Roadha Mihaaru
އެންމެ ރައްކާތެރީ ސްކޫލްތައް، އެކަމަކު ބަންދު

އެންމެ ރައްކާތެރީ ސްކޫލްތައް، އެކަމަކު ބަންދު އަޅުވާފައި

01 މާޗް 2021

ބައެއް ކުދިންނަށް ރަހުމަތްތެރިންނާ ދިމާވެ މަޖާ، އުފާވެރި ވަގުތު ހޭދަކޮށްލަން ލިބޭ ހަމައެކަނި ތަނަކީ ސްކޫލެވެ. ހާއްސަކޮށް ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށެވެ. ނަމަވެސް ކޮވިޑް-19ގެ ނޭދެވޭ އަސަރު، އެންމެ ބޮޑަށް ކުރަމުން މި ދަނީ މާލެ ސަރަހައްދުގައި ކިޔަވާ ކުދިންނަށެވެ. ތިން ބުރެއްގެ މަތިން ސްކޫލުތައް ބަންދުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބައެއް ކުދިންނަށް ރަހުމަތްތެރިންނާ ދިމާވެ މަޖާ، އުފާވެރި ވަގުތު ހޭދަކޮށްލަން ލިބޭ ހަމައެކަނި ތަނަކީ ސްކޫލެވެ. ހާއްސަކޮށް ދަށް ގްރޭޑުތަކުގެ ދަރިވަރުންނަށެވެ. ނަމަވެސް ކޮވިޑް-19ގެ ނޭދެވޭ އަސަރު، އެންމެ ބޮޑަށް ކުރަމުން މި ދަނީ މާލެ ސަރަހައްދުގައި ކިޔަވާ ކުދިންނަށެވެ. ތިން ބުރެއްގެ މަތިން ސްކޫލުތައް ބަންދުކޮށްފި އެވެ.

ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުންގެ ކަންބޮޑުވުމަކީ ސްކޫލުތައް ރައްކާތެރިކަމުގެ ޔަގީންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިނުމަށް ފަހު ވެސް، ހާލަތު ގޯސްވާ ކޮންމެ ފަހަރަކު، އެންމެ ފުރަތަމަ ބަންދުކުރާ ތަނަކަށް ސްކޫލު ވުމެވެ. އެ ތަންތަން ބަންދުކޮށްގެން ދިގުލައިގެންދާ ކޮންމެ ދުވަހަކީ، ތަޖުރިބާކާރުން ދެކޭ ގޮތުގައި، ކުދިންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ހުރިހާ ގްރޭޑަކަށް ސްކޫލުތައް ހުޅުވާލާށެވެ. އެކަމަކު ކޮވިޑްގެ ހާލަތު ގޯސްވަމުންދާ ކަމަށް ބުނެ އެ ފުރުސަތެއް އެޗްޕީއޭއަކުން ނުދެ އެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑު ހަޔަކާ ހަމައަށް އޮންލައިންކޮށް ކިޔަވައިދޭން ފެށިތާ ދެ ހަފުތާ ފަހުން، ގްރޭޑް ހަތަކާއި އަށެއް ވެސް އެ "ބަންދުކުރުމުގައި" ހިމެނި އެވެ.

ދެ ހަފުތާއަށް ނިންމި ނިންމުމުން ވެސް ކޮވިޑް ހާލަތަށް މާ ބޮޑު ބަދަލެއް ނައުމުން އެޗްޕީއޭއިން އެންގީ މާލެ ސަރަހައްދުގެ ހުރިހާ ގްރޭޑަކަށް ވެސް ސްކޫލުތައް ބަންދުކުރާށެވެ. އެކަމާ އެޑިއުކޭޝަން މިނިސްޓްރީން ގަބޫލެއް ނުވި އެވެ. ފަހުން މަޝްވަރާކުރުމަށް ފަހު ނިންމީ ކުރިން އޮތް ގޮތަށް، ގްރޭޑް އަށަކުން ދަށުގެ ދަރިވަރުންނަށް ދެ ހަފުތާއަށް އޮންލައިންކޮށް ކިޔަވައިދޭށެވެ.

އަންނަ ހަފުތާއަކީ ފަހު ޓާމުގެ މިޑް ޓާމް ބްރޭކެވެ. ބަންދަށް ފަހު ސްކޫލުތައް ހުޅުވަން އޮތީ މާޗު 14 ގަ އެވެ.

މި އަހަރު އިމްތިހާނަށް ތައްޔާރުވާތީ ގްރޭޑު 10 އަދި އޭ ލެވެލްގައި ކިޔަވާ ދަރިވަރުން ސްކޫލަށް ދާން ބާރުއަޅަ އެވެ.

ސްކޫލުތައް ރައްކާތެރި

މާލެ ސަރަހައްދުގެ ސްކޫލަކުން ވާހަކަދެއްކެވި ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާއި އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައިވާ އުސޫލުތަކަށް ހުރިހާ ސްކޫލަކުން އަމަލުކުރާ ކަމަށެވެ. ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެންމެ ރަނގަޅަށް އަޅަމުން އަންނަނީ ވެސް ސްކޫލުތަކުންނެވެ.

