Roadha Mihaaru
ގަތަރަށް ހަމްދަރުދީ ފާޅުކޮށްފި ނަމަ ބަހުރޭނުގައި ވެސް ޖަލަށް

ގަތަރަށް ހަމްދަރުދީ ފާޅުކޮށްފި ނަމަ ބަހުރޭނުގައި ވެސް ޖަލަަށް

09 ޖޫން 2017

މަނާމާ (ޖޫން 9) - ގަތަރަށް ހަމްދަރުދީ ފާޅުކުރާ ފަރާތްތައް ޖަލަށްލާން ބަހުރޭނުން ވެސް ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މަނާމާ (ޖޫން 9) - ގަތަރަށް ހަމްދަރުދީ ފާޅުކުރާ ފަރާތްތައް ޖަލަށްލާން ބަހުރޭނުން ވެސް ނިންމައިފި އެވެ.

ގަތަރުގެ ދާޚިލީ ވުޒާރާ އިން ބުުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ އެނޫން ވެސް ވަސީލަތެއް މެދުވެރިކޮށް ގަތަރަށް ހަމްދަރުދީ ފާޅުކުރުމަކީ ކުށެއް ކަމަށާއި އެ ކުށުގެ އަދަބީ ޖަލަށްލުން ކަމަށެވެ. ރަސްމީ ނޫސް އެޖެންސީ، ބީއެންއޭގައި ޝާއިއުކޮށްފައިވާ ދާޚިލީ ވުޒާރާގެ ބަޔާނުގައި ބުނެފައި ވަނީ ބަހުރޭނުން މި ފިޔަވަޅު އެޅީ ގަތަރުން ބަހުރޭނާ މެދު ގެންގުޅޭ ދެކޮޅުވެރިކަމުގެ ސިޔާސަތާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ގަތަރުން ޚިލާފުވެ އަދި ޖީސީސީގެ ގައުމުތަކުގެ އުސޫލުތަކަށް ގަތަރުން ތަބާވަމުން ނުދާތީ ކަމަށެވެ. ދާޚިލީ ވުޒާރާ އިން ބުނީ ގަތަރަށް ހަމްދަރުދީ ފާޅުކުރާ ފަރާތްތައް ގާނޫނުލް އުގޫބާތުގައިވާ ގޮތުގެ މަތިން ފަސް އަހަރުގެ މުއްދަތަށް ޖަލަށްލާ ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ވަނީ ގަތަރަށް ހަމްދަރުދީ ފާޅުކުރާ ފަރާތްތައް 15 އަހަރާ ހަމައަށް ޖަލަށް ލާނެ ކަމަށް ބުނެފަ އެވެ.

ޔޫއޭއީގެ އެޓާނީ ޖެނެރަލް ހަމަދު ސައިފް އަލް ޝަމްސީ ނެރުއްވި ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގައި ގަތަރަށް ހަމްދަރުދީ ފާޅު ކުރުމަކީ ސައިބާކްރައިމްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެ ކުށަށް އަދަބު ދޭނެ ކަމަށެވެ.

"ގަތަރާ މެދު އެއްވެސް ގޮތަކުން ހަމްދަރުދީ ފާޅުކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ. ޔޫއޭއީން ނިންމާފައިވާ ސިޔާސަތާ ދެކޮޅަށް ސޯޝަލް މީޑިއާގައި ނުވަތަ ލިޔުމުން ވިޔަސް އަދި މަންޒަރަކުން ނަމަވެސް ނުވަތަ އަނގަބަހުން ނަމަވެސް ޚިޔާލުފާޅު ކުރުމަކީ ކުށެއް،" ޝަމްސީއާ ހަވާލާދީ ގަލްފު ނިއުސް އިން ބުނެފައިވެ އެވެ.

ފެޑެރަލް ޕަބްލިކް ޕްރޮސެކިއުޝަން އިން ބުނީ އިންފޮމޭޝަން ޓެކްނޮލޮޖީ ކްރައިމްސްއާ ގުޅޭ ގޮތުން ގާނޫނުލް އުގޫބާތާއި ގާނޫނުތަކުގެ ދަށުން، ޔޫއޭއީގެ ގައުމީ ހަމަޖެހުމަށް އުނިކަން އަންނަ ފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއި 500،000 ދިރުހަމް (136،000 ޑޮލަރު) އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ.