Roadha Mihaaru
ފޮތް ދަބަސް ހަމަ ބަރު، ހައްލެއް ނެތީތަ؟

ފޮތް ދަބަސް ހަމަ ބަރު، ހައްލެއް ނެތީތަ؟

11 މާޗް 2019

ސްކޫލުތައް ޑިޖިޓައިޒްކޮށް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށަން ނިންމުމުން ގިނަ ބަޔަކަށް ހީކުރެވުނީ ދަރިވަރުންގެ ފޮތް ދަބަސް ބަރުވުމުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެކަމަކު އެއިން އެއްވެސް ކަމަށް ހައްލެއް ނުލިބި، އެ ކަންބޮޑުވުންތައް ހަމަ އޮތްތާނގައި އޮތީ އެވެ. ސްކޫލަށް ގެންދަންޖެހޭ އެއްޗެހި ދިޔައީ އިތުރުވެގެންނެވެ. ކިޔަވަން ބޭނުންކުރާ ފޮތްތަކުގެ އިތުރުން ބައެއް ގްރޭޑްތަކުގައި ޓެބްލެޓު ވެސް މިހާރު ގެންދަންޖެހެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލުތައް ޑިޖިޓައިޒްކޮށް ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށަން ނިންމުމުން ގިނަ ބަޔަކަށް ހީކުރެވުނީ ދަރިވަރުންގެ ފޮތް ދަބަސް ބަރުވުމުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެކަމަކު އެއިން އެއްވެސް ކަމަށް ހައްލެއް ނުލިބި، އެ ކަންބޮޑުވުންތައް ހަމަ އޮތްތާނގައި އޮތީ އެވެ. ސްކޫލަށް ގެންދަންޖެހޭ އެއްޗެހި ދިޔައީ އިތުރުވެގެންނެވެ. ކިޔަވަން ބޭނުންކުރާ ފޮތްތަކުގެ އިތުރުން ބައެއް ގްރޭޑްތަކުގައި ޓެބްލެޓު ވެސް މިހާރު ގެންދަންޖެހެ އެވެ.

ބައެއް ސްކޫލުތަކުގައި ކްލާސްރޫމުތައް ބަހާފައި އޮންނަގޮތުން ކީ ސްޓޭޖް އެކެއް (ގްރޭޑް 1،2،3) ގެ ދަރިވަރުން ތިން ވަނަ ނުވަތަ ހަތަރު ވަނަ ބުރިއަށް ވެސް ގާތްގަނޑަކަށް އަށެއްކަ ކިލޯގެ ބަރު ފޮތް ދަބަހާ އެކު އަރަން ޖެހެ އެވެ. ބެލެނިވެރިންނަށް ދަބަސް ހިފައިގެން ކްލާސްރޫމާ ހަމައަށް ދެވޭނެ ގޮތެއް ނޯވެ އެވެ. އެހެންވެ މިއީ ހައްލު ނުލިބި އޮތް ދުވަސްވީ މައްސަލައެކެވެ.

ފެންނަނީ ޖީލެއް ހަލާކުވެގެންދާތަން، އަވަސް ހައްލެއް ބޭނުން!

ކަށީގެ ޑޮކްޓަރު ހުސެއިން ޝަކީލް ވިދާޅުވީ ނުވަ އަހަރުން ފެށިގެން ފުރާވަރު އުމުރުގެ ކުދިން ގައިގައި ރިއްސާތީ ފުދޭވަރަކަށް ގިނައިން ދައްކަން ދާ ކަމަށެވެ. ބަރުދަބަސް އުފުލައިގެން އެކަމުގެ އަސަރު ޅައުމުރުގައި ނުފެނުނު ކަމުގައި ވިއަސް ގެއްލުން ފެންނާނީ މެދު އުމުރާ ހިސާބަށް ދިއުމުން ކަމަށް ވިދާޅުވި އެވެ. އެހެންވެ އެއީ ގައުމީ ފެންވަރުގައި އިދާރާތަކުން ވިސްނައިގެން އަވަސް ހައްލެއް ގެންނަންޖެހޭ ކަމެއް ކަަމަށް ވިދާޅުވި އެވެ.

"ބޮޑު ކަންބޮޑުވުމެއް އެއީ. ޖީލެއް ހަލާކުވެގެން ދާތަން މި ފެންނަނީ މަޑުމަޑުން. [ދަބަސް ބަރުވުމުގެ މައްސަލަ އަށް] ފިޔަވަޅުތަކެއް އަޅަން ބޭނުންވޭ، އެކަމަކު ފިޔަވަޅު ނޭޅޭތަން މި ފެންނަނީ،" ދަބަސް ބަރުވުމުގެ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، އޭޑީކޭގައި މަސައްކަތް ކުރައްވާ ޑޮކްޓަރު ވިދާޅުވި އެވެ.

