބަހުރޭން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެވެ. އެ ގައުމުތަކުން ބުނަނީ ގަތަރުން ދަނީ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވަމުން ކަމަށެވެ. އޭގެ ތެރޭގައި މުސްލިމް ބްރަދަހުޑުގެ ނަން ވަނީ ފާހަގަކޮށްފަ އެވެ.

ސައުދީ އަރަބިއާގެ ރަސްމީ ނޫސް އެޖެންސީން ބުނީ ގަތަރުގެ ބޯޑަރު ރިޔާޒުން ބަންދުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއްގަމާއި ކަނޑު އަދި ވައިގެ މަގުން ގަތަރުން ސައުދީ އަށް ކުރާ ދަތުރުތަކަށް ހުރަސް އެޅޭނެ އެވެ. އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ ބޭނުމަކީ ޓެރަރިޒަމުގެ ނުރައްކަލަކުން ސައުދީ ސަލާމަތް ކުރުން ކަމަށެވެ.

ސައުދީން ވަނީ އެ ގައުމުގައި ތިބި ގަތަރު މީހުން 14 ދުވަހުގެ ތެރޭގައި ފޭބުމަށް އަންގައިފަ އެވެ. ނަމަވެސް އުމްރާ އަށް ގޮސް ތިބި މީހުން އޭގެ ތެރޭގައި ނުހިމެނެ އެވެ. އަދި ގަތަރުގައި ތިބި ސައުދީ މީހުން ވެސް 14 ދުވަސް ތެރޭ އެ ގައުމުން ފޭބުމަށް ވަނީ އަންގައިފަ އެވެ.

މިސްރުން ވެސް ގަތަރަށް ވައިގެ އަދި އެއްގަމު ބަނދަރުތައް ބަންދުކޮށްފައި ކަމަށް ޚާރިޖީ ވުޒާރާ އިން ވަނީ ބުނެފަ އެވެ. ޔޫއޭއީން ވަނީ ގަތަރުގެ ޑިޕްލޮމެޓުން 48 ގަޑިއިރު ތެރޭ އެ ގައުމުން ފޭބުމަށް އަންގައިފަ އެވެ. ޔޫއޭއީން ބުނެފައި ވަނީ އެ ގައުމުގެ ގައުމީ އެއާލައިން، އިއްތިހާދުގެ ދަތުރުތައް މާދަމާ އިން ފެށިގެން ގަތަރަށް ހުއްޓާލާނެ ކަމަށެވެ. އަބޫ ދާބީން ތުހުމަތުކޮށްފައިވާ ގޮތުގައި ގަތަރުން ދަނީ ޓެރަރިޒަމަށް ސަޕޯޓްކޮށް ފައިސާ ޚަރަދު ކުރަމުންނެވެ.

ބަހުރޭނުގެ ރަސްމީ ނޫސް އެޖެންސީން ބުނީ ގަތަރާ ގުޅުން ކަނޑާލީ ގަތަރުން އެ ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް އަދި ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން އުޅުމުން ކަމަށެވެ.

ޔަމަނުގެ ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރަން ސައުދީ އަރަބިއާ އިސްވެ އުފައްދާފައިވާ ކޯލީޝަނުން ވެސ ގަތަރު ވަނީ ބޭރުކޮށްފަ އެވެ. ގަތަރުން ވަނީ ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރަން އެ ގައުމުގެ ހަނގުރާމަތީ ބޯޓުތައް ވެސް ދީފަ އެވެ.

ހަތަރު ގައުމަކުން ސިޔާސީ ގުޅުން ކަނޑާލި މައްސަލައިގައި ގަތަރުން ވަކިއެއްޗެއް އަދި ނުބުނެ އެވެ.