21 ސެޕްޓެމްބަރ 2020
ބައެއް ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުދިންގެ ފަރާތުން ފެންނަ ތަފާތުތަކެވެ. ނުވަ އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕައަކު ބުނީ މީގެ ކުރިން ފަސް އަހަރުގެ ކޮއްކޮއާ އެކު ކުޅެ، މަޖާކޮށް ސަކަރާތް ޖަހައި އުޅުނު އުޅުން ބަދަލުވެއްޖެ ކަމަށެވެ. ކިޔެވުން މަތިން ވެސް ފޫހިވެއްޖެ އެވެ.
ބައެއް ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުދިންގެ ފަރާތުން ފެންނަ ތަފާތުތަކެވެ. ނުވަ އަހަރުގެ އަންހެން ކުއްޖެއްގެ ބައްޕައަކު ބުނީ މީގެ ކުރިން ފަސް އަހަރުގެ ކޮއްކޮއާ އެކު ކުޅެ، މަޖާކޮށް ސަކަރާތް ޖަހައި އުޅުނު އުޅުން ބަދަލުވެއްޖެ ކަމަށެވެ. ކިޔެވުން މަތިން ވެސް ފޫހިވެއްޖެ އެވެ.
މި ދުވަސްކޮޅު ރަށުގައި އުޅޭތީ، މާލެއާ ހިލާފަށް ބޭނުން އިރަކު ބޭރަށް ނުކުމެ ކުޅުމުގެ ފުރުސަތު އެބަ ލިބެ އެވެ. އެކަމަކު އެ އަންހެން ކުއްޖާ އިހުތިޔާރުކުރީ އެކަހެރިވެ، އަމިއްލަ އަމިއްލައަށް ހުރިހާ ކަމެއް ކުރާށެވެ.
"ވަރަށް ބޮޑަށް ކަންބޮޑުވޭ އަމިއްލައަށް އައިސޮލޭޓްވާތީވެ. އެ އުމުރުގައި ބޭނުންވަނީ ސްކިލްސް ދަސްކޮށްދޭން، މި ބުނީ މީހުންނާ އެކީ އުޅެން، މީހުންނާ ވާހަކަދައްކައި އެހެން ކުދިންނާ ގުޅިގެން ކުރާ ކަންތައްތައް ކުރަން،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ބައްޕަ ބުންޏެވެ.
"މިހާރު ގެއަށް ކަޒިންސް އަޔަސް އެހާ ބޮޑަށް އެމީހުންނާ ޖޮއިންއެއް ވެސް ނުވޭ ފަސޭހައިން. ކުރީގައި ވިއްޔާ ދެ ތިން ދުވަހަކު ދިޔަ ކުއްޖަކާ އެކު ކުޅެން. މިހާރު ވާހަކަދައްކަން ވެސް ލަދުގަނޭ."
ޓެލިކިލާސް މެދުވެރިކޮށް ދަރިވަރަކު ކިޔަވަނީ: މާލެ ސަރަހައްދުގައި މިދުވަސްވަރު ކިޔަވައިދެނީ މި ގޮތަށް -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އޭނާ ބުނީ އާއިލާ މީހުންނާ ވެސް ބައްދަލުކުރުމަށް ދޮށީ ކުއްޖާ މީގެ ކުރިން ހުންނަނީ ކެތްމަދުވެފައި ކަމަށެވެ. އެކަމަކު މިހާރު އެކަހަލަ އެއްވެސް ކަމެއް ނެތެވެ.
"މިހާރު އައިސޮލޭޓްވާން ބޭނުންވަނީ. ތަނަކަށް ދިޔަސް އެކަނި، މީހުން މަދު ތަންތަނަށް ދާން ބޭނުންވާނީ. ދެން އެ މީހުންނަށް ތިބޭނީ ފާޑަކަށް ފޯބިޔާއަކަށް ވެފައި ކްރައުޑް. އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،" އެ ބެލެނިވެރިޔާ ބުންޏެވެ.
