Roadha Mihaaru
ބައެއް ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފި

ބައެއް ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފި

24 މެއި 2018

މި އަހަރުގެ އެކަޑެމިކް ކަލަންޑަރުގައި ކަނަޑައަޅާފައިވާ ގޮތާ ޚިލާފަށް ބައެއް ސްކޫލްތަކުގެ ކިޔެވުން ފުރަތަމަ ޓާމަށް ފަހު މިއަދުން ފެށިގެން ބަންދުކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ އެކަޑެމިކް ކަލަންޑަރުގައި ކަނަޑައަޅާފައިވާ ގޮތާ ޚިލާފަށް ބައެއް ސްކޫލްތަކުގެ ކިޔެވުން ފުރަތަމަ ޓާމަށް ފަހު މިއަދުން ފެށިގެން ބަންދުކުރަން ނިންމައިފި އެވެ.

މި އަހަރުގެ ފުރަތަމަ ޓާމް ޓެސްޓު ނިމި، އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަފުތާއަކަށް ސްކޫލްތައް ބަންދުކުރާ ގޮތަށް އެކަޑެމިކް ކަލަންޑަރުގައި ކަނޑައަޅާފައިވީ ނަމަވެސް، އެ ތާރީޚަށް ވުރެ ކުރިން ސްކޫލްތަކުގެ ކިޔެވުން ބަންދުކުރުމާ މެދު ގޮތެއް ކަނޑައެޅުން އެޑިއުކޭޝަން މިނިސްޓްރީން މި ފަހަރު ދޫކޮށްލީ އެ ސްކޫލަކަށެވެ. އެހެންވެ، މާލޭގެ ބައެއް ސްކޫލުތަކުން ވަނީ، ފުރަތަމަ ޓާމް ޓެސްޓް ހަދަމުންދާ ދަރިވަރުންނާއި ސްކޫލް އެސެސްމެންޓް ނުނިމޭ ދަރިވަރުން ފިޔަވައި އެހެން ކުދިން މި ދުވަސްވަރު ސްކޫލްތަކަށް ނުދިއުމަށް އަންގައިފަ އެވެ.

ބައެެއް ސްކޫލްތަކުގެ މި ނިންމުމާ ގުޅިގެން، ފުރަތަމަ ޓާމް ޓެސްޓު ހަދަމުންދާ ދަރިވަރުންނާއި ސްކޫލް އެސެސްމަންޓް ނުނިމޭ ކުދިން ފިޔަވައި އެހެން ދަރިވަރުން ދެން ސްކޫލަށް ދާން ޖެހޭނީ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް ބަލަ އެވެ. އެއީ އަންނަ މަހުގެ ހަތެއްގަ އެވެ. އެކަން ބައެއް ސްކޫލްތަކުން މިހާރު ވަނީ ބެލެނިވެރިންނަށް ވެސް އަންގައިފަ އެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ޓާމު ޓެސްޓު އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ނިމި، ރިޕޯޓް ފޮތް ދޫކުރާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ.

އަންނަ ހަފުތާ އިން ފެށިގެން ސްކޫލުތައް ބަންދުކުރި، މާލޭގެ ސްކޫލްތަކުގެ ތެރޭގައި ޖަމާލުއްދީނާއި އަމީނިއްޔާ އާއި އިސްކަންދަރު އަދި ތާޖުއްދީން ސްކޫލް ހިމެނެ އެވެ.

މާލޭގެ ސްކޫލަކުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ، ކިޔެވުން ބަންދު ކުރި ނަމަވެސް އެސެސްމަންޓް ނުނިމޭ ދަރިވަރުން ސްކޫލަށް ދާން ޖެހޭ އެވެ.

"އެސެސްމަންޓް ނިންމާފައިވާ ދަރިވަރުން ދެން ސްކޫލަށް އަންނަން ޖެހޭނީ ރިޕޯޓް ފޮތް ބަލައި،" އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ފުރަތަމަ ޓާމް އަންނަ މަހުގެ ހަތްވަނަ ދުވަހު ނިންމައި، ކުދިންނަށް ދޭ އެއް ހަފުތާގެ ބަންދަށް ފަހު ދެން ކިޔެވުން ފެށޭނީ ޖޫން 18 ގަ އެވެ.

ފުރަތަމަ ޓާމަށް ފަހު، ސްކޫލްތަކުގެ ކިޔެވުން ބަންދުކުރުމުގެ ޝެޑިއުލް އަވަސް ކުރިއިރު، ރާއްޖޭގައި މިހާރު ދަނީ ހަލުއިކަމާ އެކު ހުމުގެ ރޯގާއެއް ފެތުރެމުންނެވެ. އަދި މި ދުވަސްވަރު ސްކޫލްތަކުގައި ކިޔަވައިދޭތީ ވެސް ބައެއް ބެލެނިވެރިން އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.