ހުރަވީ ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލަށް ވަނުމަށް ކިއު ހަދާލާފައި.-- ފޮޓޯ: ހުރަވީ ސްކޫލު

ހުރަވީ ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލަށް ވަނުމަށް ކިއު ހަދާލާފައި.-- ފޮޓޯ: ހުރަވީ ސްކޫލު

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ހާލަތުގައި އެންމެ ރަނގަޅު ފިޔަވަޅުތަކެއް އެޅިފައި ހުރީ ސްކޫލުތަކުގައި. އެހެންވީމަ ސްކޫލުތަކުން ބަލި ފެތުރުމުގެ ނިސްބަތަށް ބަލާއިރު ވެސް، ވޭތުވެދިޔަ ތަނުގައި ވަކި ބޮޑު ކްލަސްޓާތަކެއް އުފެދިގެން ދިޔަ މަންޒަރެއް އަޅުގަނޑުމެންނަކަށް މިހާތަނަށް ފާހަގަކުރެވިފައެއް ނެތް. މި ހުރިހާ ކަމަކަށް ވެސް ވިސްނާއިރު ސްކޫލުތައް ހުރީ މި ކަންކަމަށް ތައްޔާރުވެފައި،" އޭނާ ވިދާޅުވި އެވެ.

"ސްކޫލުތައް ބަންދުވެގެން ދިޔައިމަ ހިތް ނުތަނަވަސް ވެގެންދޭ. އުއްމީދުކުރަނީ ކައިރި މުސްތަގުބަލެއްގައި ދަރިވަރުން ސްކޫލަށް އައިސްގެން، މުދައްރިސުންނާ އެކު ކިޔެވޭނެ މާހައުލެއް ގާއިމްވެގެން ދިއުން. ސްކޫލު ކުދިން ވަރަށް ދަތި އުނދަގޫތައް ވޭތުވެދިޔަ ތަނުގައި، ކޮވިޑް ފެށުނީއްސުރެ މިހާތަނަށް ތަހައްމަލް ކުރަމުން މި އަންނަނީ."

އޭނާ ވިދާޅުވީ މާލޭގެ ގެދޮރުގެ ތާށިކަމާއި އާންމުންގެ ކެރިފޯރުންތެރިކަމަށް ބަލާއިރު އޮންލައިންކޮށް ކިޔެވޭނެ ވަސީލަތްތަކެއް ނުހުރެ އެވެ.

ސްކޫލު މާހައުލާ ދުރުގައި ދަރިވަރުން ގިނަ ދުވަސްތަކެއް ހޭދަކުރުމަކީ ވެސް ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމެކެވެ.

ކުރިން ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވީ މާލޭގައި ކޮވިޑުގެ ހާލަތު ގޯސްވަމުންދާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ހަފުތާގެ ދެ ތިން ދުވަހު ނަމަވެސް ސްކޫލަށް ދަރިވަރުން ހާޒިރުވުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަން ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރު ގިނަ ދަރިވަރުންނަށް ރަނގަޅަށް ކިޔަވައި ނުދެވުމުގެ ސަބަބާ އެކު، އެޑިއުކޭޝަން މިނިސްޓްރީން ނިންމީ މިދިޔަ އަހަރުގެ ދިރާސީ އަހަރު އިތުރު ހަ މަހަށް ދަންމާލާށެވެ. މިހާރު ހިނގަމުންދަނީ އެ އިތުރުކުރި ހަ މަހެވެ. މި އަހަރުގެ ދިރާސީ އާ އަހަރު ފަށަން ހަމަޖައްސާފައިވަނީ އަންނަ އޮގަސްޓް މަހު އެވެ.

ތައުލީމީ ދާއިރާގެ އެހެން ބޭފުޅަކު ވިދާޅުވީ ދިރާސީ އަހަރަށް އިތުރު ހަ މަސް އިތުރުކުރީ ވަރަށް ގިނަ މަޝްވަރާތަކަށްފަހުގަ އެވެ. އެކަމަކު ކޮވިޑާ ހެދި އަނެއްކާ ސްކޫލުތައް ބަންދުކުރުމަކީ، މުއްދަތު އިތުރުކުރުމުގެ މަގުސަދު ހާސިލްވުމަށް ދުރުގައި އޮތްކަމެއް ކަމަށް ވިދާޅުވި އެވެ. އެކަމަކު، ދަރިވަރުންނަށް ރަނގަޅު ގޮތްތަކެއް ހެދުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ފަހުން ސްކޫލުތައް ބަންދުކުރި ފަހުން ވެސް ޕްރީސްކޫލުން ފެށިގެން ސްކޫލަށް ދާ އެކި އުމުރުގެ ކުދިން ކޮވިޑަށް ޕޮޒިޓިވްވި އެވެ. އޭގެ ކުރިއަށް، ސްކޫލުތައް ދޮޅު މަހަށް ބަންދުކުރި މުއްދަތުގައި ވެސް އެކި ގްރޭޑުގައި ކިޔަވާ ކުދިން ޕޮޒިޓިވްވި އެވެ. އެކަމަކު އެއްވެސް ސްކޫލެއްގައި ބަލި ފެތުރިފައެއް ނުވެ އެވެ.