ކޮވިޑް-19ގެ ސަބަބުން މާލޭގެ ސްކޫލްތައް ބަންދުކޮށްފައި ގިނަ ދުވަސްތަކެއް ވުމުން، ނަފުސާނީ ގިނަ މައްސަލަތަކެއް ބައެއް ކުދިންނަށް ދިމާވެ އެވެ. ކުރިއަށް ވުރެ ރުޅިގަދަވުމާއި ހިޔާލީ ދުނިޔެއެއްގައި އުޅުމާއި އަމިއްލައަށް ވާހަކަދެއްކުން ފަދަ ކަންކަން ވެސް ބައެއް ކުދިންގެ ކިބައިން ފެނެ އެވެ. ބައެއް ރޭރޭ ދަންވަރު 2-3 ޖަހަންދެން ނުނިދައި ހޭލާ އުޅުމަކީ ވެސް، ބައެއް އާއިލާތަކުގެ ކަންބޮޑުވުމެކެވެ.
އެކަމަކު "މިހާރު"އާ ވާހަކަ ދެއްކި ބައްޕަ ބުނީ ދޮށީ ދަރިފުޅާ ހިލާފަށް ހަގު ކުއްޖާގެ އުޅުމަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށެވެ. އޮންލައިންކޮށް ކިޔަވައިދޭ ކްލާސްތަކުގައި ވެސް ވަރަށް ކިޔަވާ ހިތުން އޭނާ ބައިވެރިވާކަން ފާހަގަކުރި އެވެ.
ޑިސްލެކްސިއާގެ ސަބަބުން ކިޔެވުމުގައި ދަތިތަކެއް ހުރި ހަތް އަހަރުގެ ފިރިހެން ކުއްޖެއްގެ އުޅުމަށް އައި ބަދަލުތަކުން މަންމައަކު ހުރީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އެގޮތުން ރަނގަޅަށް ނުކެއުމާއި ޓެބްލެޓް ފަދަ އެއްޗެހި ބޭނުންކުރުމުގައި ގިނަ ވަގުތު ހޭދަކުރުން ފަދަ ކަންތައްތަކުގެ ސަބަބަބުން، ސްކޫލުން ހަވާލުކުރާ ފިލާވަޅުތައް ދަރިފުޅު ލައްވާ ހައްދުވަން އުނދަގުލެވެ.
އޭނާގެ މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސްކޫލް ހުޅުވުން ދިގުލައިގެން ދާ ނަމަ ކިޔެވުމުގެ މަތިން ދަރިފުޅު އެއްކޮށް ފޫހިވުމުގެ ބިރެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން މާލޭ ސަރަހައްދުގެ ސްކޫލުތައް ބަންދުކުރިތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ހިސާބެއްގައި ގްރޭޑު 1-12ގެ ދަރިވަރުންނަށް އަންނަނީ ޖުލައި މަހުން ފެށިގެން ކިޔަވައިދެމުންނެވެ. މާލޭގައި އެންމެ ފުރަތަމަ ކިޔަވައިދޭން ފެށީ ގްރޭޑު 9 އިން މަތީގެ ދަރިވަރުންނަށެވެ. އެކަމަކު ކޮވިޑު ޖެހޭ މީހުން އިތުރުވާން ފެށުމުން މިިދިޔަ މަހުގެ 9 އިން ފެށިގެން މާލެ ސަރަހައްދުގައި ކިޔަވައިދެނީ އޮންލައިންކޮށެވެ.
ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް: މިހާރު އެކި ކަންކަން ދަސްކުރަން ޖެހިފައި މި އޮތީ ގޭތެރޭގައި
މާލޭގެ ސްކޫލެއްގައި ކީ ސްޓޭޖް ފަހަކަށް ކިޔަވައިދޭ ޓީޗަރަކު ބުނީ ސްކޫލުތައް ނުހުޅުވި މިދާ ދުވަސްތައް ދިގުލައިގެން ދިއުމުގެ ސަބަބުން ކުދިންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން އެކި މަސައްކަތް ކުރަން ފޫހިވުމާއި ކިޔަވަން ދޭން ޖެހޭ ސަމާލުކަން ނުލިބޭތީ އެކަން ބެލެނިވެރިން ހިއްސާކުރާ ކަމަށް ބުންޏެވެ.
އޭނާ ބުނީ ކުދިން ބޭނުންވާނީ ކްލާހުގެ އެހެން ކުދިންނާ ބައްދަލުކޮށް ވާހަކަދައްކާ ހަދާށެވެ. ނަމަވެސް ސްކޫލަށް ނުދެވެންޏާ އެ ފުރުސަތު ނުލިބުމުން އިތުރު މައްސަލަތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
"ވަރަށް ގިނަ ކުދިން ޑިޕްރެޝަން ކަހަލަ ކަންތައްތައް އެބަ އުޅޭ. އެނގޭ ފުދޭވަރަކަށް ގިނަ ކުދިން، ގޭގައި ބަންދުވެ ބޯ ހަމަޖައްސައިނުލެވޭނެ އެމީހުންނަކަށް،" އެ ޓީޗަރު ބުންޏެވެ.
އެ ޓީޗަރު ބުނިގޮތުގައި ދަރިވަރުންނާ ގާތް ގުޅުމެއް ބޭއްވުމުން، ބެލެނިވެރިން ގާތު ބުނަން ފަސްޖެހޭ ވާހަކަތައް ވެސް ޓީޗަރުންނާ ހިއްސާކުރެވޭނެ އެވެ. އެކަމުގެ ސަބަބުން، ނަފްސާނީގޮތުން ދަރިވަރުންނަށް ދިމާވާ ބައެއް ކަންކަމަށް ލުއެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެންދާނެކަން އޭނާ ފާހަގަކުރި އެވެ.
"އަޅުގަނޑުގެ ދަރިފުޅުގެ ޓީޗަރު ގުޅާލީމަ ވެސް ވަރަށް އުފާވާނެ، ވާހަކަދައްކާނެ. ޒޫމް މީޓިންގައި ވެސް ޓީޗަރު ފެންނަންޏާ ވެސް، ކުދިން ފެނި އަޑު އިވެންޏާ ވެސް ކޮންމެ ވެސް ވަރަކަށް ހިތްހަމަޖެހޭނެ ދޯ. އެކަމަކު ވަރަށް ބޮޑަށް ބިހޭވިއޭ ޗޭންޖުވެފައި ހުރީ،" އެ ޓީޗަރު ބުންޏެވެ.
އޮންލައިންކޮށް ކިޔަވައިދިނުމަށް ވުރެ ކްލާހުގައި ކިޔަވައިދޭން ފަސޭހަ އެވެ. އޭނާގެ ގިނަ ދަރިވަރުން ތިބީ ސްކޫލަށް ދާން ކެތްމަދުވެފަ އެވެ. އެކަމަކު ހާލަތު ނިޔާކުރާ ގޮތުން އެ ފުރުސަތެއް ނެތެވެ.
