Roadha Mihaaru
ކުނިގޮނޑު ފޭބުމުން އަދިވެސް ވަނީ 30 މީހުން ގެއްލިފައި

ކުނިގޮނޑު ފޭބުމުން އަދިވެސް ވަނީ 30 މީހުން ގެއްލިފައި

18 އެޕްރީލް 2017

ކޮލަމްބޯ (އެޕްރީލް 18) - ސްރީ ލަންކާގައި ބޮޑު ކުނިފުންޏެއް ފުރޮޅާލުމުގެ ސަބަބުން އޭގެ ދަށުވެ އެތައް ބަޔަކު މަރުވި އިރު 30 މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 18) - ސްރީ ލަންކާގައި ބޮޑު ކުނިފުންޏެއް ފުރޮޅާލުމުގެ ސަބަބުން އޭގެ ދަށުވެ އެތައް ބަޔަކު މަރުވި އިރު 30 މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ވެރިރަށް ކޮލަމްބޯގެ މީތޯޓަމުއްލާގައި ހުރި ގާތްގަނޑަކަށް 300 ފޫޓު އުސް ބޮޑު ކުނިފުނި ފޭބުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 28 އަށް އަރައިފަ އެވެ. ކުނިގޮނޑުން ކުނިތައް ފައިބަން ފެށީ ބޯކޮށް ވާރޭވެހުމުންނާ އަދި ގޮނޑުގައި ރޯވުމުންނެވެ.

ކުނިގޮނޑު ހުރި ސަރަހައްދުގައި ދިރިއުޅޭ އައްޒާމް އަމީން ކިޔާ މީހަކު ބުނީ ކުނިތަކުގެ ދަށުވެ އޭނާގެ އަންހެނުންނާއި ދަރިއަކު މަރުވެފައިވާ ކަމަށެވެ. ބައެއް މީހުން ބުނަމުން ދަނީ ކުނިގޮނޑު ކައިރީގައި ދިރިއުޅުނީ ކިތައް މީހުންކަން ނޭނގޭތީ ގެއްލިފައިވާ މީހުންގެ އަދަދު މުޅިން ސާފު ނުވާ ކަމަށެވެ. އަދި ކުނިތަކުގެ ތެރޭން މީހުން ހޯދަން 20-30 ފޫޓަށް ކޮންނަމުންދާ ކަމަށް ވެސް އޮފިޝަލުން ބުނެފައިވެ އެވެ.

ކުނިގޮނޑާ ކައިރީގައި އުޅުނު 400 އާއިލާއެއް މިހާރު ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ. އަދި ދުވާލަކު 800 ޓަނުގެ ކުނި އަޅަމުން ދިޔަ ގޮނޑު ބަންދު ކުރިކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

ކުނިގޮނޑު ހިމެނޭ ސަރަހައްދުގެ މީހުން ބުނީ އެ ތަނުން ކުނިގޮނޑު ނެގުމަށް އެ މީހުން އެދެމުންދާތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. އަދި އެ ކުނިގޮނޑުގެ ސަބަބުން ސިއްހީ އެތައް މައްސަލައެއް ކުރިމަތިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މި ހާދިސާ އަށް ފަހު ސިޔާސީ އެއްވެސް ފަރާތަކުން ކުނިގޮނޑު ހުރި ސަރަހައްދަށް ޒިޔާރަތްކޮށް މީހުންގެ ހާލު ބެލުން އެ ސަރަހައްދުގެ މީހުން ވަނީ މަނާކޮށްފަ އެވެ.