Roadha Mihaaru
ބޭންކު މެދުވެރިކޮށް ހައްޖަށް ފައިސާ ދެއްކޭގޮތް ހަދައިފި

ބޭންކެއް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ހައްޖަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

22 ޖޫން 2016

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށާއި އުމްރާ އަށް ދާން ބޭނުންވާ މީހުންނަށް، އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ބްރާންޗުތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށާއި އުމްރާ އަށް ދާން ބޭނުންވާ މީހުންނަށް، އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ބްރާންޗުތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި އެވެ.

ހައްޖަށާއި އުމްރާ އަދި އަގީގާ ކަތިލުމަށް ބޭނުންވާ މީހުންނަށް މީގެ ކުރިން ފައިސާ ދެއްކޭނީ ހައްޖު ކޯޕަރޭޝަންގެ އޮފީހުގެ ކައުންޓަރަށެވެ. އެކަމަކު މާލެ އާއި އައްޑު އާއި ގދ. ތިނަދޫ އަދި ހުޅުމާލޭގައި ހުންނަ ބްރާންޗުން އެ ކޯޕަރޭޝަންގެ ހިދުމަތްތަކަށް މިހާރު ފައިސާ ދެއްކޭނެ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ މާލޭ ބްރާންޗުން ހިދުމަތް ހޯދަން ގޮސްތިބި ބަޔަކު މަޑުކޮށްލައިގެން: އެ ބޭންކު މެދުވެރިކޮށް މިހާރު ހައްޖަށާއި އުމްރާއަށް ދިއުމަށް ފައިސާ ދެއްކޭނެ. ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ މާލޭ ބްރާންޗުން ހިދުމަތް ހޯދަން ގޮސްތިބި ބަޔަކު މަޑުކޮށްލައިގެން: އެ ބޭންކު މެދުވެރިކޮށް މިހާރު ހައްޖަށާއި އުމްރާއަށް ދިއުމަށް ފައިސާ ދެއްކޭނެ. ފޮޓޯ: އެމްއައިބީ

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީނު އިދުރީސް ވިދާޅުވީ އެމްއައިބީގެ ބްރާންޗުތަކަށް ފައިސާ ދެއްކިޔަސް، އެ ބޭންކުން ފައިސާ ޖަމާ ކުރާނީ ހައްޖު ކޯޕަރޭޝަންގެ ސިސްޓަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއައިބީއާ ގުޅިގެން މި ހިދުމަތް ފެށީ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާ އެކު ފައިސާ ދެއްކޭނެ ގޮތެއް ހަމަޖެއްސުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ރަށްރަށުގައި ދިރިއުޅޭ މީހުން ފައިސާ ދައްކަން މާލެ އަންނަން ޖެހޭތީ ގިނަ ބަޔަކު އެކަމުގެ ޝަކުވާ ކުރެ އެވެ.

ޔާމީނު ވިދާޅުވި ގޮތުގައި މާލޭގައި ހުންނަ ބްރާންޗު ފިޔަވައި އެހެނިހެން ބްރާންޗުތަކުން ހައްޖު ކޯޕަރޭޝަނަށް ރަޖިސްޓްރީވެގެން ފައިސާ ދެއްކޭނެ އެވެ. މާލޭގައި ހުންނަ ބްރާންޗުން ފައިސާ ދެއްކޭނީ ކޯޕަރޭޝަންގެ މެމްބަރަކަށް ވެފައި އޮތް ނަމަ ކަމަށް ޔާމީނު ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިއުމަށް ބަޔަކު އެއާޕޯޓުގައި. ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތަކަށް އެމްއައިބީ މެދުވެރިކޮށް މަހުން މަހަށް ވެސް ފައިސާ ދެއްކޭނެ.- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދިއުމަށް ބަޔަކު އެއާޕޯޓުގައި. ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތަކަށް އެމްއައިބީ މެދުވެރިކޮށް މަހުން މަހަށް ވެސް ފައިސާ ދެއްކޭނެ.- ފޮޓޯ: ހައްޖު ކޯޕަރޭޝަން

"އެމީހަކު ދައްކަން ބޭނުންވާ އަދަދެއް ދެއްކުމުގެ ފުރުސަތު އޮންނާނެ. މަހުން މަހަށް ދައްކަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު އޮންނާނެ. ފައިސާ ދެއްކީމަ ހައްޖު ކޯޕަރޭޝަންގެ ލިޔުމެއް އިސްލާމިކް ބޭންކުން ހަވާލު ކުރާނެ." ޔާމީނު ވިދާޅުވި އެވެ.

މީގެ އިތުރުން ޔާމީނު ވިދާޅުވީ އޮންލައިންކޮށް ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ބުނީ އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާން ބޭނުންނަމަ، އެންމެ އަވަހަށް ވެސް އެ ފުރުސަތު އޮތީ 2019 އަށް ކަމަށެވެ. އަދި ހައްޖު ކޯޓާ އިތުރަށް ލިބޭ ނަމަ، ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން ވީހާ ވެސް އަވަހަކަށް ހަމަޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.