ސައިކޮލޮޖިސްޓް ނަދާ ޝަރީފް ވިދާޅުވި ގޮތުގައި ސްކޫލަށް ދިއުން ހުއްޓާލުމާ އެކު ކުދިންގެ ރޫޓިންތަކުން ބޭރުވެ ކުދިންގެ އުޅުމަށް ބަދަލު އަންނާނެ އެވެ. ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކަކީ ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ އުޅުމަށް ވަރަށް މުހިއްމު ކަމެކެވެ. އެހެން ކުދިންނާ އެއްކޮށް ކުޅުމާއި އަމިއްލަ އަށް ވެސް ފިޒިކަލް ހަރަކާތްތަކުގައި ބައިވެރިވުމަކީ ކުދިންގެ އޯވަރޯލް ޑިވެލޮޕްމަންޓަށް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިމާދުއްދީން ސްކޫލުގައި މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއް: ކޮވިޑާ އެކު މި ގޮތަށް ބައްދަލުވެ މިހާރަކު ނޫޅެވޭ
ނަމަވެސް ގޭތެރޭގައި ބަންދުވެ ތިބެން ޖެހުމުން އުޅުމަށް ބަދަލުތަކެއް އާދެ އެވެ. އޭގެ ތެރޭގައި ރުޅިގަދަވުމާއި ޑިމާންޑު ކުރާ ކަންކަން ހާސިލްނުވެއްޖެ ނަމަ ހިތްހަމަނުޖެހުމާއި ހާއްސަ އެހީތެރިކަން ބޭނުންވާ ކުދިން، މިސާލަކަށް އޭއެޗްޑީ ނުވަތަ އޯޓިޒަމް ހުންނަ ކުދިންގެ ބިހޭވިއާގެ މައްސަލަތައް ވެސް އިތުރުވެ އެވެ.
"ރުޅިއައިސްގެން ބައެއް ކުދިންގެ ނިދުމަށް ވަރަށް ބޮޑެތި ބަދަލުތައް އައިސްފައި، ނިދާ ގަޑި ބަދަލުވުމާއި ނިދަން އުނދަގޫވުމާއި ދެން އަވަސް އަވަހަށް ހޭލެވުން. ކޮވިޑާ އެކު ވެސް ބައެއް ކުދިންނަކީ އޭގެ ޒާތުގައި ހާސްވެ ބިރުގަންނަ ކުދިން. އެހެންވީމަ ކުއްލިއަކަށް މިކަހަލަ ކަމެއް ދިމާވީމަ ޕޭރެންޓުގެ ފަރާތުން ވެސް އެކްސްޕްލެއިން ކޮށްދިނުން މުހިއްމު،" ނަދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައެއް ބެެލެނިވެރިން، ދަރިވަރުންނަށް ރަނގަޅަށް ވިސްނައިދިން ކަމަށް ވިއަސް އަނެއް ބައި ބެލެނިވެރިންނަށް ކޮވިޑާ އެކު ދިމާވެފައިވާ މި ހާލަތު އެހާ ރަނގަޅަށް ކިޔައިނުދެވެނީ ކުދިންނަށް އަސަރުކޮށްފާނެތީ އެވެ.
އޭނާއަށް ފާހަގަކުރެއްވެނީ ސްކޫލުގައި ރަނގަޅަށް ކިޔަވައި ނަތީޖާ ހޯދާ ކުދިން ވެސް އޮންލައިންކޮށް ކިޔަވަަން ޖެހުމުން އެ ބަދަލަށް މާ ބޮޑު ޝައުގުވެރިކަމެއް ނެތް ކަމެވެ. އެއާ އެކު އުޅުން ބަދަލުވެ، ހަވާލުކުރާ މަސައްކަތްތައް ނިންމަން ކުރިން އޮންނަ ޝައުގާއި ޖޯޝް ގެއްލޭ ކަމަށް ވެސް ނަދާ ވިދާޅުވި އެވެ.
