Roadha Mihaaru
ލޯފަން ކުދިންގެ ބްރެއިލް ބްރިކްސް ނެރެފި

ލޯފަން ކުދިންނަށް ހާއްސަ ބްރެއިލް ބްރިކްސް ލެގޯ އިން ނެރެފި

22 އޯގަސްޓް 2020

ލޯފަން ކުދިންނަށް ހާއްސަކޮށްގެން މިދިޔަ އަހަރު އުފެއްދި ބްރެއިލް ބްރިކްސްގެ ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބުވެފައިވާތީ، ޑެންމާކްގެ ލެގޯ އިން ރަސްމީކޮށް އެ ނެރެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލޯފަން ކުދިންނަށް ހާއްސަކޮށްގެން މިދިޔަ އަހަރު އުފެއްދި ބްރެއިލް ބްރިކްސްގެ ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބުވެފައިވާތީ، ޑެންމާކްގެ ލެގޯ އިން ރަސްމީކޮށް އެ ނެރެފި އެވެ.

ލޮލަށް ފެނުމުގައި މައްސަލަ ހުންނަ ކުދިންނަށް ހާއްސަކޮށްގެން އުފެއްދި ބްރެއިލް ބްރިކްސް ޓެސްޓްކުރަން ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެކަން ލެގޯ އިން އިއުލާންކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.

ލެގޯ ފައުންޑޭޝަނުން ބުނީ ފެނުގެ މައްސަަލަތައް ހުންނަ ކުދިންނަށް ހާއްސަކޮށްގެން އުފެއްދި ބްރެއިލް ބްރިކްސް އަކީ އެފަދަ ކުދިންނަށް ކިޔަވައިދޭ ސްކޫލްތަކާއި އެ ނޫން ވެސް އިންސްޓިޓިއުޝަންތަކުގައި ބޭނުން ކުރަން ވަރަށް އެކަށޭނެ އެއްޗެއް ކަމަށެވެ.

ލެގޯ ފައުންޑޭޝަނުން ބްރެއިލް ބްރިކް ރަސްމީކޮށް ނެރެފައި ވަނީ ވަރަށް ގިނަ ބަހުރުތަކުން އެ އެއްޗެހި ޓެސްޓްކޮށް، ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބުކަމަށް ދެއްކުމާ ގުޅިގެންނެވެ. އެހެންވެ ހަތް ގައުމަކަށް ބްރެއިލް ބްރިކްސް މިހާރު ވަނީ ރަސްމީކޮށް ނެރެފަ އެވެ. އެ ގައުމުތަކަކީ އިނގިރޭސިވިލާތާއި އެމެރިކާ އާއި ފްރާންސާއި ބެރްޒިލް، ޑެންމާކް، ޖަރުމަން އަދި ނޯވޭ އެވެ.

އެންމެ ފުރަތަމަ ބްރެއިލް ބްރިކްސް ތައާރަފުކުރި ގައުމުތަކަށް އެ ދޫކުރީ ހިލޭ ސާބަހަށެވެ. އެގޮތުން ފެނުމުގެ މައްސަލަތައް ހުންނަ ކުދިންނަށް ކިޔަވައިދޭ ސްކޫލްތަކާއި އިންސްޓިޓިއުޝަންތަކަށް ފޯރުކޮށް ދީފައިވެ އެވެ.

ބްރެއިލް ބްރިކްސްގައި 300 އަށް ވުރެ ގިނަ ބްރިކްސް ހުންނާނެ އެވެ. އަދި އެކި ބަހުރުވަތަކުގެ އަކުރުތަކާއި ހިސާބު ނަމްބަރުތަކާއި ހިސާބުގެ ސައިންތަކާއި ޕަންކްޗްއޭޝަން މާކް ބްރިކްސްތަކުގައި ހުންނާނެ އެވެ.

ލެގޯ ފައުންޑޭޝަނުން ބުނިގޮތުގައި އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު އިތުރު 20 ގައުމަކަށް ބްރެއިލް ބްރިކްސް ތައާރަފުކުރުމެވެ.

މިދިޔަ އަހަރު ލޯފަން މީހުންނަށް ހާއްސަކޮށްގެން "އުނޯ" ގެ ބްރެއިލް ވާޝަނެއް ވެސް ނެރެފައިވެ އެވެ. އެ ނެރެފައި ވަނީ ކުޅޭ ސާމާނު އުފައްދާ އެމެރިކާގެ ކުންފުނި މެޓެލް އާއި ނެޝަނަލް ފެޑެރޭޝަން އޮފް ދަ ބްލައިންޑާ ގުޅިގެންނެވެ.