Roadha Mihaaru
ކުނިގޮނޑުން ކުނި ފޭބުމުން ލަންކާ މީހުން ރުޅިގަދަވެފައި

ކުނިގޮނޑު ފޭބި މައްސަލާގައި ލަންކާ މީހުން ރުޅިގަދަވެފައި

17 އެޕްރީލް 2017

ކޮލަމްބޯ (އެޕްރީލް 17) - ސްރީ ލަންކާގައި ބޮޑު ކުނިފުންޏެއް ފުރޮޅާލުމުގެ ސަބަބުން އޭގެ ދަށުވެ އެތައް ބަޔަކު މަރުވި ހާދިސާގައި ބައެއް މީހުން ރުޅިގަދަވެގެން ވާހަކަ ދައްކަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 17) - ސްރީ ލަންކާގައި ބޮޑު ކުނިފުންޏެއް ފުރޮޅާލުމުގެ ސަބަބުން އޭގެ ދަށުވެ އެތައް ބަޔަކު މަރުވި ހާދިސާގައި ބައެއް މީހުން ރުޅިގަދަވެގެން ވާހަކަ ދައްކަން ފަށައިފި އެވެ.

ގާތްގަނޑަކަށް 300 ފޫޓު އުސް ބޮޑު ކުނިފުނި ގެތަކުގެ މައްޗަށް ހުކުރު ދުވަހު ފައިބަން ފެށީ ކުނިފުނީގައި އަލިފާން ރޯވެ ބައެއް އެނދުމުން ކަމަށްވެ އެވެ. އަނެއް ބަޔަކު ބުނީ ބޯކޮށް ވާރޭ ވެހެން ފެށުމުން ކުނިތައް ފައިބަން ފެށީ ކަމަށެވެ. ކުނިފުންޏާ ކައިރީގައި ހުރި 40 ވަރަކަށް ގެ ވަނީ ހަލާކުވެފަ އެވެ. ވެރިރަށް ކޮލަމްބޯގެ މީތޯޓަމުއްލާގައި ހުރި ކުނިގޮނޑުން ފޭބި ކުނިތަކުގެ ދަށުވެގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 26 އަރައިފަ އެވެ. އޭގެ ތެރޭގައި ހަތަރު ކުޑަ ކުދިން ވެސް ހިމެނެ އެވެ.

އެ ސަރަހައްދުގެ މީހުން ބުނީ އެ ތަނުން ކުނިގޮނޑު ނެގުމަށް އެ މީހުން އެދެމުންދާތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. އަދި އެ ކުނިގޮނޑުގެ ސަބަބުން ސިއްހީ އެތައް މައްސަލައެއް ކުރިމަތިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެކަމަކު ސަރުކާރުން މިހާރު ވަނީ އެ ކުނިގޮނޑު ބަންދު ކުރަން ނިންމައިފަ އެވެ. ހާލުގައި ޖެހުނު 600 މީހަކަށް ވަނީ ސަރުކާރުން ހިންގާ ސްކޫލަކުން ހިޔާވަހިކަން ދޭން ވެސް ނިންމައިފަ އެވެ.

މި ހާދިސާ އަށް ފަހު ސިޔާސީ އެއްވެސް ފަރާތަކުން ކުނިގޮނޑު ހުރި ސަރަހައްދަށް ޒިޔާރަތްކޮށް މީހުންގެ ހާލު ބެލުން އެ ސަރަހައްދުގެ މީހުން ވަނީ މަނާކޮށްފަ އެވެ.

"ވަރަށް ދުވަސްވެއްޖެ މި ކުނިގޮނޑުގެ ވާހަކަ ދައްކާތާ. އެއްވެސް މީހަކު އަޑެއް ނޭހި. އެކަމަކު އެތައް ބަޔަކު މަރުވީމާ އައިސް މި ބުނަނީ ދެން އެ ތާކަށް ކުންޏެއް ނާޅާނޭ. އެއީ އެކަމަކު ގާތިލުން. އެ މީހުންނާ ދެކޮޅަށް ދައުވާ ކުރާނަން،" ކުނިގޮނޑު ހުރި ސަރަހައްދުގައި ދިރިއުޅޭ ނުވާން ބޯޕަގެ ބުންޏެވެ.

ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ ކުނިތަކުގެ ދަށުވެގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ވަރުގަދަ ކުރުމަށް ސިފައިންނާއި ފަޔާ ޑިޕާޓްމަންޓަށް އަންގަވައިފަ އެވެ. ސިފައިން ބުނީ ގެއްލުނު އެންމެން ފެންނަންދެން އޮޕަރޭޝަން ކުރިއަށްދާނެ ކަމަށެވެ. ސިފައިންގެ ތަރުޖަމާން ބްރިގޭޑިއާ ރޯޝާން ސެނަވިރަތުނަ ވިދާޅުވީ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް އޮތް 72 ގަޑިއިރު ތެރޭ ނިންމާލެވޭނެ ކަމަށެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ބުނީ މީތޯޓަމުއްލާގެ އެ ކުނިގޮނޑަށް ދުވާލަކު 800 ޓަނުގެ ކުނި އަޅާ ކަމަށެވެ.