ކުޑަކުދިންނަށް ބޮޑަށް އެއްޗެހި ދަސްކޮށްދޭނީ ކުޅިވަރުގެ ތެރެއިންނެވެ. އެހެންކަމުން ސްކޫލަށް ނުދެވުމަކީ ވަރަށް ބޮޑު ގެޕެއް އަންނާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އެ ކުދިންނަށް ބޮޑަށް އަންނަނީ ސޯޝަލް އިމޯޝަނަލް އަދި ފިޒިކަލް ޑިވެލޮޕްމަންޓް. ޕްރީ ސްކޫލުގައި އެއްކޮށް ކިޔަވާ ކުދިންނާއި އެހެން ކުދިންނާ ދިމާވެ ސޯޝަލް ސްކިލްސް މި ހުރިހާ އެއްޗެއް ލާންކުރާ އުމުރު އެއީ. އެހެންވެ ވަރަށް ބޮޑު ގެޕެއް މި އަންނަނީ،" ނަދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަކިން އުޅުމުގެ ސަބަބުން އެހެން ކުދިންނާ ބައްދަލުނުވެ ސޯޝަލް ޑިވެލޮޕްމަންޓުގެ ބައި ވަރަށް ބޮޑަށް ދަށްވެގެންދާނެ އެވެ. އެހެން ދިމާވުމުން ރުޅިއަކީ ވެސް މުއާމަލާތް ކުރުމުގެ ގޮތެއް ކަމަށާއި ތަންކޮޅެއް ކުޑަކުއްޖެއް ނަމަ ބަހުން އެ ކުއްޖާގެ އިހުސާސްތައް ބަންޑުން ނުކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.
"ދެން ރުޅި އައިސްގެން މި ބުނަނީ މިސާލަކަށް ގޭގައި ހުންނާކަށް ބޭނުމެއް ނުވެއޭ،" ތިބާ ސައިކޮލޮޖީ ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރައްވާ ނަދާ ވިދާޅުވި އެވެ.
ސްކޫލު ކުދިންގެ އިތުރުން ކޮލެޖު ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް ބުރަ ބޮޑުވެ އެކި މައްސަލަތައް ދިމާވެގެން ތެރަޕީ ނެގުން ވަނީ އިތުރުވެފަ އެވެ.
ނަަދާ ވިދާޅުވީ ޖުމްލަކޮށް ހުރިހާ ކުދިންގެ އުޅުމަށް ވެސް މި ބަލި މަޑުކަމުގައި ބަދަލުތައް އައިސްފައިވާ ކަމަށެވެ.
މާލޭގެ ބޮޑު ސްކޫލެއްގެ ކައުންސެލަރަކު ވިދާޅުވި ގޮތުގައި މިފަދަ ހާލަތެއްގައި އެކި ކުދިންގެ ރިއެކްޝަން އަންނަ ގޮތް ތަފާތުވާނެ އެވެ. އިތުރު ފިޔަވަޅެއް ނުވަތަ ބަދަލެއް ގެނައުމުގެ ކުރިން އެ ކުއްޖަކަށް އެ ރިއެކްޝަނެއް އައި ގޮތް ފުރަތަމަ ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ލޮކްޑައުނާ ގުޅުން ހުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެނގޭނީ އޭރުން ކަމަށް ވިދާޅުވި އެވެ.
ބެލެނިވެރިންނަށް ވެސް މިއީ ތަފާތު ހާލަތެކެވެ. އެކަމަކު ކުދިންނާ އެކު ތިބިކަމުގެ ޔަގީންކަން ބެލެނިވެރިންގެ ފަރާތުން އެ ކުދިންނަށް ލިބެން ޖެހޭނެ އެވެ. އޭރުން ކަމެއް ބޭނުންވިޔަސް ނުވަތަ އެހީއެއް ބޭނުންވި ނަމަވެސް އެކަން ބެލެނިވެރިޔާއާ ހިއްސާކޮށް، މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ވެގެންދާނެ ކަމަށް، ކައުންސެލަރު ވިދާޅުވި އެވެ.
"ކުއްޖާއަށް ޕުޝްނުކޮށް އެ ކުދިންނާ އެކު އެބަ ތިބިކަން އަންގައިދޭންވީ. އެއީ ކަންނޭނގެ އެންމެ ރަނގަޅު އޮޕްޝަންއަކަށް އޮންނާނީ،" އޭނާ ވިދާޅުވި އެވެ.