ސްކޫލުތަކުގެ އިސް ވެރިންގެ އަނެއް ކަންބޮޑުވުމަކީ، ޕާކުތަކާއި ދުވާ ޓްރެކާއި ކެފޭ/ރެސްޓޯރެންޓް ފަދަ، ކޮވިޑުން ރައްކާތެރިވުމުގެ ހަރުދަނާ އުސޫލުތަކަށް އަމަލުކުރަމުން ނުދާ ތަންތަން ހުޅުވުމުގެ ހުއްދަ އޮތުމެވެ.

ސްކޫލުތައް ހުޅުވުން ވަރަށް މުހިއްމު

ދެ ކުދިންގެ މަންމަ އަދި އައިލެންޑާސްގެ ސްޕެޝަލް އެޑިއުކޭޓާ އައިޝަތު ލުބާ ވިދާޅުވި ގޮތުގައި ސްކޫލަކީ ކުދިންގެ އުޅުމަށާއި މުސްތަބުލަށް ވަރަށް މުހިއްމު ތަނެކެވެ. އެކަމަކު ބައްޔާ ގުޅިގެން ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނަސް ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔެވުމާ ވަރަށް ތަފާތުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައި ހުންނެވިއަސް ގޭގައި ކުދިންނަށް ކިޔަވައިދިނުން ލުބާއަށް ވެސް ފަސޭހައެއް ނުވި އެވެ.

ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް ކުލާހުގައި ކިޔަވަނީ: ބަލިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާ އެކު ދަރިވަރުން ތިބެން ޖެހެނީ ތިން ފޫޓު ދުރުގައި.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް ކުލާހުގައި ކިޔަވަނީ: ބަލިން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާ އެކު ދަރިވަރުން ތިބެން ޖެހެނީ ތިން ފޫޓު ދުރުގައި.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

"އަސްލު ސްކޫލު އެހާ ބޮޑު ބްރޭކެއް އައިމަ ވަރަށް ބޮޑު އަސަރެއް ކުރާނެ. މިހެން ވާނެ ކަމެއް ނޭނގެ. ގަވައިދުން ސްކޫލަށް ދާ ކުއްޖެއް ވީމަ އެ ރޫޓިންގައި އެ ކަންކަން ކުރާނެ. އެކަމަކު އެހާ ބޮޑު ބްރޭކެއް އައިމަ އިހުސާސްވީ ސްކޫލުގެ މުހިއްމުކަން،" ސައިކޮލޮޖީން ޑިގްރީ ހާސިލްކޮށްފައިވާ ލުބާ ވިދާޅުވި އެވެ.

އެސެސްމަންޓު ހަދައި ގްރޭޑު ބަދަލުވެދާނެ ކަމަށާއި އެކަމަކު ރަނގަޅު މާހައުލެއް ފޯރުނުކޮށްދެވޭ ނަމަ ކުދިންނަށް ކަންކަން ދަހެއް ނުވެ އެވެ. އެހެން ގައުމުތަކުގައި ގޭގައި ކިޔަވައިދީގެން އިތުރު ފުރުސަތުތައް ފަހިކޮށްދިނަސް ރާއްޖެ ފަދަ ކުދި ތަންތަންކޮޅުގައި އުޅެމުން ހޯމް ސްކޫލިން ގެންދަން އުނދަގޫވާނެ އެވެ.

އާ ކަރިކިއުލަމާ އެކު ކުދިންނަށް ކިޔަވައިދެވޭ ގޮތް ބަދަލުވެ، އެކަމަށް ޓީޗަރުން އަދި ފުރިހަމައަށް ހޭނިފައެއްނުވެ އެވެ. އެހެންކަމުން ކޮވިޑަކީ ދިމާވާނެ އިތުރު ގޮންޖެހުމެކެވެ. އެއްވެސް މީހަކު ހުރީ މިފަދަ ހާލަތަކަށް ތައްޔާރުވެގެން ނޫނެވެ.

"އަޅުގަނޑަށް ހީވަނީ މިހާރު ސްކޫލަށް ކުޑަކުދިން ވިޔަސް، މިސާލަކަށް ގްރޭޑު 1 އިން ފެށިގެން އެންމެ ރަނގަޅު ފުރުސަތަކީ އެ ކުދިން ސްކޫލަށް ދިއުމޭ. އަމިއްލަ ތަޖުރިބާގައި ބުނެލާ ނަމަ ކުދިން ފޮލޯކުރޭ [ރައްކާތެރިވުމަށް އަޅާފައިވާ] ފިޔަވަޅުތައް،" ލުބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޫލަށް ނުފޮނުވައި ދިގުލައިގެން ދިއުމުގެ އަސަރު ވަރަށް ބޮޑުވާނެ ކަމަށެވެ. އޭގެ ގެއްލުން މި ވަގުތު ނޭނގިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.