Roadha Mihaaru
ޕްރީސްކޫލް ނޫނީ ބަންދުކުރުމުގެ ވިސްނުމެއް ނެތް

މާލެ ސަރަހައްދުގެ ޕްރީސްކޫލް ނޫނީ ބަންދުކުރުމުގެ ވިސްނުމެއް ނެތް: މިނިސްޓަރު

02 ފެބުރުއަރީ 2021

ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ސްކޫލުތައް ހުޅުވައިގެން ކިޔަވައިދިނުމާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާ ހޯދަމުން އަންނަ ކަމަށާއި އެކަމަކު މާލޭ ސަރަހައްދުގެ ޕްރީސްކޫލުތައް ފިޔަވައި އެހެން ދަރިވަރުންނަށް ސްކޫލު ބަންދުކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ސްކޫލުތައް ހުޅުވައިގެން ކިޔަވައިދިނުމާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާ ހޯދަމުން އަންނަ ކަމަށާއި އެކަމަކު މާލޭ ސަރަހައްދުގެ ޕްރީސްކޫލުތައް ފިޔަވައި އެހެން ދަރިވަރުންނަށް ސްކޫލު ބަންދުކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވެ އެ ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެއާ އެކު، ސްކޫލުތައް ބަންދުކޮށް ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދިނުމަށް ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.

އެކަމާ ގުޅިގޮތުން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ އެޑިއުކޭޝަނުން އަމަލުކުރަމުން އަންނަނީ އެޗްޕީއޭގެ އިރުޝާދުތަކަށް ކަމަށެވެ. މި ވަގުތު ސްކޫލު ބަންދުކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި އެކަމަކު މާލޭ ސަރަހައްދުގެ ޕްރީ ސްކޫލު ބަންދުކުރަން ޖެހިދާނެ ކަމަށް ވިދާޅުވި އެވެ. އެއީ ކުޑަކުދިންނަށް ވާތީ ބަލިން ރައްކާތެރިވުމަށް އަމިއްލައަށް ފިޔަވަޅު ނޭޅޭނެތީ ކަމަށް ވިދާޅުވި އެވެ.

"މި ގޮތަށް އަމަލުކުރަނީ ދަރިވަރުން ސްކޫލަށް ދިއުން ހުއްޓާލައިފި ނަމަ، އެ ކަމުގެ ނޭދެވޭ އަސަރުތައް ދަރިވަރުގެ މުޅި އުމުރަށް ކުރާނެތީ. ދަރިވަރުންގެ ސަލާމަތްތެރިކަމަކީ މި ވުޒާރާއިން އެންމެ އިސްކަންދޭ ކަންތައް،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް މާލެ ސަރަހައްދުގައި ގްރޭޑް ހަޔަކުން ފެށިގެން ދަށުގެ ގްރޭޑުތަކަށް ކިޔަވައިދީފައެއް ނުުވެ އެވެ. އެހެން ސަރަހައްދުތަކުގައި މިދިޔަ އަހަރުގެ ޖުލައި 1ގައި ސްކޫލުތައް ހުޅުވައި ޑިސެމްބަރު 3 ގައި ފުރަތަމަ ޓާމަށް ބަންދުވުމާ ހަމައަށް ގްރޭޑު 1-12 ގެ ދަރިވަރުންނަށް ކިޔަވައިދީފައި ވެ އެވެ. އެހެންވެ، މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ދެ ވަނަ ޓާމް ފެށި ޖެނުއަރީ 10 އަކީ މާލެ ސަރަހައްދުގައި ދަށު ގްރޭޑުތަކުގެ ދަރިވަރުންނާ ގާތްގަނޑަކަށް އަހަރެއް ފަހުން ބައްދަލުވި ފުރަތަމަ ދުވަހެވެ.

މީގެ ކުރިން ބޭއްވި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ ކުރިން ބޭއްވި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިނިސްޓަރު ވިދާޅުވީ، މި ހާލަތުގައި މިނިސްޓްރީން ދެން އެންމެ ބޮޑަށް އިސްކަންދެނީ އެ ކުދިންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށް ކިޔަވައިދޭ ވަގުތު ހިމާޔަތްކުރަން ކަމަށެވެ. މިހާތަނަށް ސްކޫލުތަކުން އެއްވެސް ގޮތަކަށް ބަލި ފެތުރިފައި ނުވިއަސް ސްކޫލުތަކުން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ކައިރިން މޮނީޓާ ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި، ސްކޫލުތަކަށް ވަނުމުގެ ކުރިން ހުން ބެލުމާއި ގިނައިން އަތްދޮވުމާއި ސްކޫލުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި ހުރިހާ އިރެއްގައި މާސްކް އަޅައިގެން ހުރުން ހިމެނެ އެވެ. އަދި ދަރިވަރުން އަތްލާ ތަންތަން ޑިސްއިންފެކްޓުރާ ކަމަށް ވިދާޅުވި އެވެ.

"މި ފިޔަވަޅުތަކާ މެދު އެޗްޕީއޭގެ ރުހުން ސްކޫލުތަކަށް ވަނީ ލިބިފައި. އަޅުގަނޑު އެދެނީ އެންމެ ބޭފުޅުން ވެސް އެޗްޕީއޭގެ އިރުޝާދުތަކަށް ތަބާވެ ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތްކޮށްދެއްވުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ފަދަ ކަންކަމާ ގުޅިގެން ދަރިވަރުން ސްކޫލަށް ފޮނުވުމަކީ ހުރިހާ ދަރިވަރުންނަށް ވެސް އެންމެ ރަނގަޅުގޮތަށް ވިއަސް ސްކޫލު ބަންދުކުރަން ސިއްހީ މާހިރުން އިރުޝާދު ދީފިނަމަ އެކަން ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ދަރިވަރުންގެ ކިޔެވުން ހުއްޓުނަ ނުދީ ކުރިއަށް ގެންދިއުމަށްޓަކައި ބެލެނިވެރިންގެ ފަރާތުން އަޅުގަނޑު އެދެނީ ކޮންމެހެން ދާންޖެހޭ ތަނަކަށް ނޫނީ ކުދިން ނުފޮނުވަން. އަދި ހުރިހާ ވަގުތެއްގައި ވެސް ދަރިވަރުންނާއި ބެލެނިވެރިން، ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ތަބާވުން،" މިނިސްޓަރު ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ޔުނިސެފުން ވެސް އެދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދަރިވަރުން ސްކޫލަށް ފޮނުވައިދިނުމަށެވެ. ރައްޓެހި ކުދިންނާއި ޓީޗަރުންނާ ބައްދަލުވެ، ބައެއް ކުދިންނަށް އުފާވެރި ވަގުތު ހޭދަކުރަން ލިބޭ ހަމައެކަނި ތަނަކީ ސްކޫލެވެ. އެހެންވެ، ދިމާވެދާނެ ނަފްސާނީ މައްސަލަތަކާއި އެހެނިހެން ކަންކަމުން ދުރުކުރުމަށް ދަރިވަރުން ސްކޫލަށް ފޮނުވަން ވީހާ ވެސް ބޮޑަކަށް ބާރު އަޅަ އެވެ.