Roadha Mihaaru
ހުމާ ގުޅިގެން ސްކޫލުތައް ބަންދުކުރާކަށް އަދި ނުނިންމާ

ހުމާ ގުޅިގެން އެއްވެސް ސްކޫލެއް ބަންދުކުރަން އަދި ނުނިންމަން: އެޑިއުކޭޝަން

13 މާޗް 2017

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަލުއިކަމާ އެކު މިހާރު ފެތުރެމުންދާ ހުމުގެ ރޯގާތަކާ ގުޅިގެން އަދި އެއްވެސް ސްކޫލެއް ބަންދުކުރަން ނިންމާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަލުއިކަމާ އެކު މިހާރު ފެތުރެމުންދާ ހުމުގެ ރޯގާތަކާ ގުޅިގެން އަދި އެއްވެސް ސްކޫލެއް ބަންދުކުރަން ނިންމާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން އެޗް1އެން1 ނުވަތަ ސްވައިން ފްލޫ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.

އަދި އަރިދަފުސް ރޯގާ އާއި ވައިރަލް ހުން ހަލުއި ކަމާއެކު ފެތުރެމުންދާ ކަމަށް ވެސް އެތަނުން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސްކޫލުތައް ބަންދު ކުރުމާ މެދު ގޮތެއް ނިންމާނީ އެޗްޕީއޭ އިން އެންގުމުން ކަމަށާއި އެކަމާ ގުޅޭގޮތުން އެޗްޕީއޭ އިން މިހާތަނަށް ވަކި އެއްޗެއް އަންގާފައި ނުވާ ކަމަށެވެ.

ހުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތައް ބަންދު ނުކުރި ނަމަވެސް މާލޭގެ އަމިއްލަ ޕްރީ ސްކޫލެއް އިއްޔެ ވަނީ ބަންދުކޮށްފަ އެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޯގާ ޖެހި ކެއްސާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިޔުން ރަނގަޅު ނޫން ކަމަށާއި ކުޑަކުދިން އެ ފަދަ ތަންތަނަށް ނުގެންދިޔުމަށެވެ.

އެ އެޖެންސީގެ ބަޔާނުގައި ބުނީ މިހާރު ފެތުރެމުންދާ ރޯގާގައި ބައެއް ފަހަރު ބަލި މީހާގެ ހާލު ވަރަށް ދަށްވާ ކަމަށެވެ. އަދި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ފުއްޕާމޭގެ ބަލިތައް ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ މީހުންނަށް އެޗް1އެން1 ޖެހިއްޖެ ނަމަ ނުރައްކާ ވެދާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.