ދަރިވަރަކު ބެލެނިވެރިއަކާއެކު ސްކޫލަށް ދާއިރު، ބެލެނިވެރިޔާ ފޮތް ދަބަސް ހިފައިގެން ދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ދަރިވަރަކު ބެލެނިވެރިއަކާއެކު ސްކޫލަށް ދާއިރު، ބެލެނިވެރިޔާ ފޮތް ދަބަސް ހިފައިގެން ދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ދަބަސް ބަރުވުމުގެ މައްސަލަ އަށް ރަސްމީ ސިފައެއްގައި ހައްލެއް ނުގެނެވޭ ނަމަ، އެކަން ބެލެނިވެރިން ކުރަން ޖެހޭނީ އަމިއްލަ އަށް ވިސްނައިގެންނެވެ. އެގޮތުން ދަރިފުޅުގެ ބަރުދަނަށް ބަލާފައި ފޮތް ދަބަސް ތައްޔާރުކުރުމާއި ދަރިފުޅުގެ ހަށިގަނޑު ވަރުގަދަކުރުުން ފާހަގަކުރެއްވި އެވެ. ޝަކީލަށް ދައްކާ ގިނަ ދަރިވަރުންނަށް ވެސް އޭނާ ދެއްވަނީ އެ އިރުޝާދެވެ.

"ބަރުދަބަސް ނައްތާލެވޭކަށް ނެތް. އެހެންވެ ދަރިވަރުގެ ހަށިގަނޑު ވަރުގަދަކުރަން ކަސްރަތުކުރުން އެންމެ ރަނގަޅީ. އެގޮތަށް ގައިގައި ރިއްސައިގެން ބޭސް ކެއުމަކީ ހައްލެއް ނޫން،" ޝަކީލް ވިދާޅުވި އެވެ.

އިމާދުއްދީން ސުކޫލުގެ ދަރިވަރުންތަކެއް ފޮތް ދަބަސް ކޮނޑުގައި އަޅުވައިގެން މަޑުކޮށްލައިގެން.--- ފޮޓޯ: ނިޝާން އަލީ/މިހާރު

އިމާދުއްދީން ސުކޫލުގެ ދަރިވަރުންތަކެއް ފޮތް ދަބަސް ކޮނޑުގައި އަޅުވައިގެން މަޑުކޮށްލައިގެން.--- ފޮޓޯ: ނިޝާން އަލީ/މިހާރު

ބައެއް ދިރާސާތަކުގައި، ސްކޫލު ދަބަސް، ދަރިވަރުގެ ބަރުދަނަށް ވުރެ 10 ޕަސެންޓް އަދި އަނެއް ބައި ދިރާސާތަކުގައި 15 ޕަސެންޓަށްވުރެ އިތުރުނުވާނެ ގޮތަކަށް ކަންތައް ބަހައްޓަން އިލްތިމާސްކުރެ އެވެ. ރާއްޖޭގައި އެފަދަ ދިރާސާއެއް ހެދިފައި ނެތް ކަމުގައި ވިއަސް، އެ މިންގަނޑަށް ބަލައިގެން ފޮތް ދަބަސް ތައްޔާރުކުރުން މުހިއްމު ކަމުގައި ޝަކީލް ވިދާޅުވި އެވެ.

ހައްލަކީ ސްކޫލުތައް އެއްދަންފަޅި ކުރުން

ބައެއް ސްކޫލުތަކުން ދެކޭގޮތުގައި ފޮތް ދަބަސް ބަރުވުމުގެ މައްސަލަ އަށް ހަގީގީ ހައްލެއް ލިބިގެންދާނީ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކޮށްގެންނެވެ. މިހާރު ދެ ދަންފަޅިއަށް ކިޔަވައިދޭންޖެހޭތީ، ވަގުތު ކުޑަވެ، ގިނަ މާއްދާ ކިޔަވައިދޭން ޖެހޭ ކަމަށާއި އޭގެ ސަބަބުން ދަރިވަރު ސްކޫލަށް ގެންދަންޖެހޭ ފޮތްތައް ގިނަވެގެންދާ ކަމަށް ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ސްކޫލުގެ ގްރޭޑު 1ގެ ދަރިވަރުންގެ ފޮތްތައް ބެހެއްޓޭނެ ގޮތް މީގެ ދެ އަހަރު ކުރިން ހަމަޖެއްސި ކަމަށެވެ. ދަބަހަށް ދެ ފޮތް ލައިގެން ގެންދަން އޭރު ނިންމިއަސް އެކަން އޭރު ރަނގަޅަށް ނުދިޔުމުން ހުއްޓާލީ އެވެ.

