Roadha Mihaaru
ކުނިތަކުގެ ދަށުވެގެން މަރުވި މީހުންގެ އަދަދު 19 އަށް

ލަންކާގައި ކުނިތަކުގެ ދަށުވެގެން މަރުވި މީހުންގެ އަދަދު 19 އަށް

16 އެޕްރީލް 2017

ކޮލަމްބޯ (އެޕްރީލް 16) - ސްރީ ލަންކާގައި ބޮޑު ކުނިފުންޏެއް ފުރޮޅާލުމުގެ ސަބަބުން އޭގެ ދަށުވެ މަރުވި މީހުންގެ އަދަދު 19 އަށް އަރާފައިވާ ކަމަށް ސިފައިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 16) - ސްރީ ލަންކާގައި ބޮޑު ކުނިފުންޏެއް ފުރޮޅާލުމުގެ ސަބަބުން އޭގެ ދަށުވެ މަރުވި މީހުންގެ އަދަދު 19 އަށް އަރާފައިވާ ކަމަށް ސިފައިން ބުނެފި އެވެ.

ގާތްގަނޑަކަށް 300 ފޫޓު އުސް ބޮޑު ކުނިފުނި ގެތަކުގެ މައްޗަށް ފައިބަން ފެށީ ކުނިފުނީގައި އަލިފާން ރޯވެ ބައެއް އެނދުމުން ކަމަށްވެ އެވެ. ކުނިފުންޏާ ކައިރީގައި ހުރި 40 ވަރަކަށް ގެ ވަނީ ހަލާކުވެފަ އެވެ. ސިފައިން ބުނީ މަރުވި މީހުންގެ އިތުރުން އެތައް ބަޔަކު ގެއްލިފައިވާ ކަމަށެވެ.

ކުނިގޮނޑުގެ ރައްކާތެރިކަމާ މެދު ކުރިން ވެސް މީހުން ދިޔައީ ސުވާލު އުފައްދަމުންނެވެ. ބައެއް މީހުން ދިޔައީ އެ ކުނިފުނި ނަގާ ސާފު ކުރުމަށް ވެސް ގޮވާލަމުންނެވެ.

ކުނިގޮނޑު ފޭބުމުގެ ސަބަބުން ވަނީ 40 ގެ ކުނިތަކުގެ ދަށުވެފައި. --ފޮޓޯ:އޭއެފްޕީ

ކުނިގޮނޑު ފޭބުމުގެ ސަބަބުން ވަނީ 40 ގެ ކުނިތަކުގެ ދަށުވެފައި. --ފޮޓޯ:އޭއެފްޕީ

އޭއެފްޕީ ނިއުސް އެޖެންސީން ބުނީ މީތޯޓަމުއްލާގެ އެ ކުނިގޮނޑަށް ދުވާލަކު 800 ޓަނުގެ ކުނި އަޅާ ކަމަށެވެ. އަދި ސަރުކާރުން މިހާރު ވަނީ އެ ކުނިގޮނޑު އެތަނުން ނަގަން ނިންމައިފަ އެވެ. ސަރުކާރުގެ ވަޒީރެއް ކަމަށްވާ ހަރުޝާ ޑި ސިލްވާ ވިދާޅުވީ އެ ކުނިގޮނޑަށް ދެން ކުނި ނާޅާނެ ކަމަށެވެ.

"ވަރަށް ބާރު އަޑުފައްގަނޑެއް އިވުނު. ހީވީ ގުގުރިއެއް ޖެހިހެން. ގޭގައި ޖަހާފައި ހުރި މުށިތައް ވެސް ވަނީ ފަޅައިގެން ގޮސްފައި،" ކުނިގޮނޑާ ކައިރީގައި ދިރިއުޅުނު ކުލަރަތުނާ ކިޔާ މީހަކު ބުންޏެވެ.

އިމަޖެންސީ އޮފިޝަލުން ބުނީ ކުނިގޮނޑު ފޭބުމުން ވިއްސަކަށް މީހުން ގެއްލިފައިވާ ކަމަށެވެ. ގެއްލުނު މީހުން ހޯދުމުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ޑިޒާސްޓާ އިމަޖެންސީ އޮފިޝަލަކު ވިދާޅުވީ މަރުވި މީހުންގެ އަދަދު މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އިތިއޯޕިއާގެ ވެރިރަށުގައި ކުނިގޮނޑެއް ފޭބުމުން މިދިޔަ މަހު ވަނީ 113 މީހުން މަރުވެފަ އެވެ.