Roadha Mihaaru
"ރޯގާ ކޮންޓްރޯލް ކުރެވެންދެން ކިޔެވުން މެދުކަނޑައިލާ"

ރޯގާ ކޮންޓްރޯލް ކުރެވެންދެން ކިޔެވުން މެދުކަނޑާލުމަށް އެމްޑީޕީން ގޮވާލައިފި

26 މާޗް 2017

ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ރޯގާތައް ކޮންޓްރޯލް ކުރެވެންދެން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑައިލުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ރޯގާތައް ކޮންޓްރޯލް ކުރެވެންދެން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑައިލުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

ހުމާއި އަރިދަފުސް ރޯގާގެ އިތުރުން ސްވައިން ފްލޫ ފެތުރެމުން ދާތީ ކުއްލި ގޮތަކަށް ސްކޫލުތައް ބަންދުކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ސްކޫލުތަކުގެ ކިޔެވުން އަލުން ފަށާނީ ރޯގާގެ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ.

ނަމަވެސް ރޯގާ ކޮންޓްރޯލް ނުވަނީސް މިއަދު ސްކޫލްތަކުގެ ކިޔެވުން އަލުން ފެށުމާ ގުޅިގެން، މާލޭގެ ސްކޫލްތަކުގެ 80 ޕަސެންޓަށް ވުރެ ގިނަ ކުދިން ސްކޫލްތަކަށް ހާޒިރެއް ނުވެ އެވެ. އަދި ގިނަ އަދަދެއްގެ ޓީޗަރުން ވެސް މިއަދު ސްކޫލަށް ނުނިކުމެ އެވެ.

އެމްޑީޕީގެ ތައުލީމާއި ތަމްރީނާ ބެހޭ ކޮމެޓީން ނެރުުނު ބަޔާނުގައި ބުނީ ކުއްލި ގޮތަކަށް މި މަހުގެ 13 ވަނަ ދުވަހު ސްކޫލުތައް ބަންދުކުރީ ހުމުގެ ހާލަތު ކޮންޓްރޯލް ނުވެ، ނުރައްކަލުގެ މިންގަނޑު ލެވެލް ތިނަކަށް އެރުމުން ކަމަށެވެ. ނަމަވެސް އެއް ހަފުތާ އަށް ފަހު މިއަދު ކިޔެވުން ފެށިކަމުގައި ވިއަސް، އެޑިއުކޭޝަން މިނިސްޓްރީގެ އެ ނިންމުމަށް ބެލެނިވެރިން ދެކޮޅު ހަދާފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

"މިއަދު ސްކޫލުތައް ހުޅުވިކަމުގައި ވިއަސް ސްކޫލުތަކުގެ ހާޒިރީ އެތައް ގުނައަކަށް ދަށްވުމުގެ ސަބަބުން ކިޔަވައި ނުދެނުވުނު ވާހަކައަކީ ވެސް މީޑިއާ އިން މިހާރު އާއްމުވެފައިވާ ވާހަކަތަކެކެވެ. ވީމާ، ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމްކޮށް ދަރިވަރުންނާއި މުދައްރިސުންނާއި ސްކޫލުތަކުގައި މަސައްކަތް ކުރާ އެހެނިހެން މުވައްޒަފުންގެ ރައްކާތެރިކަމަށް ރިއާޔަތްކޮށް، މާތްﷲގެ ވާގިފުޅާއެކު މި ރޯގާ ކޮންޓްރޯލް ކުރެވެންދެން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލުމަށް ސަރުކާރަށް މި ޕާޓީން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ސީރިއަސް ހާލަތްތަކުގައި ސްކޫލުތަކުގެ ކިޔެވުން މެދުކަނޑައިލި ކަމުގައި ވިއަސް ގެއްލޭ ފިލާވަޅުތައް ނަގައިދެވޭނެ ވަސީލަތާއި ވަގުތު އޮތް އެބަ އޮތް ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ކިޔެވުން މިއަދު ފެށި ކަމުގައި ވިއަސް ސްކޫލުތަކަށް ދިޔަ ދަރިވަރުންގެ އަދަދު ވަރަށް މަދެވެ. މިއަދުގެ ހެނދުނު ދަންފަޅީގެ ގަޑިތަކަށް ވުރެ، މެންދުރު ފަހުގެ ސެޝަނަށް ދިޔަ ދަރިވަރުންގެ އަދަދު މަދުކަން ސްކޫލުތަކުން ފާހަގަ ކުރި އެވެ.

ސްވައިން ފްލޫ ޖެހިގެން މިއަދު މަރުވި މާބަނޑު މީހާއެކު މިހާތަނަށް ޖުމްލަ ފަސް މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.

އެޗްޕީއޭ އިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 185 މީހަކު ވަނީ ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފަ އެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 31 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.