Roadha Mihaaru
ގަޑިޖެހިގެން ކުދިން ބަލައި ދާ ނަމަ ޖޫރިމަނާކުރަނީ

ގަޑިޖެހިގެން ކުދިން ބަލައި ދާ ބެލެނިވެރިން ޖޫރިމަނާކުރަނީ

17 ޖެނުއަރީ 2020

ގަޑިޖެހިން ސްކޫލަށް ކުދިން ބަލައިދާ ބެލެނިވެރިން ޖޫރިމަނާކުރާ ގޮތަށް އިނގިރޭސިވިލާތުގެ ޕްރައިމަރީ ސްކޫލަކުން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގަޑިޖެހިން ސްކޫލަށް ކުދިން ބަލައިދާ ބެލެނިވެރިން ޖޫރިމަނާކުރާ ގޮތަށް އިނގިރޭސިވިލާތުގެ ޕްރައިމަރީ ސްކޫލަކުން ނިންމައިފި އެވެ.

އެއް ދަންފަޅި އަށް ކިޔަވައިދޭ ގްރޭވްސެންޑް ކެންޓްގައި ހިންގާ ހޮލީ ޓްރިޓިނީ ސްލޫކުން ބުނީ ދުވަހުގެ ކިޔެވުން ނިމޭ ގަޑިއަކީ މެންދުރު ފަހު 3:30 ކަމަށާއި ދަރިވަރުން ބަލައިދާން އެންމެ ލަސްވެގެން ވެސް 5:40 ގައި ސްކޫލަށް ދާން ޖެހޭނެ ކަމަށެވެ. އަދި އެ އެގޮތަށް އަމަލުނުކޮށް ގަޑިޖެހޭ ނަމަ ލަސްވާ ކޮންމެ ފަސް މިނިޓަކަށް 1 ޕައުންޑުން ޖޫރިމަނާކުރާނެ ކަމަށް ބުންޏެވެ.

އަދި ލަސްވާން ދިމާވެދާނެ ކަމަށް ސްކޫލުން ގަބޫލުކުރާނެ އުޒުތަކެއް ވެސް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ބެލެނިވެރިއަކު ބަލިވުމާއި އެކްސިޑެންޓެއްވުމާއި ފެންބޮޑުވުނުން ފަދަ ހާދިސާއެއް ކުރިމަތިވުން ފަދަ ކަންކަން ހިމެނެ އެވެ.

ހޮލީ ޓްރިޓީނީ ސްކޫލުން ބުނީ މިފަދަ އުސޫލެއް ހަމަޖައްސަން މަޖުބޫރުވި ސަބަބަކީ ގަޑިޖެހޭތާ އެތައް އިރެއްވާ ފަހުން ވެސް ބައެއް ބެލެނިވެރިން ކުދިން ބަލައިނުދާ މައްސަލަ ބޮޑުވެ، މީގެ ސަބަބުން ސްކޫލްގެ މެނޭޖްމަންޓަށް ވެސް ދަތިތަކެއް ދިމާވަމުން ދިއުމެވެ.

ސްކޫލްގެ ހެޑް ޓީޗަރު ޑެނިސް ގިބްސް-ނަގޯރް މީޑިއާތަކަށް ވިދާޅުވީ ބައެއް ބެލެނިވެރިން ކުދިން ބަލައިދިއުން ލަސްވާތީ، ދަރިވަރުން ބަލަން ޖެހުމުން ސްކޫލުގެ މުވައްޒަފުންގެ ވަގުތުތައް ބޭކާރުވެ، މިކަމުގެ ސަބަބުން މާލީ ގޮތުން ވެސް ދަތިތަކެއް ދިމާވަމުންދާ ކަމަށެވެ.

"ބައެއް ބެލެނިވެރިން ހައެއް ޖަހައި ބޮޑުވާ ފަހުން ވެސް ކުދިން ބަލައިނާންނަ މައްސަލަ ބޮޑު،" ޑެނިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މީގެ ސަބަބުން ސްކޫލަށް ދަތިތައް ދިމާވުމުގެ އިތުރަށް ދަރިވަރުންނަށް ނަފުސާނީ މައްސަލަތައް ވެސް ކުރިމަތިވެ އެވެ. އެގޮތުން އާންމުކޮށް ބެލެނިވެރިން ލަހުން ބަލައިދާ ދަރިވަރުންގެ ފަރާތުން އެންޒައިޓި އާއި ސްޓްރެސްގެ އަލާމާތްތައް ފެންނަ ކަމަށް ވިދާޅުވި އެވެ.

ހޮލީ ޓްރިނިޓީގެ ސްކޫލްގެ ނިންމުމާ ގުޅިގެން ބެލެނިވެރިންގެ މެދުގައި ވަނީ މަސްހުނި ހިޔާލުތަކެއް ވެސް އުފެދިފަ އެވެ. އެގޮތުން ބައެއް ބެލެނިވެރިން ފާހަގަކޮށްފައިވާ ގޮތުގައި އެ ނިންމުމަކީ ބެލެނިވެރިން ވެސް ވަގުތަށް ކަމޭހިތުމުގެ މުހިއްމުކަން އަންގައިދޭނެ ކަމެކެވެ.

އެކަމަކު ބައެއް ބެލެނިވެރިން ބުނެފައިވާ ގޮތުން ކުދިން ބަލައި ދިއުން އެއްވެސް ބެލެނިވެރިޔަކު ގަސްތުގައި ލަސްކުރާނެ ކަމަށް ގަބޫލެއްނުކުރެވެ އެވެ. އަދި ލަސްވާން ދިމާވުމުގައި އެކި ކަހަލަ ސަބަބުތަކެއް ހުރެދާނެ ބުނެފައިވެ އެވެ.

ހޮލީ ޓްރިނިޓީ ސްކޫލްގެ ނިންމުމާ ބެހޭ ގޮތުން ނެޝަނަލް އެޑިއުކޭޝަން ޔުނިއަން (އެންއީޔޫ) އިން ބުނީ ބައެއް ބެލެނިވެރިން ކުދިން ބަލައިދިއުން ލަސްވާ މައްސަލާގައި ޖޫރިމަނާކުރަން ނިންމުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި އެފަދަ އުސޫލެއް ސްކޫލަކުން ކަނޑައެޅުމަކީ ވެސް ކުރެވިދާނެ ކަމެއްތޯ ސުވާލު އުފައްދާފައިވެ އެވެ.

"ޖޫރިމަނާކުރުމަކީ ހައްލެއް ކަމަކަށް އަހަރެމެން ނުދެކެން،" އެންއީޔޫގެ ފަރާތުން ވާހަކަ ދެއްކެވި ޖެރީ ގްލޭޒިއާ ވިދާޅުވި އެވެ. "މަޝްވަރާތަކެއްކޮށްގެން މިއަށް ވުރެ ރަނގަޅު ހައްލެއް މިކަމަށް ހޯދޭނެ."