Roadha Mihaaru
ގަތަރަށް އިތުރު ފިޔަވަޅު އަޅާނެކަމަށް ޔޫއޭއީން ބުނެފި

ގަތަރަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޔޫއޭއީން ދީފި

08 ޖޫން 2017

ދުބާއީ (ޖޫން 8) - ގަލްފުގެ ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލާފައިވާ ގަތަރާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދުބާއީ (ޖޫން 8) - ގަލްފުގެ ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލާފައިވާ ގަތަރާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދީފި އެވެ.

ބަހުރޭން ވެސް ވަނީ ގަތަރާ ދެކޮޅަށް ކޮންމެ ފިޔަވަޅެއް އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީޖީސީ) ގެ މެންބަރުންގެ އިންޒާރުތައް އައިއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ކުވޭތުގެ އަމީރު ޝެއިޚް ސަބާހު އަލް އަހުމަދު އަލް ސަބާހު ވަނީ ގަތަރު މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ފައްޓަވައިފަ އެވެ. ކުވޭތުވެ އަމީރު ވަނީ ސައުދީ އަށް ވަޑައިގެން ސަލްމާން ރަސްގެފާނާ އަންގާރަ ދުވަހު މަޝްވަރާ ކުރެއްވުމަށް ފަހު އިއްޔެ ޔޫއޭއީ އަށް ވަޑައިގެން އެ ގައުމުގެ ވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. ރައީސް ޓްރަމްޕް އިއްޔެ ވަނީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ އާއި ޔޫއޭއީގެ ވަލީ އަހުދު މުހައްމަދު ބިން ޒައިދު އަލް ނަހުޔާން އަށް ގުޅުއްވާ މަޝްރަހު ފިނިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

ޔޫއޭއީގެ ފޮރިން އެފެއާޒް މިނިސްޓަރު އަންވަރު ގާގާޝް ރޮއިޓާސް އަށް ވިދާޅުވީ ބޭނުއްވެއްޖެ ނަމަ ގަތަރާ ދެކޮޅަށް އަދިވެސް އިތުރު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ދޯހާ އަށް އޮތް ހަމައެކަނި ގޮތަކީ ހަތިޔާރު އެޅި ޖަމާއަތްތަކަށް ފައިސާ ހޭދަކުރުން ހުއްޓާލުން ކަމަށް އޭނާ ވިދާޅުވި އެވެ. ފްރާންސްގެ ޓީވީ ޗެނަލަކަށް ގާގާޝް ފަހުން ވިދާޅުވީ ގަތަރާ ދެކޮޅަށް ދެން އަޅާނީ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ކަމަށެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓަރު ވިދާޅުވީ ގަތަރާ ދެކޮޅަށް ފިޔަވަޅު އަޅަނީ އެ ގައުމުގެ ވެރިކަން ބަދަލު ކުރަން ނޫން ކަމަށާއި ސިޔާސަތު ބަދަލު ކުރަން ކަމަށެވެ.

ބަހުރޭނުގެ ފޮރިން މިނިސްޓަރު ޝެއިޚް ޚާލިދު ބިން އަހުމަދު އަލް ޚަލީފާ ސައުދީ ނޫހަކަށް ވިދާޅުވީ ގަތަރުން ގޮތް ދޫކުރާނެ ކަމާ މެދު ޝައްކު ކަމަށެވެ.

"ގަތަރުގެ ކިބައިން ބަހުރޭން ސަލާމަތް ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅަކަށް ވަނީ ތައްޔާރުވެފައި،" ޝެއިޚް ޚާލިދު ވިދާޅުވި އެވެ.

ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބައިރު ވިދާޅުވީ ގަލްފުގެ ގައުމުތަކަށް ގަތަރު މައްސަލަ ހައްލު ކުރެވޭނެ ކަމަށާއި ބޭރުގެ އެހީއެއް ބޭނުން ނުވާނެ ކަމަށެވެ.