"މިކަމުގައި ކަލްޗާ މުހިއްމު ރޯލެއް އަދާކުރޭ. ސްކޫލުގައި ފޮތް ބެހެއްޓޭނެ ގޮތް ހުއްޓަސް ބައެއް މީހުން ބޭނުންވޭ އެ ފޮތްތައް ގެއަށް ގެންދަން. އެކި ދަރިވަރުންނަށް އެކި ގޮތަކަށް ނުހެދޭނެ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ބައެއް ފަހަރަށް އެ ދުވަހަކަށް ބޭނުންނުވާ ފޮތްތައް ވެސް ދަރިވަރުން ސްކޫލަށް ގެންދެ އެވެ. އެހެން ބެލެނިވެރިން ވެސް ފޮތް ދަބަސް ރަނގަޅަށް ޗެކްކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޖަމާލުއްދީނުގައި ދަރިވަރުން ފޮތް ދަބަސް ސްކޫލުގައި ބެހެއްޓޭނެ ކެޕޭސިޓީ ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމިއްލައަށް ތަޖުރިބާކޮށްފިން، ފޮތް ދަބަސް ހަމަ ބަރު،" ހަސަން ވިދާޅުވި އެވެ.

ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވި ގޮތުގައި އެ ސްކޫލުގެ ގްރޭޑު 1-3 ގެ ދަރިވަރުންގެ ފޮތްތައް ބަހައްޓަނީ ސްކޫލުގަ އެވެ. ގޭގައި ފިލާވަޅު ހަދަން ހަވާލުކުރަނީ ހަފުތާގެ ދެ ދުވަހެވެ. އަދި ގްރޭޑު ހަތަރަކުން މަތީގެ ދަރިވަރުން ބޭނުން ނަމަ ސްކޫލުގައި ބެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ.

"ބައެއް ގްރޭޑުތަކަށް ޑިޖިޓަލް ޓެކްސްޓް ފޮތްތައް ތައާރަފުކޮށްފައި ވާނީ. ދަރިވަރުންނާއި ބެލެނިވެރިންގެ ފީޑްބެކަށް ބަލާފައި އިތުރު ގްރޭޑުތަކުގައި ވެސް ޑިޖިޓަލް ޓެކްސްޓް ފޮތް ތައާރަފުކުރެވޭނެ،" ތޯހާ ވިދާޅުވި އެވެ.

ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް، ޓެބްލެޓު ބޭނުންކޮށްގެން ކިޔަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް، ޓެބްލެޓު ބޭނުންކޮށްގެން ކިޔަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހައްލުތަކެއް އެބަ ހޯދަން، ކުރިއަށް އޮތް ތަނުގައި ދަބަސް ލުއިވާނެ: މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި ކޭމްބްރިޖާއެކު ޑިޖިޓަލް ކޮންޓެންޓް ތައްޔާރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ބައެއް ގްރޭޑުތަކުގައި ޑިޖިޓަލް ފޮތްތައް ތައްޔާރުކުރާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ފޮތް ދަބަސްތައް ލުއިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ފޮތްތައް ޑިޖިޓަލްކުރުމަކީ އަޅުގަނޑުމެންގެ ވިސްނުން. އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަރަށް އަވަސް ސްޕީޑުގައި އެބަ ކުރިއަށްދޭ. އުސޫލުތަކެއް ހަދައިގެން އެކަހަލަ ކަންތައްތައް ކުރަންޖެހޭނީ،" ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

އެކަމަކު އެ ވާހަކަ ދެކެވޭތާ ވެސް ގިނަ އަހަރުތަކެއް ވެއްޖެ އެވެ. ފޮތް ދަބަސް ބަރުވުމުގެ މައްސަލައަކީ، އެޑިއުކޭޝަންގެ އިސް ބޭފުޅުން އެކި ފަހަރުމަތިން ފާޅުކުރައްވާފައިވާ ކަންބޮޑުވުމެކެވެ. އެހެން ނަމަވެސް، ހައްލެއް ނުލިބި ދިގުލައި ދަނީ އެވެ.