މި ކަހަލަ ދަނޑިވަޅެއްގައި ދޭން ނުޖެހޭނެ ޕްރެޝަރު، ބައެއް ބެލެނިވެރިން ދަރިންނަށް ދެ އެވެ. އެކަމަކު މިއީ އާއްމު ހާލަތެއް ނޫންކަން ބެލެނިވެރިޔާއަށް ވެސް އެނގެން ޖެހޭނެ އެވެ.
"ކުރީގައި ވިއްޔާ އިންނާނެ އެ ކުދިންގެ ސޯޝަލް ސާކަލް. ސްކޫލަށް ގޮސްފައި ސޯޝަލައިޒްވާން ޗާންސް ލިބޭ. އެކަމަކު މިހާރު އެ ކަމެއް ނެތް. ހުރިހާ ކަމަކަށް ވެސް މި ހުންނަނީ ގޭތެރޭގައި އެކަނިވެފައި އަނެއްހެން ބުނަންޏާ،" ކުރިން ވާހަކަ ދެއްކެވި ކައުންސެލަރު ވިދާޅުވި އެވެ.
ނިއު ނޯމަލްގައި ހިރިޔާ ސްކޫލުގައި ކިޔަވައިދެނީ.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
ކުދިންނަށް ގޭގައި ތަފާތު މަސައްކަތް ހަވާލުކުރުން މުހިންމެވެ. މިސާލަކަށް ރޮށި ފިހާއިރު ފުށްގަނޑު މޮޑެން ހަވާލުކުރެވިދާނެ އެވެ. ގޭތެރެ ފޮޅައި ސާފުކުރުމުގައި ބައިވެރިކުރެވިދާނެ އެވެ.
މާ ބޮޑު ކުޅިވަރެއް ނުވަތަ ހަރަކާތެއް ނުހިންގިއަސް މައިންބަފައިންނާއި މާމަ/ކާފައިން، އެ މީހުންގެ އިހުޒަމާނު ވާހަކަތައް ކިޔައިދިނުމަކީ ކުދިންގެ ޝައުގުވެރިކަން ބޮޑުވާނެ ކަމެކެވެ.
ބައެއް ކުދިންގެ އުޅުމަށް ބަދަލުތަކެއް އަޔަސް، ލޮކްޑައުން އުވާލައި ސްކޫލުތައް އަލުން ހުޅުވާއިރު އަނެއްބައި ކުދިން އަނބުރާ ސްކޫލަށް ދާނީ އާ ކަންތައްތަކެއް ދަސްކޮށްގެންނެވެ. އެކަމަކު މީގައި، މައިންބަފައިން ވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ، އެކަހެރިވެ، އެހެން މީހުންނާ ދުރުވާން އުޅޭ ކުދިންނަށެވެ. ތަޖުރިބާކާރުންގެ ލަފާގެ މަތިން އެ ކުދިންނާ މެދު ހާއްސަ ގޮތަކަށް ބަލަން ޖެހޭނެ އެވެ.
ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދޭން ހޮޓްލައިނެއް
ޓީޗަރުންނާއި، ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތަކެއް
އެންމެ ރައްކާތެރީ ސްކޫލްތައް، އެކަމަކު ބަންދު
މިއީ ދަރިވަރުންނަށް ޕްރެޝަކުރަންވީ ވަގުތެއް ނޫން
ކިޔެވުން އޮންލައިންކޮށް، އިންޓަނެޓަކަށް ނުވަދެވޭ
"ސްކޫލަށް ފޮނުވާ، ރައްކާތެރިކަން ޔަގީންކޮށްދޭނަން"
ގަޑިޖެހިގެން ކުދިން ބަލައި ދާ ނަމަ ޖޫރިމަނާކުރަނީ
ކުރިއަށްދާނެ ދާއިރާއެއް މަޖުބޫރުކޮށްގެން ނުވާނެ: ރައީސް
ފޮތް ދަބަސް ހަމަ ބަރު، ހައްލެއް ނެތީތަ؟
ދަރިވަރުން ބެހި ގޮތުން ބެލެނިވެރިން ހިތްހަމަނުޖެހިފައި!